ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސުޕްރީމް ކޯޓްގެ ހައިބަތަށް ބޮޑު އުނިކަމެއް ލިބިއްޖެ: ޝަހީމް

ސުޕްރީމް ކޯޓުން އިސްލާމީ ޝަރީއާގެ އިލްމު ލިބިފައިވާ ފަނޑިޔާރުން އެއްކޮށް އުނިވެގެން ދިއުމަކީ ސުޕްރީމް ކޯޓްގެ ހައިބަަށް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރި ކަމަށް ވަޑައިގެންނެވިއިރު ސުޕްރީމް ކޯޓްގައި ތިއްބެވި ފަސް ފަނޑިޔާރުން ވެސް މިހާރު ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި ފަސް ފަނޑިޔާރުންގެ އަދަދު އަލުން ހަތް ފަނޑިޔާރުންނަށް ބަދަލުކޮށް، ހަ ފަނޑިޔާރަކު މިހާރު ވަނީ ސުޕްރީމްކޯޓަށް އައްޔަން ކޮށްފަ އެވެ.

ޝަހީމް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ތެރޭގައި އެކަށީގެންވާ އަދަދަކަށް އިސްލާމީ ޝަރީއާގެ އިލްމު ލިބިފައިވާ ފަނޑިޔާރުން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުގެ މުހިންމު އެއް މަގްސަދަކީ އިސްލާމީ ޝަރީއާ ކަމަށާ އަދި ގާނޫނެއް ހެދިފައި ނެތް ކޮންމެ ކަމެއްގައި ބަލަންޖެހެނީ އިސްލާމީ ޝަރީއާގައި އެކަމެއް އޮތް ގޮތަކަށް ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ފައިނަލް ނިންމުން ނިންމާތަން. އިސްލާމީ ޝަރީއާ އާއި ގުޅުންހުރި ކަންކަމުގައި ބެންޗެއް އެއްކޮށް ތިބެން ޖެހޭ. މިއީ ވިސްނާލުން ހުރި ކަމެއް." ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓްގައި ކުރިން ތިއްބެވި ފަނޑިޔާރުންނަކީ އިސްލާމީ ޝަރީއާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ. ކުރިން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެކެވެ.