ހަބަރު

"ބުރިޖާއި ހައިވޭގައި މަޑުކުރުމަކީ އެކްސިޑެންޓްތަަކަށް މަގުފަހިވާ ކަމެއް"

ބުރިޖާއި، ހައިވޭގައި މަޑު ކުރުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މިއަދު ބުރިޖާއި ގުޅޭ ހައިވޭގައި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ފުލުހުން ބުނީ އެ އެކްސިޑެންޓް ހިގަން މެދުވެރިވީ، ބުރިޖްގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ސައިކަލެއް ނައްޓާލަން އުޅުނު ވަގުތު ފަހަތުން އައި ސައިކަލް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 4:38 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓް ހިނގި އިރު، ފަހަތުން އައި ސައިކަލު ދުއްވަން އިނީ، 26 އަހަރުގެ ފިރިހެނެކެވެ. އަދި މަޑުކޮށްގެން އިން ސައިކަލު ދުއްވަން އިނީ 30 އަހަރުގެ އަންހެނެއް ކަމަށާއި، އެދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެމީހުންނަށްވެސް، އެކިވަރުގެ އަނިޔާލިބިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބްރިޖާއި، ހައިވޭއަކީވެސް މަޑުކުރުން މަނާ ސަރަހެއްދެއް ކަމަށާއި، އެ ސަރަހައްދުގައި ވެހިކަލް މަޑުކޮށްގެން އޮތުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގަން މަގުފަހިވާ ކަމަށެވެ. އަދި އިއްޔެވެސް އެފަދަ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި، އެހެންކަމުން ބުރިޖާއި، ހައިވޭ ބޭނުން ކުރާ އިރު، ހަދާފައިހުންނަ ގާނޫނުތަކަށާއި، ގަވައިދުތަކަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.