ފުރަން ފޮށި ހިފައިގެން ގޮސް ޑިޕާޗާ ޓާމިނަލްގެ ކުރިމައްޗަށް ހުއްޓުނުއިރު ލިބުނީ ހައިރާން ކަމެކެވެ. އަރަން ޖެހެނީ ކޮން ކިޔޫ އަކަށް ކަމެއް ނޭނގޭ ވަރަށް އެއާޕޯޓް އޮތީ ތޮއްޖެހިފަ އެވެ. ފުރަން ވަންނަ ގޭޓުގެ ކުރިމަތިން ދަމާލި ކިޔޫ ގޮސް އޮތީ އެއާޕޯޓަށް ވަންނަ ދޮރާ ހަމައިގަ އެވެ. ޓޫރިޒަމްގެ މައި ސީޒަން ފެށުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިވަނީ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފަ އެވެ. މިހާރު ބައެއް ގަޑިތަކުގައި އެއާޕޯޓުގައި މީހުން ގިނަވެ އޮންނަނީ ތޮއްޖެހި ފުރި ބާރުވެފަ އެވެ. އަދި އެއާޕޯޓަށް ޓެކްސީތައް މަޑުކުރާ ސަރަހައްދުގައި ޓެކްސީ ކިޔޫ ދިގުކަމުން ކުރިމަތިވާ ދަތިތައް ވެސް ވަކީން ކުޑައެއް ނޫނެވެ.
މީގެ ސަބަބުން ފަސިންޖަރުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާއިރު، ރާއްޖެއަށް އަންނަ އެއާލައިންތަކަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވެސް ވަމުންނެވެ. ދިވެހި ކުންފުނި ތަކަށް ލިބޭ ގެއްލުން ވެސް އެހާ ބޮޑެވެ. މިއަދު މި މަންޒަރު ފެންނަމުންދާއިރު، މި ދުވަސް އަންނާނެ ކަމަށް ވިދާޅުވެސް ކުރިން ވެސް ތަޖުުރިބާކާރުން އިންޒާރު ދެއްވި އެވެ.
"މިހާރު ފްލައިޓް ޑިލޭވުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތަކެއް އަޅުގަނޑުމެންނަށް ވެސް ލިބޭ. ފްލައިޓް ނުޖެއްސި މަޑު ކުރަން ޖެހުމުން ތެލަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑު. އަނެއްކާ ފްލައިޓް ނުފުރި ލަސްވުމުގެ ސަބަބުން ފަސިންޖަރުންނަށް ކުރިމަވާ ދަތިތައް ވެސް އެހާ ބޮޑު. މީގެ އެންމެ ބޮޑު ގެއްލުމަކީ ކުންފުނީގެ ރެޕިއުޓޭޝަނަށް ލިބޭ ގެއްލުންވޭ،" މޯލްޑިވިއަންގެ ގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރަކަށް މުސާ ވަސީމް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދު ފުޅާވެގެން ދިޔައިރު، ވީއައިއޭ ތަރައްގީ ކުރެވިފައި ނެތުމުގެ ސަބަބުން މި ގެއްލުން ކުރިމަތިވާނެ ކަމަށް ކުރިން ވެސް ތަޖުރިބާކާރުން ދިޔައީ "އިންޒާރު" ދެމުންނެވެ. ރާއްޖޭގެ އިގްތިސޯދުގެ މައި ވިޔަފާރި ކަމަށްވާ ޓޫރިޒަމަށް ވޭތުވެދިޔަ ހައެއްހަ އަހަރުގެ ތެރޭގައި 60 އަށްވުރެ ގިނަ އާ ރިސޯޓު އަތުވެއްޖެ އެވެ. މިއާއެކު ޖުމްލަ އެނދުގެ އަދަދު ބައި ލައްކަ އިން މަތިވެފައިވާއިރު، މި ތަންތަން ވިއްކުމުގައި ސިނާއަތުން ދަނީ މަސައްކަތް ކުރަމުންނެވެ. ޓޫރިޒަމް އެރައިވަލް މަތިވެގެން ދިއުމުގެ ނަތީޖާއަކީ ވީއައިއޭގޭގައި ކެޕޭސިޓީ ނެތްވަރު ފެންނަން ފެށުމެވެ.
