ހަބަރު

ކޯޓުތަކަށް މިނިވަންކަން ލިބިއްޖެ: ސަރުކާރު

ސިޔާސީ ކަންކަމުން އެއްކިބާވެ ރާއްޖޭގެ ކޯޓުތަކަށް މިނިވަންކަން ލިބިފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އަދި ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ ރާއްޖެ ސިޔާސީ ކަންކަމުގެ ތެރޭގައި ގާތްގަނޑަކަށް ހަތް އަހަރު ހޭދަ ކުރުމަށް ފަހު މިހާރު އެކަންކަމުން އެއްކިބާވެ، ހަމައަކަށް އެޅިފައިވާ ކަމަށާއި އޭގެ ސަބަބުން ކްރިމިނަލް ޖަސްޓިސް ސިސްޓަމްއަށް ފޯކަސް ކުރަން ފެށިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު 1900 އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި އެއީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމަށް ހޫދު ވިދާޅުވި އެވެ. އަދި މިހާރު އެ މައްސަލަތައް ނިންމަން ހިފިޔަސް ދެ އަހަރާއި ބައި ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިހާރު ކޯޓުތަކަށް ވެސް އެއޮތީ މިނިވަންކަން ލިބިފައި އެ ބޭފުޅުން އެ މަސައްކަތާގެން ކުރިޔަށް ދާންވީ،" ހޫދު ވިދާޅުވި އެވެ.

މީގެ ކުރިން ކޯޓުތަކަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި ރިޝްވަތާއި ގިނަ ޖަރީމާތައް އެތަންތަނުގައި ހިނގާ ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. އެހެންކަމުން ކޯޓުތައް އިސްލާހުކޮށް އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގަތް އެންމެ ބޮޑު އެއް ވައުދެވެ.

މިހާރު އެ ވައުދު ފުއްދުނީތޯ އަވަސް އިން ސުވާލު ކުރުމުން ހޫދު ވިދާޅުވީ ކޯޓުތައް އިސްލާހު ކުރުމުގެ ވައުދު އެއްކޮށް ހާސިލް ނުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި މިހާރު ބޮޑެތި ކުރި އެރުންތަކެއް ލިބިފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ވަރުގަދަ ކުރި ފަހުން ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލަން ފަށައިފަ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ފިޔަވަޅު އަޅައި ފަނޑިޔާރުކަމުން ވެސް ވަކި ކުރި އެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގައި ކުރީގެ އެއްވެސް ފަނޑިޔާރަކު ނެތެވެ. އެ ކޯޓުގައި މިހާރު ތިބީ މި ސަރުކާރުން އައްޔަންކޮށްފައި ތިބި ފަނޑިޔާރުންނެވެ.