މިހާރު ވެލާނާ އިންޓަނޭޝަނަލްގައި ހަދަމުން ގެންދާ ސީޕްލޭން ޓާމިނަލް މި އަހަރު ނިމޭނެ އެވެ. މިއާއެކު މިތަން ވެގެންދާނީ މި ސަރަހައްދުގައި ހުރި އެންމެ ރީތި ހިތް ގައިމު އެއް އިމާރާތަކަށެވެ. އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ފެންވަރަށް ހަދާފައިވާ މި ފުރިހަމަ އިމާރާތް ހަދަން މޯލްޑިވްސް އެއާޕޯޓްސް (އެމްއޭސީއެލް) އިން ސާޅީހަކަށް މިލިއަން ޑޮލަރު ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިތަން ނިމުމަށްފަހު، މީގެ އެންމެ ފުރިހަމަ ފައިދާ ދައުލަތަށް ލިބުމުގެ ބަދަލުގައި، މިތަނުން ލިބޭ އާމްދަނީ ދާނީ ގައުމުން ބޭރަށެވެ.
ސަބަބަކީ އާ ސީޕްލޭން ޓާމިނަލް ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފުލީޓު އޮތް ޓީއެމްއޭ އަށް ހަވާލު ކުރަން މަސައްކަތް ކުރަމުން ދިއުމެވެ. މި އަޑުތައް ގަދަވެފައިވާއިރު، ތަޖުރިބާކާރުން ވިދާޅުވަމުން ދަނީ މިކަމުން ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އެބައޮތޭ އެވެ. އެހެންވެ އެމްއޭސީއެލް އިން މި ވަރުގެ ބޮޑު އާމްދަނީއެއް ދޫކޮށްލުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ މުޅި ގައުމު ދަނީ ސުވާލު ކުރަމުންނެވެ.
"ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ހިންގަން ދީފިނަމަ ގިނަ މައްސަލަ ތަކެއް ނުކުންނާނެ. އެންމެ ބޮޑު އެއް ކަމަކީ ދައުލަތަށް ލިބޭނެ ގެއްލުން. އާމްދަނީގެ ބޮޑު ބައެއް ގެއްލުން. މީގެ އިތުރުން ވާދަވެރިކަން ނުހަނު ބޭނުންވެފައިވާ ވައިގެ ދަތުރުފަތުރުގެ ވާދަވެރިކަން އެއްކޮށް ގެއްލިގެން ދާނެ،" ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރައްވާތާ، ގިނަ ދުވަސްވީ ތަޖުރިބާކާރެއް ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމުގެ މައްސަލަ ފުރަތަމަ ފެންމަތިކޮށްލި އެއް ބޭފުޅަކީ ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޮޑިޓިން އާއި ފައިނޭންސް ދާއިރާގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޔައުގޫބު ސިފަ ކުރައްވާ ގޮތުގައި މިއީ ބޮޑު "ފައިނޭންޝަލް ކްރައިމް" އެއް ފަދަ ކަމެކެވެ. ސަބަބަކީ މީގެ ސަބަބުން ދައުތަލަށް އެތަށް ބިލިއަން ރުފިޔާ ގެއްލިގެން ދިއުމެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ހިންގުން ހަވާލު ކުރުން މައްސަލައަކީ ވަނީ ކީއް ވެގެން ހެއްޔެވެ؟ މިއިން ލިބޭނެ ގެއްލުމަކީ ކޮބައި ހެއްޔެވެ؟
އަގު ބޮޑު މުއާމަލާތްތައް، ވާދަވެރިކަން ދިއުން
އާ ސީޕްލޭން ޓާމިނަލްއާ ހަމައަށް އައުމުގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ވިއުގަ ރާއްޖޭގައި އުފެދުނު ގޮތަށް ބަލައިލާނަމެވެ.
ރާއްޖޭގައި ސީޕްލޭން އުފަންވުމުގެ ފުރަތަމަ ފިޔަވަޅު އެޅީީ ޑެންމާކުގެ ވިޔަފާރިވެރި އެކެވެ. މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) ގެ ނަމުގައި 1993 ވަނަ އަހަރު، މޫދައް ޖައްސާ ބޯޓުގެ ހިދުމަތް ފަށާފައިވަނީ ކެނެޑާގެ ކަލްގަރީގައި ބޭސްވެފައިވާ ކުންފުންޏަކުންނެވެ. މި ހިދުމަތް ފެށިއިރު، ޕައިލެޓުންނާއި އިންޖިނޭރުން ގެންނަން ޖެހުނީ ކެނެޑާ އިންނެވެ. ސަބަބަކީ އޭރު ރާއްޖޭގައި ޕައިލެޓުންނާއި އިންޖިނޭރުން ނެތުމެވެ.
