ހަބަރު

ގެއްލުނު ދެ މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިޔަށް

ފަރަށް އެރި ދޯނިން ގެއްލުނު މީހާ އާއި ލޯންޗު އެކްސިޑެންޓުގައި ގެއްލިފައިވާ މީހާ ހޯދަން ދެ އޮޕަރޭޝަން އެކުގައި އެމްއެންޑީއެފް އިން ފަށައިފި އެވެ.

ތިން މީހުނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފެށީ މިއަދު ހެނދުނު އެވެ. އެއިން ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުފް، 37 އެވެ.

މި އޮޕަރޭޝަނާއެކު މިދިޔަ ހަފުތާގައި ލޯންޗު އެކްސިޑެންޓެއްގައި ގެއްލުނު ނަސްރުﷲ ހޯދަން ވެސް ކަނޑައި ވައިގެ މަގުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ދެ އޮޕަރޭޝަންގައި ވެސް ޑައިވަރުންގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗުން ދަނީ ކަނޑު ސާފޭސް އޭރިއާ ބަލަމުންނެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ފަރަށް އެރި ދޯނިން ގެއްލުން މީހާ ހޯދުމަށް އެ ސަރަހައްދުގައި ޑައިވް ކުރަމުންދާއިރު އެ ސަރަހައްދުގެ އަޑިން މާސްކް އަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ހަފްތާގައި ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ނަސްރުﷲ ހޯދަމުން އަންނަތާ މިހާރު ފަސްދުވަސް ވެއްޖެ އެވެ.