ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޝަހީމްގެ މައްސަލަ ފުލުހަށް ފޮނުވައިފި

އަފްރާޝީމްގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ފޮނުވައިިފި އެވެ.

މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ އަވަސްއަށް ވިދާޅުވީ ޕީޖީ އޮފީހުން ލަފާދީފައިވާ ގޮތަށް ޝަހީމްގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަަލަ ފުލުހަށް ފޮނުވި ވަކި ތާރީހެއް ވިދާޅެއް ނުވެއެވެ. ފަރީޝާ ވިދާޅުވީ ޕީޖީ އޮފީހުން އެދިފައިވާ ގޮތަށް ތަހުގީގު ފުރިހަމަ ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅާފައި ވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިއެވެ. އެއީ މިދިޔަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. ޕީޖީ އޮފީހުން ބުނީ މައްސަލަ ފޮނުވާލީ ތަހުގީގު ފުރިހަމަނުވާތީ ތަހުގީގު ފުރިހަމަ ކުރުމަށް ކަމަށެވެ.

އަފްރާޝީމް އަލީ އަވަހާރަކޮށްލީ، ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމްގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު މަރުގެ ކޮމިޝަނަށް ދެއްވި ބަޔާނުގައި ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދި ލެއްވީ އަފްރާޝީމް ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

އެހެން ނަމަވެސް ޝަހީމް ވަނީ އެކަން ދިފާއު ކުރައްވާ އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެމަނިކުފާނާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ދައުވާ ކުރަން ނިންމާފައި ވަނީ އެމަނިކުފާނުގެ މަސައްކަތްތަކަށް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލު ދުއްވާލުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެމައްސަލައާއި ގުޅިގެން ޝަހީމްއާއި، ސަލަފަށް ފިޔަވަޅު އަޅަން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ.

ޝަހީމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްވެސް މެއެވެ. އަދި ޝަހީމަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ އިސްލާމީ 500 ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އިސްލާމީ ގައުމުގެ ތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި މިވަގުތު ހުންނެވީވެސް ޝަހީމެވެ.