އެ ދުވަސްވަރު ރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގައި އެންމެ އަޑު ގަދައީ މަޝްހޫރު ހަމިންބާޑް ހެލިކޮޕްޓަރު ކުންފުންޏެވެ. ނަމަވެސް ހަމިންބާޑް ހެލިކޮޕްޓަރު ވެއްޓި އެތައް ބަޔަކު މަރުވާން ފެށުމުގެ ނަތީޖާއަކަށްވީ އެންމެ ފަހުން ހަމިންބާޑްގެ އެ ހިދުމަތް ރާއްޖެ ދޫކޮށް ދާން މަޖުބޫރު ވުމެވެ.
ހަމިންބާޑުގެ އެ ހިދުމަތް ހުއްޓާލުން ވެގެން ދިޔައީ ރާއްޖޭގައި ސީޕްލޭން ހިދުމަތް މައްޗަށް އުދުއްސާ ގަންނަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި، ދިވެހި ދެ ވިޔަފާރިވެރިން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފާއި ގާސިމް އިބްރާހިމް ގުޅިގެން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ނަމުގައި ސީޕްލޭންގެ ހިދުމަތަަށް ކުންފުންޏެއް އުފެއްދި އެވެ.
މި ވިޔަފާރި އުފެދިގެން ދިޔައީ މި ދެ ބޭފުޅުންގެ 50 ޕަސެންޓް ހިއްސާވާ ގޮތަށެވެ. ޓީއެމްއޭ އުފެއްދުމާއެކު، އެ ކުންފުންޏާއި ޓީއެމްއޭގެ ވަރުގަދަ ވާދަވެރި ކަމެއް ފެށިގެން ދިޔަ އެވެ. މާކެޓުގައި ހުރި މަދު ރިސޯޓު ކޮޅު ހޯދުމަށް އަގުތަކާ ދެ ކުންފުނިން ތަޅަން ފެށުމެވެ. މީގެ ސަބަބުން އަގުތަކަށް ހެޔޮ ބަދަލެއް އައިތަން ފެނުނެވެ. ރިސޯޓު ތަކަށް ދެ ޗޮއިސް އިން، އެންމެ ރަނގަޅު ގޮތެއް ބަލައި، އެ އަގަށް ޓޫރިސްޓުން އުފުލުމުގެ ފުރުސަތު އޭރު އޮތެވެ.
މި ވާދަވެރިކަމުގައި ތިއްބައި ލައްވައިލީ، 2008 ގެ ރިޔާސީ އިންތިހާބެވެ. ބަދަލަކަށް ރައީސް މައުމޫނު އަބްދުﷲ ގައްޔޫމުގެ ވެރިކަން ބަދަލު ކުރަން ގިނަ ބަޔަކު ކެމްޕޭން ކުރަމުން ދިޔަ ދުވަސް ވަރަކާ އެވެ. އެ އިންތިހާބުގައި ބޮޑު ކެމްޕޭން ނިމި ރައީސް ކަމަށް މުހައްމަދު ނަޝީދު ހަވާލުވެވަޑައި ގަތްއިރު، ގާސިމް އިބްރާހިމް ކެމްޕޭނަށް ކުރި ބޮޑު ހޭދައާއެކު، ވިލާ އޮތީ މާލީ މައްސަލަ ގަނޑެއްގެ ތެރޭގަ އެވެ. އެ ދަނޑިވަޅު ގާސިމްގެ އަތުގައި އޮތް ޓީއެމްއޭގެ 50 ޕަސެންޓް ހިއްސާ، އެ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޗަމްޕާ އަފީފަށް ވިއްކާލަން އޭނާ އަށް ޖެހި ވަޑައިގަތެވެ. އޭނާގެ ހިއްސާ ދޫކޮށްލެއްވީ އެވެ.
ދެން ފެނިގެން ދިޔައީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ވިއުގަ އުފެދިގެން ދިޔަ ތަނެވެ. ޓީއެމްއޭ އާއި އެމްއޭޓީ އެއްކޮށްލައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ނަމުގައި ސީޕްލޭން ވިޔަފާރީގެ "ޖަޔަންޓް" އުފެދިގެން ދިޔަ އެވެ.
