ފޭރުން

ރޭ މީހަކު ޒަހަމްކޮށްލި ހާދިސާއާމެދު ޝައްކު އުފެދިއްޖެ

މާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ޒަހަމްވި މީހާ ފުލުސް ތަހުގީގުގައި ބުނި ނަމަވެސް އެ ހާދިސާ ހިނގި ގޮތާ މެދު ޝައްކު އުފެދިފައިވާ ކަން އަވަސްއަށް އެނގިއްޖެ އެވެ.

ރޭ ބޮޑުތަކުރުފާނު މަގުގައި އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ މައުލޫމާތުތަކަށް ބިނާކޮށް ރޭ ފުލުހުން ބުނި ގޮތުން އެ މީހާއަށް ހަމަލާ ދިނީ އޭނާ އަތުން ފޭރެން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ހަމަލާ ދިނީ ފޭރުމެއްގެ ތެރޭގައި ކަމަށް ބުނެ އެ މީހާ ދޮގު ހަދަމުންދާ ކަމަށް ފުލުހުންގެ ތަހުގީގަށް މިހާރު ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި އެއީ ފޭރުމުގެ މައްސަލައެއް ކަމަކަށް ތަހުގީގަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ޝައްކުތަކެއް އުފެދުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ ހާދިސާ ހިނގި ގޮތް ހޯދަން ފަށާފަ އެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ. ރޭގެ އެ ހާދިސާގައި އެ މީހާގެ އަތުގެ ކުޑަ ހުޅާ ހަމައިން ތިން އިންޗިވަރު ތަނެއް ފުންކޮށް ކަފާލާފައި ވެއެވެ. އެހެންވެ ހޮސްޕިޓަލުން އެ މީހާއަށް ފަރުވާ ދީފައި ވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް މިގޮތަށް އޮޅުވާލި މައްސަލައެއް ފޭރުމަކާ ގުޅިގެން ފެންމަތިވެފައި ވެއެވެ.