ރިޕޯޓް

ފަތުވާދިނުމުގެ އުޞޫލުތަކާއި ނިޒާމު ހަރުދަނާ ކުރުން

ފަތުވާދިނުމަކީ ދީނުގެ ނަޒަރުން ބަލާއިރު ވަރަށް ބޮޑު ކަމެކެވެ. އެއީ ވަރަށް މަތިވެރި މަސްއޫލިއްޔަތެކެވެ. އެއީ ﷲ ގެ ރިސާލަތު ތަބުލީޣު ކުރުމެވެ. ޝަރުޢުގެ ޙުކުމްތައް ބަޔާންކޮށްދިނުމެވެ. އުންމަތުގެ އިމާމުންނާއި ޢިލްމުވެރިންގެ ސިޔަރަތަށް ބަލައިލުމުން ފެނިގެންދަނީ ފަތުވާ ދެއްވުމުގައި އެބޭކަލުން ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގަންވާކަމުގައެވެ. ސަބަބަކީ އެއީ ﷲގެ ދީނުގެ ޙުކުމެއް ބަޔާންކުރުމުގެ ގޮތުން ކުރެވޭ ކަމަކަށްވާތީއެވެ. ފަތުވާ ދިނުމުގައި ﷲ ދެކެބިރުވެތިވުމަކީ ލާޒިމުވެގެންވާ ކަމެކެވެ. އަދި ޢިލްމު ނެތި ދީނީ ކަންކަމުގައި ފަތުވާ ދިނުމަކީ ފާފަވެރިވާނެ ކަމެކެވެ.

މިޒަމާނުގައި އިސްލާމީ މުޖުތަމަޢުތަކުގައި ދީނީ ކަންކަމުގައި ބައިބައިވުން ބޮޑުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ފަތުވާތައް ގިނަވުމެވެ. އެއް މައްސަލައެއްގައި ތަފާތު ބޮޑު ރައުޔުތައް ގިނަވުމެވެ. އެކަން އެގޮތައް ދިމާވެފައި އޮންނަނީ ދީނީ ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމުގެ ނިޒާމު ބަލިކަށިވުމުންނެވެ. ތަފާތު ޤައުމުތަކުން ދީން ކިޔަވާފައި ތިބި ފަރާތަކުގެ މެދުގައި ޝަރުޢީ ކަންކަމުގައި މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް އޮންނަންޖެހޭނެއެވެ. ވަރަށް ގިނަ ޤައުމުތަކުގައި މިހާރު އެފަދަ މަޖްލިސްތަކާއި ގުޅުންތައް އޮވެއެވެ. އިހު ޒަމާނުގައި ދަންނަބޭކަލުންގެ މެދުގައި ދީނީ ކަންކަމުގައި އެކަކު އަނެކަކަށް މަޝްވަރާކުރުން އޮވެއެވެ. މުނާޡަރާތައް އޮވެއެވެ. އިލްމީ ދަރުބާރުތައް އޮވެއެވެ. ބަހުޘްކުރުން އޮވެއެވެ. މިއަދު ގިނައީ ރައްދު ދިނުމެވެ. ގިނަ ފަހަރު ރައްދު ދެވެނީ ވެސް ޢިލްމީ ގޮތަށްވުރެ ބޮޑަށް ޒާތީ ގޮތުންނެވެ. މިކަންކަން ރަނގަޅު ކުރެވެން ޖެހެއެވެ.