ދިވެހިން "ފަހުރުވެރިވާ" ޓީއެމްއޭ އުފެދުނެވެ. ނަމަވެސް ހަގީގަތުގައި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި އޮތީ ރާއްޖައޭ ބުނުން ނޫން ފަހުރެއް ދިވެހިންނަކަށް މިހާތަނަށް ލިބިފައެއް ނެތެވެ. ދަތުރުފަތުރު ކުރުމުގައި ވެސް ދިވެއްސަކަށް މީގެ ސީޕްލޭން އަކުން ޖާގައެއް ހޯދުން އޮންނަނީ ނާދިރު ކަމަށްވެފަ އެވެ. ދެން އޮތީ މި ކުންފުނި އުފެދިގެން އައުމާއެކު، ދެން ފެނިގެން ދިޔަ ކަންކަމެވެ.
ޓީއެމްއޭ އުފައްދައި، އެ ކުންފުނި އެމެރިކާގެ މަޝްހޫރު ބްލެކް ސްޓޯން ކުންފުންޏަށް ގާތްގަނޑަކަށް 255 މިލިއަން ޑޮލަރަށް ވިއްކާލި އެވެ. އޭގެ ނަތީޖާ އަކަށްވީ ރިސޯޓު ތަކަށް ގެސްޓުން އުފުލުގެ ކޮންޓްރޯލް ޓީއެމްއޭ އަށް ލިބުމެވެ. އަގު ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ބާރުވެރިކަން އެ ކުންފުނީގެ މުށުތެރެ އަށް ދިއުމެވެ.
އަދި 2017 ވަނަ އަހަރު ބްލެކް ސްޓޯން ކުންފުނިން އަގު މަތި ކުރުމަށްފަހު، ޗައިނާގެ ޓެމްޕަސް ގްރޫޕާއި ބައިން ކެޕިޓަލް އަށް 550 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8.4 ބިލިއަން ރުފިޔާ) އަށް ވިއްކާލި އެވެ. މި މުއާމަލާތް ވެފައިވަނީ ރާއްޖޭގައި މިހާތަނަށް ހިންގި ވިޔަފާރީގެ އެންމެ އަގު ބޮޑު މުއާމަލާތަށެވެ. ނަމަވެސް މިއިން ދައުތަލަށް އެންމެ "ލޯލާ ރި" އެއް ވެސް ނުލިބެ އެވެ.
މާލީ ގޮތުން ދައުލަތަށް ބޮޑު ގެއްލުމެއް!
ވީއައިއޭގައި މިހާރު ހުރި ލައުންޖު ތަކަށް ބަލާއިރު، އިންޓަނޭޝަނަލް ޓާމިނަލް ތެރޭ ފެންނަން އެހުރި ރިސޯޓުތަކުގެ ލައުންޖުތައް ދޫކޮށްފައިވަނީ އެވްރެޖު ގޮތެއްގައި އަކަމީޓަރެއް 252 ޑޮލަރެވެ. އަދި މިހާރުގެ ބާ ސީޕްލޭން ޓާމިނަލުން ބިން ދީފައިވަނީ އަކަ މީޓަރެއް 10:35 ޑޮލަރަށެވެ. އަދި އާ ސީޕްލޭން ޓާމިނަލުން ބިން ކުއްޔަށް ދޫކުރަން މަޝްވަރާ ކުރަނީ އަކަ މީޓަރެއް 23:44 ޑޮލަރުގެ ރޭޓުން ނެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން ކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓުން އެނގޭ ގޮތުގައި ސީޕްލޭންގެ ހިދުމަތް ދޭ ކުންފުނި ތަކަށް ވަކިވަކިން ސީޕްލޭން ޓާމިނަލް ދީފިނަމަ މި އަހަރުގެ ޖުލައި އަންނަ އަހަރުގެ ޖޫން ގެ ނިޔަލަށް އެމްއޭސީއެލަށް އާމްދަނިގެ ގޮތުގައި 5.6 މިލިއަން ޑޮލަރު (86 މިލިއަން ރުފިޔާ) ލިބޭނެ އެވެ. ނަމަވެސް މި މުއްދަތުގައި އެމްއޭސީއެލް އިން އަމިލައަށް ހިންގައިފިނަމަ މި އަދަދު 47.3 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) އަށް އިތުރު ވެގެންދާނެ އެވެ.
