ރިޕޯޓް

އެންމެ 17 އަހަރުގެ މަސްވެރިޔާ، ފޮނި އުންމީދުތަކެއްގައި

މަސްވެރިކަން އަދިވެސް ދެކެވިފައި މި އޮތީ މާ ގަދަރުވެރި މަސައްކަތެއްގެ ގޮތުގައެއް ނޫނެވެ. އެ މަސައްކަތުގައި ދެމި ތިބި މީހުންނަށް ދޭން ޖެހޭ ހަގީގީ ގަދަރު އަދިވެސް މުޖުތަމައަކުން ނުދެ އެވެ. އެކަމަކު އަހަރުގެ ގދ. ވާދޫ އުނިމާގޭ އުމުރުން އެންމެ 17 އަހަރުގެ މުހައްމަދު ޒަޔާން، ކަނޑު މައްޗަށް ނުކުމެ އެހެރީ އެކަން ބަދަލު ކުރުމުގެ ޗެލެންޖްގަ އެވެ. އެންމެންނަށް އޭނާ އެ އަންނަނީ ގޮންޖަހަމުންނެވެ. 

"އަހަންނަކީ އެހާ މޮޅަށް ކިޔެވުނު މީހެއް ނޫން. ގްރޭޑް ނުވަޔަކާ ހަމައިން ކިޔެވުން ހުއްޓާލާފައި މި މަސައްކަތް މި ކުރަނީ. ނުކިޔެވުނަސް، އެ މީހަކު ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ގޮސް ގައުމަށް ފައިދާކޮށްދިނުމަކީ ހަމަ ކޮށްދެވޭ ހިދުމަތެއް ގޮތުގައި އަހަރެން ދެކެނީ،" ޒަޔާން، "އަވަސް" އާ ވާހަކަ ހިއްސާ ކުރަން ފެށީ މި ހިސާބުންނެވެ.

ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުންނާއި ޝައުގުވެރިކަމެއް ކިޔެވުމަށް ނެތުމުން ޒަޔާން ނިންމީ ގްރޭޑް ނުވަޔަކާ ހަމައިން ދެން ސްކޫލް ދޫކޮށްލާށެވެ. އެ ނިންމުމަށް އޭނާގެ އާއިލާގެ މީހުންގެ ފަރާތުން ނުރުހުމާ ވެސް ކުރިމަތިވި އެވެ. އެކަމަކު ޒަޔާން ބޭނުންވީ ޔުނީފޯމް ބާލައި މަސްވެރިއެއްގެ ގޮތުގައި ކަނޑުމައްޗަށް ނުކުންނާށެވެ. އޭރު އޭނާގެ އުމުރުން އަދި ވާނީ 15 އަހަރެވެ. އެއީ މަސްވެރިއަކަށް ވުމުގެ ނިންމުން ނިންމި ހިސާބެވެ.

"މީހުން ފުރަތަމަ ފާޑުފާޑު އެއްޗިހި ވެސް ކީ. އެކަމަކު އެ ވާހަކަތަކަކަށް ނުބަލަން. ހިތްވަރާ އެކު ކުރިއަށް ދާން ނިންމީ. ޝައުގުވެރިކަން މަސްވެރިކަން ނޫންކަމަކަށް ނެތް،" ޒަޔާން ބުންޏެވެ. "ޓައި އަޅައިގެން އޮފީހަށް ނުދިޔައެއް ކަމަކު އަހަންނަށް ވަކި ލިބޭ އެއްވެސް އެއްޗެއް މަދެއް ނުވޭ؟،"

ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް ލިބޭ އަދަދަށް ވުރެ މާ ބޯކޮށް ޒަޔާން އާމްދަނީ ހޯދަ އެވެ. ހަފްތާއަކު އެއްފަހަރު މަސްވެރިކަމުގެ އާމްދަނީ ބަހާލާ އިރު އޭނާއަށް އެވްރެޖްކޮށް 10،000ރ. ގެއަށް ގެނެ އެވެ. އެހެން ވީމާ ޒަޔާންގެ މަސް ދުވަހުގެ އާމްދަނީ އަކީ 40،000ރ. އެވެ. މިއީ ޕްރޮފެޝަނަލް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖެހޭ އާމްދަނީއާ ނުބައްދަލު އަދަދެކެވެ.

"ކެރުމާ ހިތްވަރު ހުންނަން ޖެހެނީ. ކޮންމެހެން ނުކިޔެވޭތީ މަގުމަތީ އާވާރާވެގެން އުޅޭކަން ނުޖެހޭ. ހަމަ މި ދާއިރާއަށް ވެސް އަންނަންވީ. އަހަންނަށް ފެންނަނީ މިއީ ޒުވާނުން މި ދާއިރާއަށް އަންނަންވީ ވަގުތޭ،" ޒަޔާން ބުންޏެވެ.

އޭނާ އެ ބުނާހެން މަސްވެރިކަމަކީ ފަސޭހަ މަސައްކަތެއް ނޫނެވެ. ޒަޔާން ބުނި ގޮތުގައި އަމިއްލަ މަސައްކަތުން އަބުރުވެރި ދިރިއުޅުމެއް އުޅެވުމުގެ ފޮނި އިހުސާސް އޭނާއަށް ކުރެވެނީ މަސްވެރިކަމުގެ ތެރެއިންނެވެ. ދިރިއުޅުމުގެ އަހުލާގު އޭނާއަށް ދަސްކޮށްދެނީ އެ މަސައްކަތެވެ. ގަނޑިއަށް ފަރުވާތެރިވުމާއި، ހެނދުނު ހޭލުމާއި ދިރިއުޅުން ތަރުތީބު ކުރުމަށް އޭނާ ދަސްކުރީ ބުރަ މަސައްކަތުގެ އުދަގުލުމުގެ ތެރެއިން ކަމަށް ޒަޔާން ބުންޏެވެ.

