ހަބަރު

މާފުށީ ޖަލަށް ދިޔައީ ބައްދަލުވުމަކަށް: ފުލުހުން

މާފުށީ ޖަލަށް ފުލުހުންގެ ޓީމެއް ގޮސްފައި ވަނީ އެ ޖަލުގައި އޮތް ބައްދަލުވުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ، މިއަދުގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ކަރެކްޝަންސްގެ އޮފިސްރުން ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ގަަދަވެފައި ވަނިކޮށެވެ. އަދި އެސްއޯ ފުލުހުން ވެސް އެތަނުގައި ކަރެކްޝަންސްއާއެކު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުން މާފުށީ ޖަލަށް މިއަދު ގޮސްފައި ވަނީ ބައްދަލުވުމަކަށް ކަމަށެވެ. އަދި ޖަލުގައި އެއްވެސް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ނުދާ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެގޮތުން ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ދޭ ބޭސްފަރުވާގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގައިދީންތަކެއް އިހުތިޖާޖުކޮށް، އެ ތަނަށް ދިނަ އޮފިސަރުންގެ ގަޔަށް ފެން ޖަހައި ގޯނާކޮށް ހެދި ކަމަށްވެ އެވެ.

މި ހަމަނުޖެހުމަށްފަހު، މުނާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީން ޖަލު އޮފިސަރުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

ޖަލުގައި މި ހިނގާ އެއްވެސް ކަމަކާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ނުލިބެ އެވެ.