މިއީ މިހާރު އަލަށް ނަގަން ނިންމާފައިވާ އިންކަމް ޓެކްސް އިން އަހަރަކު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އަދި މިއީ މިހާރު މަޝްވަރާ ކުރާ ގޮތަށް ދީފިނަމަ ދައުލަތަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމެކެވެ.
ސީޕްލޭން ޓާމިނަލްގެ މި އޮޑިޓުގައި މައްސަލަ ތަކެއް ހުރި ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި އޮޑިޓުގައި ބުނެފައިވާ އަދަދު ތަކަކީ ޓީއެމްއޭ ގެ ހިސާބު ތަކުން ދަށްކާ ގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަކަށް ވުރެ އަށް ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން އާ ޓާމިނަލް އަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ދައްކަނީ މިވަގުތު ޓީއެމްއޭ އިން ބޭނުން ކުރާ އިމާރާތްތަކާއި ލައުންޖްތައް ދޫކޮއްލަން މަޖުބޫރު ވުމެވެ. މި އިމާރާތް ތަކަކީ 18 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާ ޓާމިނަލް އަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ. މިވަގުތު ޓީއެމްއޭ އިން ބޭނުން ކުރާ އިމާރާތްތަކާއި ލައުންޖްތައް ދޫކޮއްލަން މަޖުބޫރު ވެފަ. އަދި މި އިމާރާތްތަކަކީ 18 މިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއްޓީއެމްއޭ
ޓީއެމްއޭ އިން ލައުންޖުތައް ކުއްޔަށް ދެނީ ކޮން އަގެއްގައި ހެއްޔެވެ؟ އެ ތަންތަން ދޫކޮށްލުމުން އެ ކުންފުންޏަށް ގެއްލުން ވާނެއޭ ބުނަނީ ކީއް ވެގެން ހެއްޔެވެ؟
މިހާރުގެ ސީޕްލޭން ޓާމިނަލްގައި 61 ލައުންޖެއް ޓީއެމްއޭ އިން ހިންގަ އެވެ. މީގެ ލައުންޖެއް އެވްރެޖު ގޮތެއްގައި ކުއްޔަަށް ދެނީ މަހަކު 27،000 ޑޮލަރާއި 47،000 ޑޮލަރަށެވެ، އަވަސް އަށް އެނގިފައިވާ ގޮތުގައި ރ. އަތޮޅުގެ ރިސޯޓުތަކުން މަހެއްގެ މައްޗަށް މި ލަންޖު ތަކަށް މަހަކު 27،000 ޑޮލަރު ދެ އެވެ. އަދި ބ. އަތޮޅުގެ ރިސޯޓު ތަކުން 25،000 ޑޮލަރު ދޭއިރު، އަރިއަތޮޅުގެ ރިސޯޓުތަކުން 50،000 ޑޮލަރު އަދި ދ. އަތޮޅުގެ ރިސޯޓުތަކުން 47،000 ޑޮލަރު މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ލައުންޖު ތަކަކީ އެ ރިސޯޓަކުން ބޭނުންވާ ގޮތަށް ރިސޯޓުގެ ހަރަދުގައި ހަދާ ތަންތަނެވެ.
"ކޮންމެ ރިސޯޓެއްގެ ބްރޭންޑް ވެލިއު ތަކެއް ހުރޭ. ސްޓޭންޑަޑް ތަކެއް ހުރޭ. އެހެންވީމަ އެ މީހުން ބޭނުންވާ ގޮތަށް ލައުންޖު ހަދަން ބިން ދިނީމަ ރިސޯޓުން އެތަން މި ހަދަނީ. އެހެންވީމަ މިއީ ސީޕްލޭން އޮޕަރޭޓަރަށް ގެއްލުމެއް ވާނެ ކަމެއް ނޫން،" ނަން ނުޖެހުމަށް ޝަތުރުކޮށް އޭނާ ވިދާޅުވި އެވެ.
