ހަބަރު

މެޖިސްޓްރޭޓު ކޯޓްތަކުގެ ކޮންފަރަންސިން ސިސްޓަމް ގާއިމް ކުރަން ހަވާލުކޮށްފި

ރާއްޖޭގެ 101 މެޖިސްޓްރޭޓް ކޯޓެއްގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނެ ސިސްޓަމްތަކެއް ގާއިމް ކުރަން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ 101 މެޖިސްޓްރޭޓް ކޯޓެއްގެ 126 ކޯޓު ރޫމެއްގައި އޯޑިއޯ ވީޑިއޯ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމަން އައިލެންޑްމާކް ހާޑްވެއާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތުގެ އަގަކީ 1.5 މިލިއަން ރުފިޔާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ އެފަދަ ސިސްޓަމެއް ގާއިމް ކުރަނީ ޒަމާނީ ވަސީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ޝަރުއީ ތަރައްގީ ކުރަން ކަމަށާއި މުވާސަލާތީ ވިއުގަ އިތުރަށް ތަރައްގީކޮށް، ޑީޖޭއޭއާއި ކޯޓުތައް އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވޯކަކުން ގުޅައިލައި، ކޯޓުތަކުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ގާއިމުކުރާނެ ކަމަށެވެ.

އައިލެންޑްމާކް ހާޑްވެއާ އާ ހަވާލުކޮށްފައި ވަނީ އެކަން ހާސިލް ކުރަން 2016 ވަނަ އަހަރުގެތެރޭގައި ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅައިލި 101 މެޖިސްޓްރޭޓުގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ކޯޓުތަކަށް ބޭނުންވާ ސިސްޓަމްތައް ސަޕްލައިކުރާށެވެ.

އެ މަސައްކަތް ނިމުމުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ އެވެ.