ދުނިޔޭގެ ގައުމުތަކުގައި ޒަމާނީ އެއާޕޯޓުތައް ހުޅުވަމުން ދިޔަ ނަމަވެސް ރާއްޖޭގެ އެއާޕޯޓް މަޝްރޫއު ވަނީ ލަސްވެފަ އެވެ. މިހާރު މެންދުރުގެ ގަޑީގައި ޓާމިނަލަކޭ "އަވަނެކޭ" ހަމަ ތަފާތެއް ނެތެވެ. މިއަށް އިތުރު ހޫނުކަމެއް އަންނަ އެއް ކަމަކީ އެއާޕޯޓުގެ ތޮއްޖެހުމެވެ. މިކަން ވަނީ ރާއްޖޭގެ "މޫނުމަތި" އެންމެ ހަޑިކޮށްލާ އެއް ކަމަށެވެ.
އެއާޕޯޓުގައި ނޭވާ ނުލެވޭ!
މި ދުވަސްވަރު ވީއައިއޭއަށް އެންމެ ބާރު ބޮޑުވާ ދެ ދުވަކީ އާދީއްތަ ދުވަހާއި އަންގާރަ ދުވަހެވެ. ހާއްސަކޮށް އާދީއްތަ ދުވަހު އެވެ. މި ދެ ދުވަހު ގިނަ އެއާލައިންތަކެއް އެއްގަޑިއެއްގައި ޖެއްސުމުގެ ނަތީޖާއަކަށް ވަނީ މި ދުވަސްތަކުގައި މުޅި އެއާޕޯޓު ގާތްގަނޑަކަށް ކޮށިއެރުމެވެ.
އެކަން ހައްލު ކުރުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ވެސް މިހާރު ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ. ކޮންމެ މަހަކު އެއާޕޯޓު ބޭނުން ކުރި ފްލައިޓްގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނާ "ހަބަރު" އާންމު ކުރުން ނޫން ކަމެއް އެމްއޭސީއެލް އަކަށް ނުވެ އެވެ. އެކަމަކު ކުރި ދިރާސާ ތަކުން މި ދުވަސް އަންނާނެކަން އެނގެން އެބައޮތެވެ.
ރާއްޖެއަށް މިދިއަ އަހަރު 1.6 މިލިއަން މީހުން އައިސް ޓޫރިޒަމްގެ ރެކޯޑެއް ގާއިމްކުރިއިރު އެއާޕޯޓު ބޭނުންކުރާ މީހުންނަށް ހިދުމަތެއް ނުދެވެ އެވެ. ރިސޯޓުތަކާއި ރީޖަނަލް އެއާޕޯޓުތައް ގިނަވިއިރު، ޑޮމެސްޓިކް ޓާމިނަލް އޮތީ ހަމަ އޮތް ވަރުގަ އެވެ. އެހެންވެ މިހާރު އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ޑޮމެސްޓިކް ޓާމިނަލްގެ ހާލު ބޮޑެވެ. އެތަން ވެސް އޮންނަނީ ފުރިފަ އެވެ.
އެއާޕޯޓުގައި ޓްރެފިކް ހައިވުމުގެ ސަބަބުން ފްލައިޓްތައް ކެންސަލްވަމުން ދާއިރު، އެންމެ ބޮޑު މައްސަލަ ތަކެއް ދިމާވަނީ އެއާލައިން ތަކަށެވެ. އެ މީހުން ގެންނަ ޓޫރިސްޓުން އެއާޕޯޓުގައި މަޑު ކުރަން ޖެހުމުން ދޭން ޖެހޭ ބަދަލު އިތުރުވެ، އެމީހުންގެ ޝަކުވާ ވެސް ކުޑައެއް ނޫނެވެ. ވަކި ވަރަކަށްވުރެ ގިނައިރު އެއާޕޯޓުގައި ދަތުރުވެރިން ބައިތިއްބަން ޖެހޭނަމަ އެއާލައިންތަކަށް އެމީހުންގެ އެކޮމޮޑޭޝަން ހަމަ ޖައްސައިދޭން ޖެހެ އެވެ. އެކަމަކު ޓޫރިޒަމަށް ބާރުބޮޑު ދުވަސްވަރު މިކަން ކުރަން އެއާލައިން ތަކަށް ދަތިވެ އެެވެ.
