އޮޔާ ދަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު އީރާންގެ ބޯޓުގައި މަސްތުވާތަކެތި ހުރި މައްސަލާގައި ޑީޕޯޓު ކުރަން ނިންމާފައިވާ ހަތް މީހުންނާ ކަމާ ބެހޭ އިދާރާތަކުން ހަވާލު ނުވެ އެ މީހުން މަގުމައްޗަށް ދޫކޮށްލާފައިވާ ކަން އެނގިއްޖެ އެވެ.
އދ. މަންދޫ ކައިރިން ހަތް މީހުންނާއެކު އޮޔާ ދިޔަ އީރާނުގެ ބޯޓުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރު ކުރުމަށް ފަހު ޕީޖީން ނިންމާފައި ވަނީ އެ މީހުންނަށް ދައުވާ ނުކުރުމަށެވެ. އޭގެ ބަދަލުގައި އެ ހަތް މީހުން ޑީޕޯޓު ކުރުމަށް ޕީޖީން ވަނީ ނިންމައިފަ އެވެ.
އެހެން ނަމަވެސް އެ މީހުން މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވާން ވަނީ ފަށައިފަ އެވެ. އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ ހަތް މީހުން ޑީޕޯޓު ކުރުމަށް އިމިގްރޭޝަންއާ ހަވާލު ކުރުމަށް ފުލުހުން ގުޅާފައިވާ ކަމަށާއި އެހެން ނަމަވެސް ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ޖާގައެއް ނެތުމުން މިވަގުތަށް އެ މީހުންނާ ހަވާލުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން އެކަމާ ބެހޭ އިތުރު މައުލޫމާތެއް އެނގިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެތް އެ މީހުން މިވަގުތު ބެހެއްޓޭކަށް. އެއީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރު ހުރީ ފުރިފަ ޖާގައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ހަތް މީހުން ޑީޕޯޓު ކުރުމަށް ޕީޖީ އިން ނިންމުމާ ގުޅިގެން އެ މީހުން އިމިގްރޭޝަންއާ ހަވާލު ކުރުމަށް މި މަހު 17 ވަނަ ދުވަހުން ފެށިގެން ފުލުހުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ޖާގަ ނެތުމުން އިމިގްރޭޝަނުން ހަވާލެއް ނުވާ ކަމަށެވެ. އަދި އެ މީހުން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އެ މީހުން ދޫކޮށްލާފައިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.
އީރާން ބޯޓުން މަސްތުވާތަކެތި ފެނުން މައްސަލާގައި އެ ބޯޓުގައި ތިބި ފަޅުވެރިންނަށް ދައުވާ ނުކުރަން ނިންމީ މަސްތުވާތަކެތި އެތެރެކުރުމުގެ ނިޔަތް އޮތްކަން އެނގެން ނެތުމުންނެވެ. އަދި އެ ބޯޓުގައި ދިވެއްސަކު ނެތުމާއި ދިވެހި ބަޔަކާ ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ހޯދިފައި ވެސް ނުވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.