"ރޭގަނޑު ދަންވަރު ދިއްލައިގެން އެންނަގަން ޖެހޭނެ. ވީހާ ވެސް ފަތިހަކާ ހޭލައިގެން މަސްއައިނަށް ނިކުނަން ޖެހޭނެ. ދެން އާންމުކޮށް އިރުއޮއްސޭ އިރު މަސްކޮޅު ކިރުވާލަނީ. ރަށަށް މި ދަނީ ހަފްތާއަކު އެއްފަހަރު. މީގެ ތެރެއިން ދިރިއުޅުމުގެ ކިތަންމެ ކަންކަމެއް ދަސްވޭ،" ޒަޔާން ބުންޏެވެ. "މިއީ ގޯސް މަސައްކަތެއް ކަމަށް ބުނުމުގެ ފުރުސަތެއް އެހެން ވީމާ ނެތް،"

ޒަޔާން އާއި މަސްވެރިކަމާ ދެމެދު މިހާރު މި އޮތީ ހިތާއި ހިތުގެ ގުޅުމެކެވެ. ޒަޔާން ބުނަނީ، މަސްވެރިކަމާ ދުރުގައި ހުރުމަކީ އޭނާއަށް ވާނެ ކަމެއް ނޫން ކަމަށެވެ. މަސްވެރިކަމުގެ ތެރެއަށް ޒަޔާންގެ ހިތް ދޫކޮށްލެވުނީ އުމުރުން އެންމެ 10 އަހަރުގަ އެވެ. ބޮޑު ބޭބެމެންނާ އެކު ސްކޫލް ޗުއްޓީގައި މަޖަލަކަށް ފެށި މަސައްކަތް މިހާރު އެއީ އޭނާގެ ދިރިއުޅުމެވެ. ޒަޔާން ބުނާ ގޮތުން މިއީ މަޖާ މަސައްކަތެކެވެ. އޭނާއަށް ހިތްހަމަ ޖެހުން ލިބެނީ އަތްވައި ވާރޭގައި ގަދަ ކަނޑުގެ ތެރެއަށް ނިކުމެ ކުރާ މަސްވެރިކަމުންނެވެ.

"މި މަސައްކަތް ނުކުރެވެންޏާ އަސްލު އަހަރެން އަހަރެންނަކަށް ނުވާނެ. މިއީ ދޫކޮށްލެވޭ ވަރަށް ވުރެ މަޖާ އަދި އަހަރެންގެ ހިތްހަމަޖެހުން،" ޒަޔާން ބުންޏެވެ.

އެ މަސައްކަތުގައި އޭނާ ހުރީ ފޮނި އުންމީދުތަކަކާ ވެސް އެކު އެވެ. އޭނާއަށް ލިބޭ މުސާރައިގެ ބޮޑު ބައެއް ރައްކާ ކުރާ އިރު، ދެން އަނެއް ބައި ހޭދަ ކުރަނީ ހަތަރު ކޮއްކޮޔާއި އާއިލާގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ޒަޔާންގެ މަންމަ އާއި ބައްޕަޔަށް އެހީވުމަށެވެ. ރައްކާ ކުރާ ފައިސާ އަކީ ޒަޔާން ބުނި ގޮތުގައި އޭނާގެ އުންމީދެވެ. އޭނާ މިހާރު އަމާޒު ހިފާފައި އެ ހުރީ އަމިއްލަޔަށް މަސްދޯންޏެއް ގަނެ، މާ ކެޔޮޅަކަށް ވުމަށެވެ. އެކަމަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމަށް ޒަޔާން ބުންޏެވެ. ހަމައެކަނި ހުރަހަކަށް ވަނީ އުމުރުން 18 އަހަރު ނުވުމެވެ.

"އަންނަ އަހަރު އިރާދަ ކުރެވިއްޔާ އެއްކޮށް ފައިސާ ހަމަވާނެ. އަނެއްކާ 18 އަހަރު ވެސް އޭރު ފުރޭނީ. އެ ހިސާބުން އަހަރެން މިހާރު ކުރާ އުންމީދު އެ ހާސިލްވީ. އަމިއްލަ ދޯންޏެއް އޮވެ، ދުއްވުމުގެ ލައިސަންސް ވެސް އޮވެގެން މާ ކެޔޮޅެއްގެ ގޮތުގައި މަހަށް ނުކުތުން. އޭރުން ފުރަތަމަ އުންމީދު ހާސިލްއެވީ،" ޒަޔާން ބުންޏެވެ. "މިހާރު އާއިލާގެ އެންމެން ވެސް ސަޕޯޓް ލިބޭ. ރަށްޓެހިން ވެސް ބުނޭ ތިއީ ރަނގަޅު ކަމެކޭ. މިހާރު އެކަކު ވެސް ނޫނެކޭ ނުބުނެ. އެ ހިތްވަރުގެ މި ދާއިރާއިން ހަމަ ކުރިއަށް ދާނަން. މިކަމަށް ހުއްޓުމެއް ނެތް،"