މީގެ އިތުރުން، ކޮންމެ ޒަމާނެއްގައިވެސް އެޒަމާނަކަށް ޚާއްޞަ މައްސަލަތަކަކާއި ކަންކަން ހުންނަ ކަން ދަންނަންޖެހެއެވެ. މިޒަމާނުގައި މީސްތަކުންގެ ޢުރުފާއި ޘަޤާފަތާއި އާދަކާދަތަކާއި ވިސްނުމާއި ފިކުރާއި އުޅެމުންދާ ވައްޓަފާޅިއަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކޮންމެ ޒަމާނެއްގައި އުޅޭ ފަތުވާ ދޭ މީހަކަށް ވިޔަސް އެޒަމާނެއްގެ ޙާލަތާއި ގުޅިގެން އޭނާގެ މައްޗަށް ކަންތައްތަކެއް ލާޒިމު ކުރެއެވެ. ފަތުވާ ދިނުމަކީ " އިސްލާމް ދީނުގެ ޙުކުމެއް އޮޅުން ފިލުވައި ދިނުމަށް އެދި، ކުރެވޭ ސުވާލަކަށް ދަލީލާއެކު ޖަވާބު ދިނުމެވެ." މިހެންކަމުން ފަތުވާ ދޭމީހާގެ މައްޗަށް ލާޒިމުވެގެންވާ ކަންކަމުގެ ތެރޭގައި ޤުރުއާނާއި ސުންނަތުގެ ޢިލްމު ފުރިހަމައަށް ލިބިފައިވުމާއި، އެ ދެ މަޞްދަރުގެ ނާސިޚާއި މަންސޫޚު ދެނެގަތުމާއި ޝަރީޢަތުގެ މަޤުޞަދުތައް އޮޅުން ފިލައިފައިހުރުމާއި އިޖުތިހާދުކުރުމާއި އިޖުމާޢުގެ ޙުކުމްތަކާއި ޞައްޙަ ޤިޔާސް ވަޒަންކުރަން އެނގުމާއި މީސްތަކުގެ އާދަކާދަތަކާއި ޘަޤާފަތަށް ރިޢާޔަތްކޮށް ފަތުވާދިނުން ހިމެނެއެވެ. އަދި ފަތުވާ ހޯދަން އެދޭ މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތް މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއްގައި އޮތް ޚިލާފު ދަލީލުތަކާއެކު ތަފްޞީލުކޮށް ބަޔާންކުރަންޖެހޭނެއެވެ. މުޢުތަބަރު ޚިލާފުތަކަށް ޖާގަ ދޭންޖެހޭނެއެވެ. ތިމާ ދެކޭ ގޮތް އެކަނި އެއީ ޙައްޤު ގޮތް ކަމުގައި ބަލައިގެން ނުވާނެއެވެ. ޙަޤަކީ ދަލީލެވެ. ފަތުވާއަކަށް އެދޭ މީހާވެސް ޖެއްސުމަށް ސުވާލުކޮށްގެން ނުވާނެއެވެ. ދަލީލު ތަކުގެ އަލީގައި އިތުބާރު ހުރި ޢިލްމުވެރިޔަކު ޖަވާބު ދިނުމުމުން، އެއަށް މަލާމާތްކޮށް ފުރައްސާރަކޮށްގެންނުވާނެއެވެ. އިތުރު ޖަވާބެއް އޮތްތޯ ބަލަން ބޭނުންވާ ނަމަ، އެހެން ޢިލްމުވެރިއެއްގެ ކުރެން ސުވާލުކުރާނީއެވެ.

ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި ފަތުވާއަށް އެއްސެވުނު ކަންކަމާމެދު، ﷲ އެކަލޭގެފާނަށް ވަޙީގެ ޒަރީޢާއިން ޖަވާބު ދެއްވާފައިވެއެވެ. ވަޙީގެ ޒަރީޢާއިން ކުރިން ޢިލްމެއް ލިބިވަޑައިގެންފައި ނެތްކަމެއްގައި އަމިއްލަ އިޖުތިހާދުން އެއްވެސް އެއްޗެއް ވިދާޅު ނުވެ، އެކަމުގައި ވަކި ގޮތެއް ވަޙީގެ ޒަރީޢާއިން ބާވާލެއްވެންދެން އިންތިޒާރު ކުރައްވައެވެ. އެހެންކަމުން ޙަޤީޤަތަކީ ޙަރާމްކަންކަމާއި ޙަލާލު ކަންކަންވަނީ ވަނީ ބަޔާންވެގެންނެވެ. އެ ދެމެދުގައި ހުރި ކަންކަމަކީ ޢިލްމު ލިބިގެންވާ ބަޔަކަށް ނޫނީ ނޭނގޭނޭ ކަންކަމެވެ. ޢިލްމުވެރިޔާގެ ވާޖިބަކީ ދީނުގެ ޙުކުމަކާ ބެހޭ ގޮތުން އޭނާއާއި ސުވާލުކުރެވުމުން، ހަވާ ނަފްސުގެ އެދުންތަކުން އެއްކިބާވެ ހުރެ ﷲގެ ދީނުގައި އެކަން އޮތް ގޮތް އޭނާއަށް އެނގި ހުރި މިންވަރަކުން ދަލީލުތަކާއެކު ބަޔާންކޮށްދިނުން އެކަންޏެވެ. އެއްވެސް ޢިލްމުވެރިޔަކަށް ވެސް އަމިއްލަ އަމިއްލަ އަށް ކަންކަން ޙަރާމްކޮށް ޙަލާލު ނުކުރެވޭނެއެވެ.

