ރާއްޖެ އުފެދިފައި އޮންނަ އޮތް ގޮތުން ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުން ވަނީ ބޮޑު ގޮންޖެހުމެވެ. ރާއްޖެއަކީ އެއްގަމަށް ވުރެ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަަށްވުމާއެކު ސީއެމްބިއުލާންސުގެ ވިއުގައެއް އޮތް ނަމަވެސް މި ހިދުމަތް ދިނުމުގައި ގިނަ ގޮން ޖެހުން ތަކެއް އެބަހުއްޓެވެ. އެހެންވެ، ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ ޒިންމާ އުފުލަން ޖެހެނީ ވައިގެ މަގުންނެވެ. ރާއްޖޭގައި މި ހިދުމަތް ދިނުމުގައި ހަމައެކަނި ހަރަކާތްތެރިވާ ކުންފުންޏަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. އެ ކުންފުނިން ދަނީ ކޮންމެ ދުވަހަކު ވެސް ރާއްޖެ އާއި ރާއްޖޭން ބޭރަށް މި ހިދުމަތް ދެމުންނެވެ. އެހެންވެ މޯލްޑިވިއަންއަކީ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގައުމީ އެއާ އެމްބިއުލާންސް" އެވެ. ނަމަވެސް އެ ކުންފުނިން މި ހިދުމަތް ދެނީ ގިނަ ގޮންޖެހުންތަކެއް ގިރާ ކުރުމަށްފަހު އެވެ.
"އަޅުގަނޑުމެން ތިބެނީ 24 ގަޑިއިރު ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިފައި. ކުއްލި ހާލަތުގައި ކަމެއް ދިމާވާ ހިސާބުން ފެށިގެން، އެކަމުގެ އޯޑަރުގައި ތިބޭނީ. ބައެއް ފަހަރު އެއާޕޯޓް ބަންދު ގަޑިތައް ވެސް ބަލި މީހުން ގެންދަން ޖެހޭ. އެފަދަ ހާލަތްތަކުގައި އެއާޕޯޓް ހުޅުވައިގެން ވެސް ބަލި މީހާ ހޮސްޕިޓަލާ ހަމައަށް ގެންގޮސް ދެން،" މޯލްޑިވިއަންގެ ބަލި މީހުން އުފުލައި ދިނުމުގެ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޑެޕިއުޓީ ހެޑް، ރިޒަވޭޝަން ޓިކެޓިން އިބްރާހިމް ޝަފީގު (ސުޕަ) ވިދާޅުވި އެވެ.
މޯލްޑިވިއަން ހޮލިޑޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބަލި މީހުން އުފުލުމަށް އޮތް ޑިމާންޑް ގައުމީ އެއާލައިން އަށް ދަނީ އިތުރު ވަމުންނެވެ. އެއާޕޯޓްތައް ހުޅުވުން އިތުރުވާ ވަރަކަށް ގައުމީ އެއާލައިންގެ މި އޮޕަރޭޝަން ދަނީ ފުޅާ ވަމުންނެވެ. ހާއްސަކޮށް އިމަޖެންސީގައި ބަލި މީހުން ރާއްޖޭން ބޭރަށް ގެންދިއުމާއި ރާއްޖޭގެ އެކި އެއާޕޯޓް ތަކުން ބަލި މީހުން މާލެ ގެނައުން ވަނީ ބޮޑުތަން އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމަ އަށް ތަފާސް ހިސާބު ތަކަށް 13089 ޓިކެޓު އާސަންދަ މެދުވެރިކޮށް ދޫކޮށްފައިވެ އެވެ. މި ހުރިހާ ޓިކެޓެއް ވެސް އިޝޫ ކޮށްފައި ވަނީ ގައުމީ އެއާލައިނުންނެވެ. މި މީހުން ދަތުރު ކޮށްފައި ވަނީ ގައުމީ އެއާލައިންގެ ފްލައިޓުތަކުގަ އެވެ. މީގެތެރޭގައި އިމަޖެންސީ އާއި ނޯމަލް ކޭސްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރި ބަލި މީހުން ހިމެނެ އެވެ. އެ މީހުންނަކީ ގައުމީ އެއާލައިންއަށް ހާއްސަ ބައެކެވެ. އެންމެ ފުރަތަމަ ޕްރިޔޯރިޓީ އަބަދުވެސް އެމީހުންނަށް ދެ އެވެ. ސަބަބަކީ ބަލި ހާލަތުގައި ތިބޭ ބަޔަކަށް ވުމެވެ.
މި ގޮތަށް ދަތުރުކުރާ ގިނަ މީހުން ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާއަށް ގޮސްފައިވެ އެވެ.
