މާފުށީ ޖަލަށް ފުލުހުން ދިޔައީ ބައްދަލުވުމަކަށް ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ފުލުހުން ޖަލަށް ދިޔައީ ތަހުގީގެއް ކުރަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މިއަދުގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒްއާއެކު ކަރެކްޝަންސްގެ އޮފިސްރުންނާއި އެސްއޯ ފުލުހުން މާފުށީ ޖަލަށް ގޮސް ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.
ޖަލު ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ފުލުހުންގެ ދެ އޮފިސަރަކު ޒިޔާރަތް ކުރީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ގައިދީން ހަމަލާދިން މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާފުށީ ޖަލުގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ގުޅާފައި ދައުވަތަކަށް ދެ ފުލުހަކު އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ތަހުގީގުތައް އަވަސް ކުރުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ބައްދަލުވުމަށް ފަހު ޖަލު ގޮޅިތައް ބަލާ ފާސް ކުރާ ގޮތް ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ބަލާފައިވާ ކަމަށާއި އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިވެފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.