އުސްފަސްގަނޑު ތަރައްގީ ކުރާނީ އާއްމުން ހިތްހަމަޖައްސާލަން ދާނެ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ދަރުބާރުގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑު އަލުން ހުޅުވާލާ ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަން ތަރައްގީ ކުރާނީ އެކި އުމުރުފުރައިގެ މީހުން ހިތްހަމަޖައްސާލަންދާ ރެކްރިއޭޝަނަލް ސްޕޭސް އެއް ގޮތަށް، ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުންޏެވެ. އަދި މި ސަރަހައްދުގައި ޕާކެއް އެޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ސާފް ކޮށް ނިމުނުހާ އަވަަހަކަށް ހުޅުވާލެވޭނެ ކަމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ވިދާޅުވި އެވެ.
"ސާފް ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިން. ސާފް ކޮށް ނިމުނުހާ އަވަހަކަށް އެތަން ހުޅުވާލާނެ" ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ވިދާޅުވި އެވެ.
މި ސަރަހައްދަކީ މީގެ ކުރިންވެސް ހަވީރާއި ރޭގަނޑުގެ ވަގުތު ތަކުގައި ހިތްހަމަ ޖައްސާލުމަށާއި ކުޅުމާއި މަޑި އެރުވުން ކަހަލަ ހަރަކާތްތަކަށް އާއްމުން ގޮސް ތިބޭ ސަރަހައްދެކެވެ. އަދި ހާއްސަކޮށް އެ ސަރަހައްދުގައި މީގެ ކުރިން ކުރި ގާޑިޔާ ވިޔަފާރިވެސް ޒުވާނުންގެ މެދުގައި މަގުބޫލެވެ.
ބްރިޖްގެ މަސައްކަތް ނިމި، އާންމުންނަށް ބްރިޖް ހުޅުވާލިތާ އަހަރު ދުވަސްފަހުން އުސްފަސްގަނޑުގައި ހަދާފައިވާ ތަންތަން ރޫޅާލަން ވަނީ ފަށާފައެވެ. އެތާނގައި ހުރި ގެތަކާއި އޮފީސް ބަޔާއި ރެސްޓޯރެންޓްތައް ރޫޅާލައި ފެންސްތައް މުޅިން ނައްޓާލާ އުސްފަސްގަނޑު އަލުން ވަނީ ހުޅުވާލާފަ އެވެ.