ޢިލްމުވެރިން ގެބަސްފުޅުތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ ފަތުވާއަކީ އިލްޒާމީ އެއްޗެއްނޫންކަމެވެ. ފަތުވާއާއި ފަނޑިޔާރުކަމާއި މިއީ ދެކަމެކެވެ. ފަނޑިޔާރުގެ ޙުކުމަކީ އިލްޒާމީ އެއްޗެކެވެ. ޢިލްމުވެރިޔަކު ދޭ ފަތުވާއަކީ އެއަށް ޢަމަލުކުރުމުގައި އިޚްތިޔާރީ އެއްޗެކެވެ. އެއް މުފްތީއަކަށް ވުރެ، ފުރިހަމަ ދަލީލުތަކާއެކު އެއް މައްސަލައެއްގައި އެހެން މުފްތީއަކު ޖަވާބު ދެއްވުމަކީ ޠަބީޢީ ކަމެކެވެ. އެހެންކަމުން ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ ޤަޟާއީ މައްސަލަތަކުގައި މުފްތީން ފަތުވާ ނުދެއްވުމަށެވެ. މިސާލަކަށް ކައިވެންޏާއި ވަރިއާއި މި ބާވަތުގެ ކަންކަމަކީ ކޯޓުން ނިންމާ ކަންކަމެވެ. ނަމަވެސް ރޯދައާއި ޒަކާތާއި ޙައްޖާއި މިބާވަތުގެ ކަންކަމަކީ ކޯޓުން ޙުކުމް ބަޔާންކުރާ ކަންކަމެއްނޫނެވެ. ކޯޓުން ނިންމަންޖެހޭ ކަންކަމުގައި ޢިލްމުވެރިޔަކަށް ރައުޔެއް ނުދެވޭނެ ވާހަކައެއްނޫނެވެ. ނަމަވެސް މިދެންނެވީ އެކަންކަމުގައި ފައިނަލް ނިންމުން ބިނާވާނީ މުފްތީ އަށް ވުރެ، ޤާޟީގެ ނިންމުމަކަށް ކަމުގައެވެ.

ފަތުވާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިމްޕޯޓުކުރާ އެއްޗެއްނޫނެވެ. ކޮންމެ ޤައުމެއްގެ ބަޔަކު ވެސް އުޅެމުންދާ މުޖުތަމަޢަށް ރިޢާޔަތްކުރެވެންޖެހޭނެއެވެ. ފިޤުހީ ގޮތުން ޢާއްމު ރައްޔިތުން ތަބަޢަވާ މަޒުހަބަށް ވެސް ރިޢާޔަތްކުރެވެންޖެހޭނެއެވެ. ޝާފިޢީ މަޒުހަބުގެ ފިޤުހަށް ތަބަޢަވާ ޢާއްމު ރައްޔިތުންގެ މެދުގައި ޙަމްބަލީ މަޒުހަބަށް ފަތުވާދީގެންނުވާނެއެވެ. ކޮންމެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި ފަތުވާ ދޭންވާނީ އެޤައުމުގެ ކަންކަން ރިޢާޔަތްކުރެވިގެންނެވެ. އެހެންނޫނީ ފިތުނަ ފަސާދައަށް މަގު ފަހިވެގެން ހިގައިދާނެއެވެ.
ފަތުވާ އެއް ނެރުމުގައި ހާލަތު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޢުޤޫބާތާއި އިޖުތިމާޢީ ބައެއް ކަންކަމާއި ޢާއްމު ދިރިއުޅުމާ ގުޅޭ ބައެއް މިސާލުތައް ދަންނަވާލާނަމެވެ. މިސާލަކަށް ޙައްދުގެ ކަންކަމެވެ. ޒިނޭކުރުމަކީ ޙައްދު ވާޖިބުވާ ކަމެކެވެ. ނަމަވެސް ޒިނޭގެ ސަބަބުން ބަލިވެ އިން އަންހެނާއަށް، ބަލިވެ އިންދާ ޙައްދު ޤާއިމު ކުރުން ލަސްކުރަންޖެހެއެވެ. އަދި ވިހެއުމަށް ފަހު، ދަރިއަށް ކިރުދޭ މަރުޙަލާގައި ވެސް ޙައްދު ޤާއިމު ކުރުން ލަސްކުރެވެއެވެ. ހަނގުރާމައިގެ މައިދާނުގައި މީހަކު ވަށްކަން ކުރިއަސް ވަށްކަމުގެ ޙައްދު ހަނގުރާމައިގެ މައިދާނުގައި ޤާއިމު ނުކުރެވޭނެއެވެ. އަދި ބަނޑުހައި ހޫނު ކަން އޮތް ތަނެއްގައި ވެސް ވަށްކަމުގެ ޙައްދު ޤާއިމު ނުކުރެވޭނެއެވެ.

