ރިޕޯޓް

ރީޓެއިލާސް ލޯން: ހެޔޮވަރީ ކޮން ވިޔަފާރިއަކަށް!؟

Aug 27, 2015

"އަޅުގަނޑަށް ހީވަނީ މި ލޯނު ބޭނުން ކުރެވިދާނެ ހެން ވިޔަފާރީގައި އިތުރު ކަމެއް ކޮށްލަން. އެހެންވެ މި ލޯނު ވަރަށް ރަނގަޅު،" ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ރަސްމިއްޔާތަށް ގޮސްހުރި، އޮލިވް ގާޑަން ރެސްޓޯރެންޓްގެ އެއް ޑިރެކްޓަރު ކަމަށްވާ އަބްދުﷲ ޝަހީރު ވިދާޅުވި އެވެ.

ބީއެމްއެލްގެ "ރީޓެއިލާސް" ލޯނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ ލޯނެވެ. މި ލޯނު ފަރުމާކޮށްފައިވަނީ މުދަލާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ގޮތަކަށެވެ.

 

ރޭގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މި ލޯނަކީ މިހާރު ކުރިއަށްދާ ވިޔަފާރިއަކަށް ރަނގަޅު އިންވެސްޓްމަންޓެއް ކަމަށެވެ.

"އަލަށް ފައްޓާ ބަޔަކަށް މި ނުލިބޭނެ. އެގޮތަށް ބަލާއިރު މި ކަމަކު ނުދޭ. އެކަމަކު ވިޔަފާރިކުރަމުން ދަނިކޮށް އިތުރު ކަމަކަށް ލާރިކޮޅެއް ބޭނުންވާނަމަ އެ ފަދަ ދަނޑިވަޅެއްގައި މި ލޯނުގެ ބޭނުން ކުރެވޭނެ،" ވިޔަފާރިވެރިޔާ ބުންޏެވެ.

މި ލޯނަކީ ވިޔަފާރިތައް ކުރިއަރުވަން ރަނގަޅު "އިންސްޓްރޫމަންޓެއް" ކަމަށް ގިނަ ވިޔަފާރިވެރިން ބުނި ނަމަވެސް، މި ފިކުރާ ތަފާތު ބަޔަކު ވެސް އެބަ ތިއްބެވެ. އެ ފަދަ މީހުންގެ ނަޒަރުގައި ގައުމީ ބޭންކުން ދޭ ލޯނުތަކުގެ މައްސަލައަކީ ދައްކަން ޖެހޭ އިންޓްރެސްޓް ބޮޑުވުމެވެ.

ނަން ނުޖެހުމަށް އެދި، ރޭ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ 12 ޕަސެންޓް އިންޓަރެސްޓަކީ ކުދި ވިޔަފާރިތަކަށް ބޮޑު އަދަދެއް ކަމަށެވެ.

"މި ކިޔަނީ ކުދި ވިޔަފާރިތަކުގެ ވާހަކަ. މި މީހުން ކިރިޔާ ކަރަންޓު ބިލް ދައްކާލާފައި ގެންގުޅޭ ދެ މީހަކަށް މުސާރަ ދެވެނީ. އެހެންވެ މި ވަރުގެ އިންޓަރެސްޓް ރޭޓުގައި ލޯނު ނެގުމަކީ ދަތިކަމަށް ވާނެ،" ވިޔަފާރިވެރިޔާ ބުންޏެވެ.

