ޓޫރިޒަމް

ރާއްޖެ ޕްރޮމޯޓް ކުރަން އިންޑިއާގައި ފެއާއެއް ފަށައިފި

އިންޑިއާގެ ނިއުދިއްލީގައި ބާއްވާ، ސައުތު އޭޝިއަން ޓްރެވަލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް (ސަޓޭ) ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނި ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ގެންދާ މި ފެއާގައި ރާއްޖޭގެ 19 ކުންފުންޏަކުން 28 މަންދޫބުން ބައިވެރިވި ކަމަށެވެ.

ސަޓޭ ފެއާއަކީ އެމްއެމްޕީއާރުސީ އިން ރާއްޖެ ޕްރޮމޯޓް ކުރަން މި އަހަރު ހިންގާ ފުރަތަމަ ހަރަކާތެވެ. ތިން ދުވަހުގެ ނިޔަލަށް ކުރި އަށް ދާ މި ފެއާގައި 50 ގައުމަކުން 1،000 އެގްޒިބިޓަރުން ބައިވެރިވެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ފެއާގައި ބަހައްޓާފައިވާ ރާއްޖޭގެ 60 ފޫޓުގެ ސްޓޭންޑް ހަދާފައިވާނީ، ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. ރާއްޖޭގެ ސްޓޭންޑުގައި ދިވެހިން ކެއުންތަކުގެ ރަހަ ބެލުމުގެ އިތުރުން ސޯޝަލް މީޑިއާ ކެމްޕޭންތައް ވެސް ކުރި އަށް ދެ އެވެ. އަދި ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރުއަތެއް ހޮވައި، ރާއްޖެ އަށް ޒިޔާރަތް ކުރުމުގެ ފުރުސަތެއް ވެސް ދޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 166،015 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.