ހަބަރު

އާ ފަނޑިޔާރުންނާއެކު ސްޕްރީމް ކޯޓުގެ ޝަރީއަތްތައް މާދަމާ ފަށަނީ

ރިސެސްގައި އޮތުމަށްފަހު ސްޕްރީމް ކޯޓުގެ ޝަރީއަތްތައް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.

ސުޕުރީމް ކޯޓުގެ ޝަރީއަތްތައް އަލުން ފަށާއިރު، މިއީ އެ ކޯޓަށް އަލަށް އައްޔަން ކުރެއްވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ފަނޑިޔާރު ހުސްނުއް ސޫއޫދުއާއެކު ބާއްވާ ފުރަތަމަ ޝަރީއަތްތަކެވެ. މާދަމާއިން ފެށިގެން މި މަހުގެ ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ޖުމްލަ 17 މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ މައްސަލަތައްވެސް ހިމެނެ އެވެ.

އެ ދެބޭފުޅުންވެސް ސްޕްރީމް ކޯޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކޮށްފައި ވަނީ މިދިޔަ މަހު އަށް ވަނަ ދުވަހުގަ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަން ކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ މަގާމު ހުސްވެގެންނެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކޮށްފައިވާއިރު އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ހަތް ފަނޑިޔާރުންގެ ތެރެއިން މިހާރު ސުޕްރީމް ކޯޓުގައި ހުންނެވި ހަމައެކަނި ފަނޑިޔާރަކީ މުއުތަސިމެވެ. އަދި މިހާރު އަމަލު ކުރާ ގާނޫނުގެ އަސާސީގެ ދަށުން، އެނާ އަކީ އުއްތަމަ ފަނޑިޔާރުގެ މާގަމު ފުރުއްވާނެ ހަތަރުވަނަ ބޭފުޅާ އެވެ.

މުއުތަސިމްގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާއި، ހުސްނުއްސުއޫދެވެ.