ވިޔަފާރި

ރާއްޖެ އަށް ގޮލްފް ކުޅެން އަންނަން ގާޑިއޯލާއަށް ދައުވަތު ދީފި

ގޮލްފު ކުޅެން ރާއްޖެއަށް އަންނަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރެޝަން (އެމްއެމްޕީއާރްސީ) އިން، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ދައުވަތު ދީފި އެވެ.

ޕްރިމިއަ ލީގުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާޑިއޯލާ ވަނީ، މެންސިޓީގެ ކޯޗުކަން ކޮށްދިނުމަށްވުރެ، ރާއްޖޭގައި ދިރިއުޅެން އައުން އޭނާއަށް މާ ރަނގަޅު ކަމަށް ބުނެފަ އެވެ. އަދި މެން ސިޓީން ހުށަހެޅުމެއް ނުލިބިއްޖެނަމަ، އޭނާ އަންނާނީ ރާއްޖެ ކަމަށާ، ނަމަވެސް ރާއްޖޭގައި ގޮލްފް ކޯހެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ.

ގާޑިއޯލާގެ މި ވާހަކައާ ގުޅިގެން، ރާއްޖޭގެ ނަން ވަނީ ދުނިޔޭގެ ސަމާލު ކަމަށް އައިސްފަ އެވެ.

މި ވާހަކަ ދުނިޔޭގެ މީޑިއާގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެމްއެމްޕީއާރުސީގެ ރަސްމީ ޓުވިޓާގައި މިއަަދު ވަނީ ގާޑިއޯލާގެ ނިއުސް ކޮންފަރެންސުގެ ވީޑިއޯއަކާއެކު އޭނާ ރާއްޖެ އަންނަން ދައުވަތު ދީފަ އެވެ. މިއާއެކު ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ވަނީ މި ޓުވީޓް ރީޓްވީޓުކޮށްފަ އެވެ.