މޯލްޑިވިއަން ހޮލިޑޭސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގެ އެކި ހިސާބު ތަކުން އޮކްސިޖަންއާއެކު 14 ބަލި މީހަކު އެ ކުންފުނިން އުފުލައި ދީފައިވެ އެވެ. މޯލްޑިވިއަންގެ ފްލައިޓުތަކުން ރާއްޖޭން ބޭރުގެ ހޮސްޕިޓަލް ތަކަށް 66 މީހަކު ގެންގޮސް ދީފައިވެ އެވެ. ބަލި މީހުން އެރުވޭ ގޮތަށް ގޮނޑިތައް ނަގައި ބޯޓުގައި ސްޓްރެޗާ ހަރުކޮށްގެން، ރާއްޖޭގެ އެކި ހިސާބު ތަކުން މާލެއަށް 25 ބަލި މީހުން އަދި ރާއްޖޭން ބޭރަށް 120 މީހަކު ގެންގޮސް ދީފައިވެ އެވެ.
ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް އޮކްސިޖަނާއި ސްޓްރެޗާ އާއެކު 52 މީހަކު މިދިއަ ނޮވެމްބަރުގެ ނިޔަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ސްޓްރެޗާ އާއި އޮކްސިޖަންއާއެކު ބަލި މީހުން އުފުލައި ދީފައިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު އެކަނި 13 މީހަކު ގެންގޮސް ދީފައިވެ އެވެ.
ނޮވެމްބަރާ ހަމައަށް ބަލި މީހުން އުފުލި އަދަދު
- ރާއްޖޭގެ އެތެރޭގައި ސްޓްރެޗާއާއެކު 25 މީހުން
- ރާއްޖޭން ބޭރަށް ސްޓްރެޗާއެކު 120 މީހުން
- އޮކްސިޖަން / ސްޓްރެޗާއާއެކު 52 މީހުން
ގައުމީ އެއާލައިންގެ މި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޓީމަކީ ނުނިދާ މަސައްކަތް ކުރާ ޓީމެއް ކަމަށް ބުނެވިދާނެ އެވެ. އެ ޓީމުން ރެ އާއި ދުވާލު އަބަދު އެލާޓްގައި ތިބޭއިރު އެމީހުން މި މަސައްކަތް ކޮށްދެނީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. އެމީހުންގެ ޓާސްކް އަކަށް ވެފައި އޮންނަނީ ކޮންމެ ހާލަތެއްގައި ވެސް ބަލި މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ނޫނީ މަސައްކަތް ހުއްޓާ ނުލުމެވެ.
ބުރަ އާއި ގޮންޖެހުންތައް ވެސް ބޮޑު
ގައުމީ އެއާލައިންގެ މި އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ، ޝަފީގު ވިދާޅުވި ގޮތުގައި ބައެއް ފަހަރު ބޮޑެތި ގޮން ޖެހުން ތަކެއް މި ހިދުމަތް ދިނުމުގައި ކުރިމަތިވެ އެވެ. ނަމަވެސް ބަލި މީހުން ގެންދަން ޖެހޭ ތަނަށް ގެންގޮސްފައި ނޫނީ މަސައްކަތް ހުއްޓައެއް ނުލަ އެވެ.
"މިއީ ވަރަށް ބައިވަރު ދާއިރާ ތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމެއް. ކްލިއަރެންސް ބޭނުންވޭ. އެ ކަހަލަ ދާއިރާ ތަކުން ކްލިއަރަންސް ނުލިބޭނަމަ ވަރަށް ދަތިވޭ. އެހެންވިއަސް މަސައްކަތް ހުއްޓައެއް ނުލަން. އަވަަށް ދެން އޮތް އޮޕްޝަން ބަލަނީ. އަނެއް ޗެލެންޖަކީ އެ ދުވަހުގެ އޮޕަރޭޝަނަށް ބަލާފަ ކުޑަ ޓައިމް ކޮޅެއް ވެސް ބައެއް ފަހަރު ލިބުން. ބަލި މީހުން ގެންގޮސް ދޭން މި ލިބޭ ކުޑަ ވަގުތު ކޮޅު މި އަރުވަނީ ކަމާ ބެހޭ ފަރާތް ތަކަށް. އެ ބޭފުޅުންނަށް އެކަން ޑެލިވާ ނުކޮށްދެވިއްޖެނަމަ ދެން އޮތް އޮޕްޝަން ވެސް ތައްޔާރުކޮށް، އަވަހަށް އެކަން އަންގަން. ކިތަންމެ ޗެލެންޖެއް ހުއްޓަސް މަސައްކަތް ހުއްޓައެއް ނުލަން،" ޝަފީގު ވިދާޅުވި އެވެ.