އިޖުތިމާޢީ ގޮތުން ބަލާއިރު، ވަށްކަން ކުރުމަކީ ޙަރާމްކަމެއްކަމުގައިވާއިރު، އަނބިދަރީންނަށް އަޅާނުލާ ޚަރަދު ނުދީ އުޅޭ ފިރިމީހާއަށް ނާންގައި އޭނާގެ މުދަލުން، ނުވަތަ ޖީބުން ފައިސާ ވަގަށް ނަގައިގެން ދަރީންނަށާއި އަނބިމީހާގެ ޚަރަދު ހެޔޮ ގޮތުގައި ބެލެހެއްޓުމަކީ ވެސް ހުއްދަ ކަމެކެވެ. އެގޮތައް ކީރިތި ރަސޫލާ އަންހެންބޭކަނބަލަކަށް ފަތުވާ ދެއްވާފައިވެއެވެ.

ޝަރީޢަތް ބާވާލެއްވިގެންވަނީ އަޅުތަކުންގެ މަޞްލަޙަތައްޓަކައެވެ. ފުރާނަ ސަލާމަތްކުރުމަކީ ޝަރީޢަތުގެ މަޤުޞަދެކެވެ. މިހެންކަމުން ޙާލަތަށް އަންނަ ބަދަލާ ގުޅިގެން ޝަރުޢުގެ މަޤާޞިދުތަކުގެ އަލީގައި ފަތުވާ އަށް ބަދަލު އަންނާނެއެވެ. މިސާލަކަށް، ބަނޑުގައި އޮންނަ ދަރިފުޅު އޮބޯޓް ކުރުމަކީ އަޞްލުގައި ޖާއިޒު ކަމެއް ނޫނެވެ. ނަމަވެސް އެދަރިއަކީ ޚަލްޤު ފުރިހަމަ ނުވެ އޮތް ކުއްޖަކަށްވުމުން، ނުވަތަ ނުރައްކާތެރި ދާއިމީ ބައްޏެއް ހުރި ކުއްޖަކަށްވާނަމަ ނުވަތަ ޝަރުޢީ، ނުވަތަ ޞިއްޙީ އެނޫން ވެސް ސަބަބެއް ހުރެއްޖެ ނަމަ ސަތޭކަ ވިހި ދުވަހުގެ ކުރިން އެބޯޓްކުރުން ޖާއިޒުވެގެން ވާކަމުގައި ފިޤުހުވެރިން ވިދާޅުވެއެވެ. ސަތޭކަ ވިހި ދުވަސް ( ފުރާނައެޅުއްވުމުގެ) ފަހުން، އެފަދަ ސަބަބަކާ ވިދިގެން ވެސް އެބޯޓްކުރުން ހުއްދަ ނުވާއިރު، އެންމެ ޙާލަތެއްގައި ހުއްދަވެގެންވެއެވެ. އެއީ އެކުއްޖާ ބަނޑުގައި އޮވެ ބޮޑުވުމުގެ ތެރޭގައި މަންމަގެ ފުރާނައަށް ނުރައްކަލެއް އޮތް ކަމަށް އިތުބާރު ހުރި ޑޮކްޓަރުން ބުނެފި ނަމައެވެ. އެ ޙާލަތުގައި އިސްކަން ދެވޭނީ ދިރިހުރި މަންމައަށެވެ.

