ހަބަރު

ހަތިޔާރު ތޫނުކޮށްގެން ނިކުންނަން ލަތީފް ގޮވާލި މައްސަލަ ނުބަލަން: ފުލުހުން

ހަަތިޔާރު ތޫނުކޮށްގެން ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ދެއްކެވި ވާހަކަ ތަހުގީގު ކުރަން ނިންމާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ގައުމު މި ސަރުކާރުގެ ވެރިން ފަދަ ބައެއްގެ އަތަށް ދީގެން އަބަދު ނުތިބޭނެ ކަމަށާއި ސަރުކާރު "ކުދިކޮށް ކޮށައިގެން" އަނބުރާ ހޯދާނެ ކަމަށެވެ. އަދި ރައްޔިތުން ހަތިޔާރު ތޫނުކޮށްގެން ސަރުކާރު ވައްޓާލަން ނިކުތުމަށް ލަތީފް ގޮވާލި އެވެ.

އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު އެ މައްސަލަ ތަހުގީގު ކުރަން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް އަވަސް އިން ސުވާލު ކުރުމުން ފުލުހުން ބުނީ ލަތީފް އިންޒާރު ދިން މައްސަލަ ތަހުގީގު ނުކުރާ ކަމަށެވެ.

ކުރީ ސަރުކާރުގައި އެފަދަ ޖަލްސާތަކުގައި ދައްކާ ވާހަކަތަކާ ގުޅިގެން މީހުން ފުލުހަށް ހާޒިރު ކުރެ އެވެ. ނަމަވެސް މި ސަރުކާރުން އަދި މިހާތަނަށް އެފަދަ ކަމެއްކޮށްފައިވާ ކަމެއް އެނގިފައެއް ނެތެވެ.

ސަރުކާރު ވައްޓާލަން ގޮވާލަމުން އަންނަ ލަތީފްއަކީ މި ސަރުކާރު ވެރިކަމަށް ގެންނަން ވެސް މަސައްކަތް ކުރެވި ފަރާތެކެވެ. ފުރަތަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ހުންނެވުމަށް ފަހު 2017 ވަނަ އަހަރުގެ ތެރޭގައި ގިނަ މެންބަރުން އިދިކޮޅާ ގުޅުނު އިރު ލަތީފް ވެސް އިދިކޮޅަށް އަރައި މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދިމާވި ނާކާމިޔާބީއަށް ފަހު އޭނާ އަނެއްކާވެސް ވަނީ ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރަން ފައްޓަވައިފަ އެވެ.