ޔޫރަޕުން ރާއްޖެއަށް 18 ނޫނީ 20 ގަޑިއިރު ދަތުރު ކޮށްފައި އަންނަ މީހާ ޓާމިނަލް ތެރޭގައި ދޮޅު ދެ ގަޑިއިރު މަޑު ކުރަން ޖެހުމުން ޓޫރިސްޓުންގެ ޝަކުވާތައް ވަރަށް ބޮޑެވެ. ރާއްޖެއަށް އެމީހުން ރެއަކަށް 30،000 ޑޮލަރު ވަރު ހޭދަ ކޮށްގެން އައިސް ރިސޯޓަށް ދެވޭނެ ގަޑިއެއް ނޭނގި ތިބެން ޖެހުމަކީ ރާއްޖެއަށް ލިބޭނެ ވަަރަށް ހުތުރު ނަމެކެވެ.
ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފްލައިޓް ހޭންޑްލް ކުރާ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ފްލައިޓް ޑިލޭވުމުގެ ސަބަބުން އެއާލައިންތަކަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ.
"މިހާރު މިކަމުގައި ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތް. ހަމައެކަނި ހައްލަކީ އަވަހަށް އެއާޕޯޓުގެ ޓާމިނަލް ހުޅުވުން. މިހާރުގެ ޑިލޭތަކުގެ ސަބަބުން ޑޮމެސްޓިކް ކަނެކްޝަންތައް ވެސް އެބަ ކަޓާ، ވަރަށް ލަސްވޭ. މި ދުވަސް ވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަން ކަމަށްވުމުން ވަރަށް މަދު ތަނަކުން ނޫނީ ރޫމެއް ނުލިބޭ. އެހެންވީމަ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވޭ. އަނެއްކާ ބޮޑެތި އަގު ތަކުގައި މި ދުވަސްވަރު ކޮޓަރިތައް ވެސް ލިބޭނީ. މިއީ އެއާލައިނަށް ލިބޭ ބޮޑު ގެއްލުމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
ފްލައިޓް ޑިލޭވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު އެއާޕޯޓުގެ އެހެން ހިދުމަތް ތަކަށް ވެސް މީގެ ސަބަބުން ބުރޫ އަރަައި ލަސްވެ އެވެ. އެއް ހިދުމަތަކީ ކާގޯ ކްލިއަރެންސުގެ ހިދުމަތެވެ. ކާގޯގެ އަދަދު އިތުރުވެ، ކާގޯ ޓާމިނަލް ފުރުމުގެ ސަބަބުން ބޭރުގައި ވެސް ދަނީ ކާގޯ ބަހައްޓަމުންނެވެ.
ސްރީލަންކަން އެއާލައިންގެ ޖެނެރަލް ސޭލްސް އެޖެންޓްކަމާއި ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ވެސް ރާއްޖޭގައި ދޭ، އިނަ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ފްލައިޓް ޑިލޭވުމުގެ ސަބަބުން ގެއްލުންވެ އެވެ. އަދި މި މައްސަލަ ނުކުންނަނީ އެންމެ ރަންވޭއެއް އޮންނާތީ އެވެ.
