ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި މިދިޔަ އަހަރު ހެދި އާ ރަންވޭ މި އަހަރު ތެރޭގައި ހުޅުވައި، ބޭނުން ކުރަން ފެށޭނެ ކަމަށާއި އޭގެ ސަބަބުން ޖާގަ ތަނަވަސްވެ، ފްލައިޓުތައް ޑިލޭވުމުގެ މައްސަލަތައް ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ބުނެފި އެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ވިދާޅުވީ މި އަހަރު ދެވަނަ ކުއާޓާގެ ތެރޭގައި ސީޕްލޭން ޓާމިނަލްގެ މަަސައްކަތްތައް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށާއި ޓީއެމްއޭ ރީލޮކޭޓު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ ކަމަށެވެ. އެއަށް ފަހު އާ ރަންވޭ ހުޅުވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އާ ރަންވޭ ހުޅުވުމާއެކު މިހާރު ދިމާވާ ފްލައިޓު ޑިލޭވުމުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވެ، ޖާގަ ތަނަވަސްވެގެންދާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އަލަށް ހެދި، ރަންވޭ ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އޭގެ ފަހުން މިހާތަނަށް ބޭނުން ކޮށްފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. ނަމަވެސް މިހާރު އެ މަސައްކަތްތައް ވަނީ ފުރިހަމަ ކޮށްފަ އެވެ.
އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެނެވެ. އެތާނގެ މަސައްކަތް ކޮށްފައިވަނީ އެފަދަ ވމަސައްކަތް ކުރުމަށް ދުނިޔޭގައި ދެވަނައެއް ނެތް ކުންފުންޏެއް ކަމަށްވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.