ޢާއްމު ޙާލަތަށް ބަލާއިރު، އިންސާނީ ޞޫރަ އަށް އެކި ގޮތް ގޮތް ހަދައި ޚަލްޤު ބަދަލު ކުރުމަކީ ހުއްދަކަމެއްނޫނެވެ. ނަމަވެސް އިންސާނީ ސޫރަ ގެއްލޭ ގޮތަށާއި ޢައިބު ވާގޮތައް ހުންނަ ދަތްތައް ރީތިކޮށް، ނުވަތަ ބުމައިގައި ހުންނަ އިސްތަށިތައް ކޮށައި، ދެމަފިރިން ވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ ރީތިވުމަކީ " ޙަރާމްގޮތުގައި ބުމަ" ހެދުންކަމުގައި ނުބެލެވޭނެއެވެ. ޒުވާން އަންހެނަކާ އިދެގެން އުޅޭ ޢުމުރުން ދޮށީ ފިރިހެނެއް، އޭނާގެ ބޮލުގައި ނުވަތަ ތުބުޅީގައި ކަޅުކުލައާއި އެހެން ކުލައެއްވެފައި ހުންނަ ކުލަ ޖައްސައި ރީތިވުމަކީ ވެސް ޖާއިޒު ކަމެކެވެ. ކަޅުކުލަ ޖެއްސުމަކީ މަކްރޫހަކަމެއްކަމުގައި ބައެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ އިރު، އަނެއްބައެއްގެ ނަޒަރުގައި އެއީ ހަމަ ޖާއިޒު ކަމެކެވެ. ބައެއް ބޭކަލުން އެއީ ޙަރާމްކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެމައްސަލައަކީ ޙަރާމްކަމުގެ މައްޗަށް ދަންނަބޭކަލުންގެ އިޖުމާޢު އޮތް މައްސަލައެއްނޫނެވެ. ޒުވާން ފިރިހެނަކާ އިނދެގެން އުޅޭ ދޮށީ އަންހެނާ އޭނާގެ ފިރިމީހާ ހިތްހަމަޖެއްސުމަށް ރީތި ސިފަ ގެނައުމަށް، އޭނާގެ ބޮލުގައި ހުންނަ ނުރައިގައި ކަޅު ކުލަ ޖައްސައި، ނުވަތަ ބުމައިގެ ޢައިބު ފިލުވައި ފިރިމީހާއަޓަކައި ޒީނަތްތެރިވުމަކީ ވެސް ޖާއިޒުކަމެކެވެ. ހަމަ އެގޮތައް ބޮލުގައި ނުރަގިނަ ޒުވާން އަންހެންކުއްޖާ ވެސް، ކުލަ ޖެއްސުމަކީ ޖާއިޒު ކަމެކެވެ. ފިރިހެންވަންތަ ސިފަ ފާޅުވާ ގޮތައް ބައެއް އަންހެނުންގެ މޫނުގައި ފަޅާފައި ހުންނަ އިސްތަށިތައް ބޭލުމަކީ މުސްތަޙައްބު ކަމެކެވެ. މި ދެންނެވި ފަދަ ކަންކަމަކީ މީހާއާއި ޙާލަތާއި މަޤުޞަދަށް ރިޢާޔަތް ކުރެވިގެން ދީނީ ޖަވާބު ދެވެންވާނެ ކަންކަމެވެ. މީހާގެ ޙާލަތަށާއި، ކަންކަމުގައި ރަނގަޅަށް ދިރާސާ ނުކޮށް، އަވަސް އަރުވާލައިގެން ފަތުވާދީ ހެދުމަކީ ރަނގަޅު ކަމެއްނޫނެވެ.
މިޒަމާނުގައި ސޯޝަލްމީޑިއާ އަށް ބަލާލުމުން ފަތުވާގެ ކޯޅުން އޮތްވަރު ވަޒަންކޮށްލެވެއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. ދީނުގެ ކަންކަމުގައި މިޒަމާނުގައި ފަތުވާދޭންވާނީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެންނެވެ. ޚާއްޞަކޮށް ޒަމާނީ އެކި އެކި މައްސަލަތަކުގައި އެންމެ މީހެއްގެ ފަތުވާއަށް ބަލައި ގޮތް ނިންމިގެން ނުވާނެއެވެ. އެކަންކަމުގައި ޖަމާޢީ ފަތުވާއަކީ ވަރަށް މުހިންމު ކަމެކެވެ. ޖަމާޢީ ފަތުވާގެ މާނައަކީ އެކަކަށް ވުރެ ގިނަ ޢިލްމުވެރިން އެކަމާމެދު ޢިލްމީ ގޮތުން މަޝްވަރާކޮށް ދަލީލުތަކަށް ނަޒަރު ހިންގައި ބަލައި ފަތުވާއެއް ނެރުމެވެ. ހަމަ އެހެންމެ، އެހެނިހެން ފިޤުހީ މަޒުހަބުތަކުގެ މެދުގައި އޮތް ގޮތް ވެސް ބަލާލުމަކީ މުހިންމު ކަމެކެވެ.