"އަޅުގަނޑުމެން ގެނައި ޖެޓެއް ވެސް ޓޯ ނުކުރެވިގެން މި ދޭތެރެއިން ފަސް ގަޑިއިރު ވެއްޖެ. އެ ވަރަށް އެއާޕޯޓުގައި ކެޕޭސިޓީއެއް ނެތް. އަނެއްކާ އެންމެ ރަންވޭއެއް މި އޮންނީ. އާ ރަންވޭ އަށް ކުދި ބޯޓު ފަހަރު ޖެއްސޭ ގޮތަށް ހަދާނަމަ ވެސް މި ލޯޑު ކުޑަ ވެގެން ދާނެ ކަމަށް ބެލެވެނީ،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވީއައިއޭގައި އިންތިހާއަށް ޓްރެފިކް ހައި ވެފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލުން ކުރާ ހިތްވަރު ފާހަގަ ކުރަން ޖެހެ އެވެ.
"ވަރަށް ޓްރެފިކް ހައި. އެކަމަކު އިރާދަ ކުރެއްވިއްޔާ އެކްސިޑެންޓެއް ނުހިނގާ. އެ ބޭފުޅުން [އެއާ ޓްރެފިކް ކޮންޓްރޯލު] ން ވަރަށް މަސައްކަތް ކުރޭ،" ފިރާގު ވިދާޅުވި އެވެ.
އާ ރަންވޭ ބޭނުން ކުރުން ވަގުތީ ހައްލެއް
ވީއައިއޭ ފުރުމުގެ މައިގަނޑު އެއް ސަބަބަކީ އެންމެ ރަންވޭއެއް ބޭނުން ކުރަން ޖެހުމެވެ. މިހެންވުމުން ބޯޓުތައް ނުޖެއްސި، އަދި ބޯޓުތައް ނުފުރި ލަސްވެގެން ދެއެވެ. މީގެ އެއް ހައްލަކީ ތަޖުރިބާކާރުންގެ ނަޒަރުގައި އާ ރަންވޭ ބޭނުން ކުރަން ފެށުމެވެ. ނަމަވެސް މިކަމަށް އަދި ލައްކަ މަސައްކަތް ކުރަން ޖެހެ އެވެ. އާ ރަންވޭ 2018 ވަނަ އަހަރު ހުޅުވި ނަމަވެސް އަދި ބޭނުން ކުރަން ބޮޑެތި ގޮންޖެހުން ތަކެއް އެބަހުއްޓެވެ.
އެމްއޭސީއެލް އިން ބުނާ ގޮތުން މި އަހަރު އާ ރަންވޭ ބޭނުން ކުރަން ފަށާނެ އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވި ގޮތުގައި މި އަހަރު ދެވަނަ ކްއާޓާގެ ތެރޭގައި ސީޕްލޭން ޓާމިނަލްގެ މަަސައްކަތްތައް ނިންމާލަން އަމާޒު ހިފާފައިވެ އެވެ. ޓީއެމްއޭ ރީލޮކޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ އެވެ. އެ އަށް ފަހު އާ ރަންވޭ ބޭނުން ކުރަން ފަށާނެ އެވެ.
ރަންވޭ ބޭނުންކުރަން ފެށި ނަމަވެސް ތަޖުރިބާރުންގެ ނަޒަރުގައި އެއާޕޯޓުގެ ލޯޑު ކުޑައެއް ނުވާނެ އެވެ. ސަބަބަކީ އާ ޕެސެންޖަރު ޓާމިނަލް ނުނިމޭތީ އެވެ. މީގެ ސަބަބުން ދެން ކުރިމަތިވާނެ އެއް މައްސަލައަކީ އަވަހަށް ފްލައިޓްތައް ޖެއްސި ނަމަވެސް ފަސިންޖަރުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ދަތިވުމެވެ. އެހެންކަމުން މިހާރު އޮތް އިންތިޒާރަކީ 2022 ވަނަ އަހަރު އާ އިންޓަނޭޝަނަލް ޓާމިނަލް ނިމެންދެން މަޑު ކުރުމެވެ. މިހާރު އެއާޕޯޓަށް ދިމާވެފައިވާ މައްސަލައިގެ ހަގީގީ ހައްލަކީ މި އެވެ.