ސީޕްލޭން ހިދުމަތް ދޭ ސަރަހައްދާއި އިންޓަނޭޝަނަލް ޓާމިނަލް އާ ދެމެދު ދުއްވަން އަގު ބޮޑެތި ރިސޯޓު ތަކުން ހާއްސަ އުޅަނދު ފަހަރު އެއާޕޯޓުގައި ބޭނުން ކުރެ އެވެ. މައުލޫމާތު އެނގޭ ފަރާތް ތަކުން ހިއްސާ ކޮށްފައިވާ ބައެއް މައުލޫމާތު ތަކުން އެނގޭ ގޮތުގައި ދ. އަތޮޅުގެ ރިސޯޓު ތަކުން މަހެއްގެ މައްޗަށް މި އަގު ބޮޑު އުޅަނދުތައް ދުއްވަން ޓީއެމްއޭ އަށް 1600 ޑޮލަރު ދެ އެވެ. އަދި ނ. އަތޮޅު ރިސޯޓުތަކުން އެއާޕޯޓުގައި ދުއްވާ ދެ އެސްޔޫވީ އަށް މަހަކު 6400 ޑޮލަރު ދައްކަ އެވެ.
"މި އުޅަނދުތައް ދުއްވަން މި ވަރުގެ އަގެއް ދީފައިވާއިރު، ސްޕެއާ ގަތުމާއި މެއިންޓަނަންސް ބަލަހައްޓާނީ ރިސޯޓުން. ހަމައެކަނި ޓީއެމްއޭ އަށް ކުރަން ޖެހޭ ކަމަކީ ވެހިކަލް އަށް 400 ޑޮލަރުގެ ޑްރައިވަރެއް ލައިގެން ދުއްވުން. މި އަށްވުރެ ދައުލަތަށް ފައިދާވާނެ، މިކަން އެމްޓީސީސީ ފަދަ ކުންފުންޏަކަށް ދީގެން މި ހިދުމަތް ދިނުން ވެސް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ފަރާތުން ވިދާޅުވި އެވެ.
ވާދަވެރިން އެމްއޭސީއެލް ބޯޑަށް ތުހުމަތު!
އެނގިފައިވާ ގޮތުގައި އެހެން ސީޕްލޭން އޮޕަރޭޓަރުން ނަށް ނުލިބޭ އެތައް އިމްތިޔާޒުތަކެއް ޓީއެމްއޭއަށް އޮވެ އެވެ. އާ ސީޕްލޭން ޓާމިނަލް ހަދަން އައި ހިޔާލު އެންމެ ފުރިހަމަ ތިލަކޮށްލައި ހިއްސާ ކުރީ ވެސް ޓީއެމްއޭ އަށެވެ. ލީކުވެފައިވާ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލާގައި 2017 ވަނަ އަހަރު އެމްއޭސީއެލް އިން ވަނީ ހަމައެކަނި ޓީއެމްއޭ އާ ބައްދަލު ކޮށްފަ އެވެ.
މިކަމުގައި އޭރު ސީޕްލޭން ހިދުމަތުގައި އޮތް ގައުމީ އެއާލައިންއާ ވެސް މަޝްވަރާ ކޮށްފައެއް ނުވެ އެވެ. މި ހުރިހާ ކަމަށް އޮތް ހުރަހަކީ އެމްއޭސީއެލް ބޯޑުގެ "ކުޅި ބައި" އެތުރިފައިވާ ގޮތެވެ. ސަރުކާރުތައް ބަދަލުވި ނަމަވެސް ޓީއެމްއޭގެ މަސްލަހަތު އޮންނަ މި ޕްރޮކްސީ އެއް ނުވަތަ ގިނަ ޕްރޮކްސީތަކެއް ބޯޑުގައި ތިބެ އެވެ. ނަތީޖާއަކަށް ވަނީ ގިނަ ކަންކަން ނިންމުމުގައި ވާދަވެރި އެހެން ކުންފުނި ތަކަށް ހުރަސް އޮތުމެވެ.
ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެމްއޭސީއެލް ބޯޑު މިނިވަން ވުމަކީ މުސްތަގުބަލަށް ދިވެހި ދައުލަތަށް މުހިންމު ކަމެކެވެ.
މި ހުރިހާ ކަމެއް މި ގޮތުގައި އޮތްއިރު، ސީޕްލޭން ޓާމިނަލް އެހެން ކުންފުންޏަކަށް ދިނުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މި އަދަދު ގަތްތުގައި ގެއްލުވާލުމަކީ "ޒީރޯ ޓޮލަރެންސް" ގެ ގިންތިއަށް ފިޓުވާ ކަމެއް ނޫން ހެއްޔެވެ؟ މީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