ބައެއް ވިޔަފާރިވެރިންގެ ހިޔާލު މިގޮތަށް ހުރިނަމަވެސް ބީއެމްއެލް އިން މި ލޯނު ފަރުމާ ކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަލާފައިވާކަން އެނގެ އެވެ. އެގޮތުން މި ލޯނު ނަގަން ކޯޓޭޝަނެއް ހުށަހަޅާކަށް ނުޖެހެ އެވެ. 500،000ރ. އިން ދަށުގެ ލޯނަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ލޯނު ލިބެ އެވެ. މި ލޯނު އަމިއްލަ ފަރުދުންނާއި ކުންފުނިތަކުގެ އިތުރުން ޕާޓްނާޝިޕްތަކަށް ވެސް ނެގޭނެ އެވެ. މި ލޯނު ނަގަން ޝައުގުވެރިވާ ފަރާތުގެ ދަށުގައި ގިނަ ވިޔަފާރިތަކެއް ހުރިނަމަ އެ ހުރިހާ ވިޔަފާރިތަކުގައި ހުރި ޕީއޯއެސް މެޝިންތައް ވެސް ލޯނު ހޯދަން ބޭނުންވާ 50،000ރ. ގެ ވިޔަފާރި ކައުންޓްކުރުމުގައި ބެލިދާނެ އެވެ. މި ލޯނު ލިބޭނީ މަހެއްގެ މައްޗަށް ބައި ލައްކަ ރުފިޔާގެ ވިޔަފާރި ޕީއޯއެސް މެޝިނުން ވިޔަފާރި ކުރާ ފަރާތް ތަކަށެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 1،700ރ. ގެ ވިޔަފާރި އެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ގައުމީ ބޭންކުގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަ ކަމެއް ދިނުން ކަމަށެވެ.

"މިދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން. މި ލޯނަކީ ވެސް ކުރި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުމަށް ލިބޭނެ އެހީއެއް،" ހީލީ ވިދާޅުވި އެވެ.

މި ލޯނު ބީއެމްއެލް އިން އާއްމުކޮށް ދޫކުރާ ލޯނުތަކާ ތަފާތެވެ. މީގެ އެއް ތަފާތަކީ ރަހުނެއް ނެތި ވެސް ލޯނު ނެގުމެވެ. އަނެއް ތަފާތަކީ މިހާރު ދޫކުރާ "ލުއިލޯނާ" އެއް މުއްދަތެއްގައި ދައްކަން ޖެހުނު ނަމަވެސް އިންޓަރެންސްޓް ކުޑަވުމެވެ. އަދި މި ލޯނު ލިބުމުގައި ބަލަނީ ޕީއޯއެސް މެދުވެރިކޮށް ކުރާ ވިޔަފާރިއަށެވެ. މި ލޯނު މުދާ އެތެރެ ކުރުމަށް ބޭނުންވާ އޯވަޑްރާފްޓެއްގެ ގޮތުގައި ވެސް ލިބޭނެ އެވެ. ލޯނު ނަގާއިރު 500،000ރ. އިން ދަށުގެ ލޯނުތަކަށް އިންޝުއަކުރާނީ ފިހާރައިގެ މުދަލެވެ. ލޯނަށް އެދޭނަމަ ފިހާރާގައި ހުރި މުދަލުގެ ލިސްޓެއް ބޭނުންވާނެ އެވެ.

"މި ލޯނު ސްކީމްގެ 500،000ރ. އިން ދަށުގެ ލޯނު ހޯދުމަށް ބީއެމްއެލް އަށް އަންނަން ޖެހެނީ އެންމެ ފަހަރަކު. ދެން އެގްރިމެންޓެއްގައި ސޮއިކުރާކަށް ވެސް ދާކަށް ނުޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން ވިޔަފާރިވެރިން ނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް މި ލޯނު ނެގުމުން ލުޔެއް ގެނެސްދެ އެވެ. އެއީ ޑޮލަރު ހޯދުމެވެ. މި ލޯނު ނަގާ ފަރާތްތަކުން މުދާ އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ވެސް އެހީތެރިވެދޭނެ އެވެ. އެކަމަށް އިތުރު ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭނެ އެވެ.

ކޮންމެއަކަސް، ބީއެމްއެލް އިން މިފަހަރު ގެނެސްދިން މި ލޯނު ވެގެންދާނީ ވިޔަފާރިތަކަށް ކުރިއަށް ދާން ލިބޭ އާ މަގަކަށެވެ. ހާއްސަކޮށް މިހާރު ވިޔަފާރީގައި ދެމިތިބި ބޮޑެތި ފިހާރަތަކަށް ލިބުނު އިތުރު ފުރުސަތަކަށެވެ.