މިޒަމާނުގައި ގިނަ ޤައުމުތަކުގައި ފަތުވާ ކައުންސިލްތަށް ހެދިފައިވަނީ އެބޭނުމަށްޓަކައެވެ. އަދި ބައިނަލްއަޤުވާމީ ފިޤުހު އެކަޑަމީތަކާއި އިސްލާމީ ރިސާރޗް އެކަޑަމީ ތައް ހެދިފައިވަނީ ވެސް އެބޭނުމަށްޓަކައެވެ. ފަތުވާ ދިނުމަކީ ކުޅޭކުޅޭ ކަމަކަށް ވެއްޖެ ނަމަ މުޖުތަމަޢު ހަލާކުވެގެން ހިގައިދާނެއެވެ. ނުވަތަ މީހަކު ސުވާލުކޮށްލާއިރަށް ގޫގަލް އިން އޭގެ ޖަވާބެއް ހޯދާފައި ދީފި ނަމަވެސް އެއީ ޢަދުލުވެރި ޙައްލެއްނޫނެވެ. ގޫގަލްގައި ހުންނަނީ އެކި މަޒުހަބަށް ދީފައި ހުންނަ ފަތުވާއެވެ. އަދި މިހާރަކަށް އައިސް ރާއްޖޭގައި ޢާއްމުވެގެން އުޅެނީ ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން ދެއްވާފައި ހުންނަ ފަތުވާތަކެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ. އަދި ރާއްޖޭގެ މިސްކިތްތަކުގައި ވެސް މިހާރަކަށް އައިސް ޙަމްބަލީ މަޒުހަބުގެ ފޮތްތައް ވެސް އެބަ ކިޔަވާދެއެވެ. ރާއްޖޭގެ ޢާއްމު ރައްޔިތުންނަކީ ޝާފިޢީ މަޒުހަބުގެ ފިޤުހަށް ތަބަޢަވާ ބައެކެވެ. ޢާއްމު ރައްޔިތުން ފިޤުހީ ވަކި މަޒުހަބަކަށް ތަޤުލީދު ކުރުމަކީ މައްސަލައެއްނޫނެވެ. މިދެންނެވީ މަޒުހަބަށް ތަޢައްޞުބްވާންވީ ވާހަކައެއްނޫނެވެ. މަޝްހޫރު ހަތަރު މަޒްހަބަކީ ވެސް ސުންނީ މަޒްހަބުތަކެވެ. ނަމަވެސް މި މަޒްހަބުތަކަށް މީހުން އުޅޭ ޤައުމުތަކުގައި ފަތުވާ ދިނުމުގައި މަޒުހަބަށް ރިޢާޔަތްކުރެވެންޖެހޭނެއެވެ. މައްސަލައެއްގައި ތަރުޖީޙު ދޭނީ ދަލީލުތަކަށް ރިޢާޔަތްކޮށްގެންނެވެ. ޙައްޤަކީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުއެވެ. ޖުމުހޫރުންގެ ރައުޔަކީ އިޖުމާޢު އެއްނޫނެވެ. ދީނުގެ ޙުކުމެއްގައި ދަންނަބޭކަލުން އިޖުމާޢުވޭ ބުނެވޭ ބަހުގެ މުރާދަކީ، ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު، އެޒަމާނެއްގައި އުޅޭ މުޖުތަހިދު އެންމެހާ ދަންނަބޭކަލުން ޝަރުޢީ ޙުކުމެއްގެ މައްޗަށް އިއްތިފާޤުވުމެވެ. އެންމެ ބޭކަލަކު ޚިލާފުވަޑައިގެންފައި ވިޔަސް އެއީ އިޖުމާޢުއަކަށް ނުވާނެއެވެ. އިޖުމަޢުއަކާ ޚިލާފުވުން ޞައްޙަވެގެން ނުވެއެވެ. ނަމަވެސް ޖުމުހޫރު ޢިލްމުވެރިން ( މެޖޯރިޓީ ) އިން ވަކި ކަމެއްގައި ދެކޭ ގޮތާމެދު ދަލީލުތަކުގެ އަލީގައި ވަޒަންކޮށް ޢިލްމީ ގޮތުން ބަހުޘްކުރެވިދާނެއެވެ. އެއްޒަމާނެއްގެ ޖުމުހޫރު ޢިލްމުވެރިންގެ ރައުޔު އެއް މައްސަލައެއްގައި ފަހުން އަންނަ ޒަމާނެއްގައި ޚިލާފެއް ހުރެދާނެއެވެ. އެއީ ދަލީލުތަކާއި ޙާލަތާއި ތަނަށް ރިޢާޔަތްކޮށް އުފެދޭ ތަފާތެކެވެ.