މުހިންމު ވަގުތު، ހިތާމަވެރި ވާހަކައެއް
ބަލި މީހަކު ވައިގެ މަގުން އުފުލުމަކީ ބޮޑު އޮޕަރޭޝަނެވެ. އެ ފަދަ ހާލަތްތަކުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާ އެއްގޮތަށް ވަކި ކަންތައް ތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ. ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލަކުން ބަލި މީހަކު ގެންދަން ވެއްޖެނަމަ ފްލައިޓް ގްރައުންޑް ކޮށްގެން ނޫނީ އެކަން ކުރުން ވަނީ ބޮޑު ހުރަހަށެވެ.
ސަބަބަކީ ބޯޓަށް ބަލި މީހާ އެރުވުމުގެ ކުރިން ބޯޓުގެ ބައެއް ޝީޓުތައް ނައްޓައި، ވަކި ގޮތަކަށް ބަދަލު ކުރަން ޖެހުމެވެ. އެހެންވެ، ޓްރާންސިޓް ފްލައިޓެއް ބަލި މީހާ އޮންނަ ސަރަހައްދަށް ޖެއްސި ނަމަވެސް ބައެއް ފަހަރު ބަލި މީހާ އެ ފްލައިޓަށް ނޭރުވޭ ހާލަތްތައް ވެސް އާދެ އެވެ. ސަބަބަކީ ބޯޓުގެ ގޮނޑިތަކަށް ގެންނަން ޖެހޭ ބަދަލެވެ. ފްލައިޓް އެކަމަށް ތައްޔާރު ކުރަން ޖެހުމެވެ.
ބައެއް ފަހަރު ބަލި މީހުން އަރުވާތީ، ބޯޓަށް އަރަން ތިބޭ ފަސިންޖަރުން ދެކޮޅު ހެދުން ފަދަ ހާދިސާތައް ދިމާވާ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި ބަލި މީހާ އަރުވަން ޝީޓް ދޫކޮށްލަން ބައެއް މީހުން ދެކޮޅު ހަދާފައި ވެސް އެބަހުއްޓެވެ. އެނގިފައިވާ ގޮތުގައި މި ފަދަ ބައެއް ހާލަތްތަކުގައި ގައުމީ އެއާލައިން އިން އެ ފްލައިޓު ޑިލޭކޮށްލައި އިމަޖެންސީގައި އުފުލަން ޖެހޭ ބަލި މީހާއާއެކު ފްލައިޓް ފުރުވާލާފައި ވެސް އެބަހުއްޓެވެ. މިއީ ހިތާމަވެރި ކަމެކެވެ. ދެރަ ކަމެވެ.
ޝަފީގު ވިދާޅުވި ގޮތުގައި ފްލައިޓަކުން ޝީޓެއް ހުސް ކޮށްދޭން އެއާލައިނުން ކަސްޓަމަރެއްގެ ކައިރީ އެދޭނީ ވަރަށް އިމަޖެންސީ ހާލަތެއްގަ އެވެ.
"ވަރަށް ކްރިޓިކަލް ކޭސްއެއް ނޫނީ ނުގުޅަން ފަސިންޖަރުންނަކަށް. އެ ފަދަ ހާލަތްތަކުގައި ގުޅައިގެން ދެން އިންނަ އޮޕްޝަން ކަސްޓަމަރަށް ދޭނެ. އެހެން ހަދަނީ ބަލި މީހާ އޮންނަ ކޮންޑިޝަންގެ ސަބަބުން. އަޅުގަނޑުމެން ރައްޔިތުންނަށް ދަންނަވާލަން އޮތީ ހިއުމެނިޓޭރިއަން އެސިސްޓެންސް ބޭނުންވާ ވަގުތު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޭނުމޭ،" ޝަފީގު ވިދާޅުވި އެވެ.
ގައުމީ އެއާލައިން މުޅި ރާއްޖެ އަށް ފެތުރެމުންދާއިރު، މީހުން ދަތުރު ނުކުރިއަވަސް އެ އެއާލައިން އެއާޕޯޓް ތަކަށް ދާން ޖެހެ އެވެ. ސަބަބަކީ އެ ކުންފުނީގެ ޒިންމާއަކީ ހަމައެކަނި ވިޔަފާރީގެ ވިސްނުމުގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށްވުމެވެ. އަދި ކިތަންމެ ގޮންޖެހުން ބޮޑު އޮޕަރޭޝަނަށް ވީ ނަމަވެސް އެ ކުންފުނި އޮތީ ބަލި މީހުން އުފުލުމުގެ ހިދުމަތުގަ އެވެ. މި ހިދުމަތް އެ ކުންފުނިން ދެނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އެހެންވެ ރާއްޖޭގެ ކޮންމެ ހިސާބަކުން ބަލި މީހަކު އުފުލަން ޖެހުނު ނަމަވެސް ނުކުންނަނީ މޯލްޑިވިއަން އެވެ.