ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވުމުގެ ސަބަބުން، ޕްރައިވެޓަށް ޖާގަ ނުލިބޭތީ، ބައެއް ކުންފުނިތަކުގެ ޝަކުވާ ބޮޑު ވެއްޖެ އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ގެންނަ ކުންފުންޏެއްގެ ވެރިއަކު މިއަދު ވިދާޅުވި ގޮތުގައި ބައެއް ގަޑިތަކުގައި މިހާރު އެއްގޮތަކަށް ވެސް ވީއައިއޭއިން ޖާގައެއް ނުލިބޭ ކަމަށެވެ.
"ބައެއް ގަޑިތަކުގައި ޖާގައެއް ނުލިބޭ. އެހެންވެ، ވަރަށް ގިނަ ދަތިތައް އެބަ ދިމާވެ،" ނަން ނުޖެހުމަށް އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ހައި ޕްރޮފައިލް މީހުންނާއި ސެލެބްރިޓީން، ގެންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) ގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ ގެންނަ ހައި ޕްރޮފައިލް ބޭފުޅެއްގެ ޖެޓް ޖައްސަން ވެސް ވީއައިއޭ އިން ޖާގަ ނުލިބިފައިވާ ކަމަށެވެ.
"މި މަހުގެ ނުވަ ވަނަ ދުވަހަށް ސްލޮޓެއް ނުލިބިގެން މި އުޅެނީ. އެއާޕޯޓުގައި ޖައްސަން ޖާގަ ނުލިބިގެން މާމިގިއްޔަށް ޑައިވާޓް ކުރަން އުޅުނީ. އެކަމަކު އެތަނުގައި ބާއްވަން ހުއްދައެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.
މާޔާގެ އޮފިޝަލް ވިދާޅުވީ ރާއްޖެ އަށް ރެއަކަށް 40،000 ޑޮލަރު ދީގެން އަންނަ މީހާގެ ޖެޓް ބާއްވާނެ ޖާގަ ނުލިބުމަކީ މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެން ނުބުނަން މާލެ އެއާޕޯޓުން ޖާގަ ދޭކަށް. ހުރިހާ ޓްރެފިކެއް މާލެ ސަރަހައްދަށް ގެންނާކަށް ވެސް ނުޖެހޭ. އެހެންވީމަ އެހެން އެއާޕޯޓުތަކުގައި ވެސް ޕްރައިވެޓް ޖެޓް ޕާކު ކުރެވޭނެ ޖާގަ ލިބެން ޖެހޭ. އޭރުން މީގެ ހައްލު ލިބޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ގެންނަ ޔުނިވާސަލް އޭވިއޭޝަން މޯލްޑިވްސްގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ ޖެޓަށް ޖާގަ ނުލިބުމުގެ މައްސަލަ އުޅޭ ކަމަށާ، ނަމަވެސް މަޑު މަޑުން މި އަހަރަށް އޮތް ބާރު ކުޑަވަމުންދާ ކަމަށެވެ.
"ނިއު އިޔާ އަށް ލޯޑު ބޮޑުވީ. އަޅުގަނޑުމެން ވެސް މި ނިއު އިޔާގައި ގެނައިން 17 ޖެޓް. ވީއައިއޭގައި ޕާކް ކުރާނެ ޖާގަ ނެތީމަ ހަދާ ގޮތަކީ ޕާކިން އަށް ފޮނުވާލަނީ ދ. އެއާޕޯޓަށާއި ސ. ގަމަަށް... ވަރަށް ދަތިވޭ،" ފިރާގު ވިދާޅުވި އެވެ.
ނަމަވެސް، ވީއައިއޭ ހިންގާ، އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ޖެޓްތަކަށް ވެސް ޖާގަ ދޫކުރަމުންދާ ގެންދާ ކަމަށެވެ.
އެމްއޭސީއެލް އިން ދަނީ ވީއައިއޭގައި ބޯޓު ފަހަރު ޕާކިން ކެޕޭސިޓީ އިތުރު ކުރަމުންނެވެ. އެ ކުންފުނިން ދާދި ފަހުން ވަނީ ބޯޓު ފަހަރު ޕާކް ކުރަން ވީއައިއޭ އިރުމަތީ ފަރާތު އޭޕްރަން ވެސް ހުޅުވާފަ އެވެ.