ރާއްޖޭގެ ޙާލަތު

ދިވެހިރާއްޖޭގެ ޙާލަތަށް ނަޒަރު ހިންގާލާއިރު، ފަތުވާދިނުމުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އިސްލާމީ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިސަށް ނިޒާމީ ބަދަލުތަކެއް އަންނަން ޤައުމުގެ ޙާލަތު ލާޒިމު ކުރެއެވެ. ތަފާތު ފިޤުހީ މަދުރަސާތަކުން( ސްކޫލް އޮފް ތޯޓްސް) ނުވަތަ އެކި އެކި އިސްލާމީ ތަޚައްޞުޞްގެ އަހުލުވެރިން މެމްބަރުންގެ ގޮތުގައި ތިބޭ މަޖްލީހަކަށް ވާންޖެހޭނެއެވެ. ތަފްސީރު ޢިލްމާއި ޙަދީޘް ޢިލްމާއި ކޮމްޕެރެޓިވް ފިޤުހާއި މަޤާޞިދުއްޝަރީޢާއާއި ހުރިހާ ދާއިރާއަކުން، ބައިނަލްއަޤުވާމީ ތަފާތު ޔުނިވަރސިޓީތަކުން މަތީ ތަޢުލީމުގެ މަރުޙަލާތަކުން ގްރެޖުއޭޓް ވެފައިވާ މީހުން މެމްބަރުންގެ ގޮތުގައި ތިބޭ މަޖްލީހަކަށް ވުން މުހިންމެވެ. ދައުލަތުގެ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާ ވެގެން ނޫންގޮތަކަށް ޤައުމުގައި ދީނީ އެއްބައިވަންކަން ޤާއިމު ކުރަން ދަތިވާނެއެވެ. ބޮޑެތި މައްސަލަތަކުގައި މުޖުތަމަޢުގައި އުޅޭ ވަކި ވަކި ފަރުދުން ފަތުވާ ނެރުމުގެ ކުރީން ދައުލަތުގެ ރަސްމީ އިދާރާއިން ފަތުވާއެއް އެކަމުގައި އޮންނަންވާނެއެވެ. އެއިރުން ޙައްދުފަހަނައަޅާފައިވާ ފަރާތްތަކަށް ދޮރު ބަންދުވެގެންދާނެއެވެ.
މިހާރުވެސް ފަތުވާ ކައުންސިލުން ޝުކުރު ޙައްޤު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަކުރަމެވެ. އަޅުގަނޑު މިދަންނަވަނީ ޤައުމީ މައްސަލަތަކަށް ޙައްލު ހޯދައިދެވޭ ވަރަށް ނިޒާމު ތަރައްޤީކުރެވެންޖެހޭ ވާހަކައެވެ. މިގޮތުން ފަތުވާދޭ ދައުލަތުގެ އިދާރާގައި ޢާއްމު ރައްޔިތުންނަށް ފަސޭހައިން ސުވާލުކުރެވޭނޭ ނިޒާމެއް ޤާއިމު ކުރަންޖެހެއެވެ. އަދި ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތެއް މެދުވެރިކޮށް ފަތުވާތައް ޕަބްލިޝްކުރެވޭނެ ގޮތް ހަދަންޖެހެއެވެ. ޓުވިޓަރ މެދުވެރިކޮށް ދުވަހުން ދުވަހުން ދިމާވާ ކަންކަމަށް ޖަވާބު ދެވެންވާނެއެވެ. ދައުލަތުގައި މި ފަދަ ނިޒާމެއް ޤާއިމު ކުރެވިއްޖެ ނަމަ ރަށުތެރޭގައި އެކި މީސްމީހުންގެ ފަތުވާއަށް ބަރޯސާވުމުގެ ކަންކަން ހުއްޓިގެންދާނެއެވެ. ފަތުވާ ދިނުމުގެ ނިޒާމު އެންމެ ހަރުދަނާ އެއް ޤައުމަކީ މިޞްރެވެ. މިޞްރުގެ ދާރުލްއިފްތާއު އަކީ މިކަމުގައި ނަމޫނާ މުއައްސަސާއެކެވެ. ޢާއްމުންނަށް ފަސޭހައިން ސުވާލު ކުރެވޭނޭ ގޮތްތައް ހަމަޖެހިފައި ހުރެއެވެ. އަދި ވީޑިއޯގެ ޒަރީޢާއިން ފޮނުވެއެވެ. ހުރިހާ ގޮތަކުން ފަތުވާތައް ޢާއްމު ކުރެވެއެވެ.

އަޅުގަނޑުގެ މިނިސްޓަރކަމުގައި މިކަމަށް ނަޒަރު ހިންގައި ފިޤުހު އެކަޑަމީގެ މަސައްކަތްވެސް ފުޅާކުރެވުނެވެ. ފަހުން ފިޤުހު އެކަޑެމީ އުވިގެން ދިޔައީއެވެ. އެއީ ފަތުވާ ކައުންސިލްއާ ބެހޭ ޤާނޫނު ވުޖޫދުވުމާއެކުގައެވެ. އެއީ އަޅުގަނޑު ވަކިވުމަށް ފަހު އައި ބަދަލެކެވެ. އަޅުގަނޑު މިނިސްޓަރ ކަމާ ޙަވާލުވެގެން މިނިސްޓްރީގައި ޢާއްމުންނަށް ފަސޭހައިން ސުވާލު ކުރެވޭނެ ހޮޓްލައިނެއް ޤާއިމު ކުރީމެވެ. އަދި ޢިލްމުގައި ފުންނާބު އުސް، މެދުމިން އުޞޫލުތަކަށް ދަމަހައްޓަވާނެ، ރައްޔިތުންގެ ޘަޤާފަތާއި ޢާދަކާދަ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ޖަވާބު ދެއްވަން ހަމަޖެއްސީމެވެ. އަޅުގަނޑު ވަޒީރުކަމާ ޙަވާލުވިއިރު އެބޭފުޅާ ހުންނެވީ ވަޒީފާއިން ރިޓަޔަރ ކުރެވިފައެއެވެ. އަޅުގަނޑު އެބޭފުޅާގެ އަރިހަށް ގޮސް ދެންނެވީ ޢިލްމުވެރިންނަކީ ރިޓަޔަރވާ ބައެއް ނޫންކަމާއި އަޅުގަނޑަށް އެމަނިކުފާނުގެ އެހީތެރިކަން ބޭނުންވާ ކަމުގައެވެ. އެމަނިކުފާނު އަޅުގަނޑުގެ ދަޢުވަތު ޤަބޫލުކުރައްވައި އެއްބަސްވުމުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ވަކި ވަގުތު ތަކެއްގައި ހޮޓްލައިންގައި އެމަނިކުފާނަށް ޚާއްޞަ ކުރެވިފައިވާ ޑެސްކުގައި އިންނަވައެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެކަމުގެ ސަބަބުން އެތައް ރައްޔިތުންނަށް ފަސޭހަވެގެން ދިޔައެވެ. ދޭތެރެއަކުން އަޅުގަނޑު އެ ޑެސްކަށް ޒިޔާރަތްކޮށް އެންމެ ގިނައިން ހޮޓްލައިނަށް އަންނަނީ ކޮން ސުވާލެއްތޯ އަހައި އޮޅުން ފިލުވަމެވެ. އެންމެ ގިނައިން އަންނަނީ ވަރިއާ ގުޅޭ ސުވާލުތައް ކަމުގައި ވިދާޅުވިއެވެ. އެއީ އަޅުގަނޑުގެ ލޮބުވެތި ޝައިޚު ފަޟީލަތުއްޝައިޚު ޢުޘްމާން ޢަބްދުﷲ އެވެ. މާތް ﷲ އެމަނިކުފާނަށް ހެޔޮ ޖަޒާ ދެއްވައި ހެޔޮ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އެއީ މިކަންކަމުގައި އަޅުގަނޑުގެ ވަޒީރުކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވި ބޭފުޅެކެވެ.

އަދި ހަމަ އެހެންމެ، ދީނީ ސުވާލުތަކުގެ ޖަވާބާއި މަޢުލޫމާތު ހިމަނައިގެން އެއިރު ހިދާޔަތުގެ އަލި " މަޖައްލާ" އެއްގެ ގޮތުގައި ކޮންމެ މަހަކު އެއް ފަހަރު ނެރެމުން ދިޔައީއެވެ. މިކަންކަމަކީ ރަސްމީ ނިޒާމުގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކެކެވެ.

ރަށުތެރޭގައި އުޅޭ ޙައްދު ފަހަނައަޅާފައިވާ މީހުންގެ ޖަވާބުތަކުން ޒުވާނުންނާއި ޢާއްމު ރައްޔިތުން ސަލާމަތްކުރުމަށް އެދޭ ނަމަ، ދައުލަތުގެ ދީނީ ކަންކަން ހިންގާ ނިޒާމުގެ ތެރެއިން ޢާއްމުންގެ ސުވާލުތަކަށް ޖަވާބު ދެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެވެންޖެހެއެވެ. އޭގެ ތެރޭގައި ދުވަހުން ދުވަހުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމާއި ޚާއްޞަ މައްސަލަތަކަށް ފަތުވާ ދިނުން ހިމެނެއެވެ.
މިޒަމާނުގައި ހުރި މައްސަލަތައް ވަރަށް ގިނައެވެ. އިޤުތިޞާދީ، އިޖުތިމާޢީ، ސިޔާސީ، ޒަމާނީ އެކި ކަންކަމުގައި މި އަދު ބޭނުންވަނީ ޖަމާޢީ ފަތުވާއެވެ. ދީނީ އެއްބައިވަންކަން ޤާއިމު ކުރުމަށް އޮތް އެންމެ މުހިންމު މަގަކީއެއީއެވެ. މި މަޒްމޫނުގައި ދެންނެވިފައިވާ ދީނީ ވާހަކަތަކަކީ ފިޤުހީ އެކި ކަންކަމުގައި އަޅުގަނޑަށް ކުރެވިފައި ހުރި ދިރާސާތަކުގެ އަލީގައި ދެންނެވި ވާހަކަތަކެކެވެ. އަޅުގަނޑުގެ ބަސް ދީނީ އަސްލަކާ ތަޢާރުޟްވެއްޖެ ނަމަ، ގޮތަކީ ދީނުގައި އަޞްލުގައި ހިފުމެވެ. ވީމާ، ދެންނެވިފައި ހުރި ވާހަކައެއްގައި އެފަދަ ކަމެއް އޮތް ނަމަ ޢިލްމީ އުޞޫލުން ބަޔާންކޮށްދެއްވުން އެދެމެވެ.