ކޮންމެ މީހަކުވެސް އެމީހަކު ހުންނަ ސިފައަށް ބަލާނެ އެވެ. އަދި ސިފަ ރީތކޮށް ފުރިހަމަ ގޮތުގައި ބެހެއްޓޭތޯ ވެސް ބަލާނެ އެވެ. ހާއްސަކޮށް މޫނުމައްޗެވެ. މޫނަށް ގޮތެއްވެ މޫނުގައި ކުޑަ ބިއްސެއް ޖެހިޔަސް އެކަމާ ވަރަށް ދެރަވެ ހިތާމަ ކުރާ މީހުން ވަރަށް ގިނަ އެވެ. އަނގަ މައްޗާއި މޫނަށް ގެއްލުމެއް ލިބުމުން އެހީ ވެދޭން ތިބެނީ ޑޮކްޓަރުންނެވެ. ރާއްޖޭގެ ޑޮކްޓަރުންގެ ލިސްޓަށް މިދިޔަ ހަފުތާގައި މިފަދަ ނަމެއް އިތުރުވި އެވެ. އެއީ ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ހިދުމަތް ފެއްޓެވި ޑރ. ފަތުހުﷲ ސައީދު އެވެ.
ފަތުހުﷲ ހާއްސަ ވެވަޑައިގެންފައި ވަނީ އުފެދުމުގައި މޫނުގައި ހުންނަ އައިބުތަކާއި އަނިޔާވެގެން މޫނުގައި ލާ އައިބުތައް ފިލުވަން ކުރާ ކޮސްމެޓިކް ސާޖަރީގެ ދާއިރާ ކަމަށްވާ އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަރީންނެވެ. މިއީ އެ ދާއިރާ އިން ކިޔަވާވިދާޅުވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ. އަދި މިއީ މިފަދަ މައްސަލަތަކުގައި އެހީވެދޭން ދެން ހުންނަވާނެ އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަން އެކެވެ.
އަނގަ އާއި މޫނު އަދި ދަތްދޮޅި އާއި އެ ކަށިގަނޑަށް ލިބޭ ގެއްލުންތަކަށް ފަރުވާ ދިނުމުގައި ދެން ފަތުހުﷲ ގެ ފަރާތުން ފުރިހަމަ ހިދުމަތެއް ލިބޭނެ އެވެ. ރާއްޖޭގައި މީގެ ކުރިން މީގެ ދެ ސާޖަނުން ތިއްބެވި އެވެ. އެއީ ބިދޭސީންނެވެ. ފަތުހުﷲ އަކީ މިކަހަލަ ސާޖަނަކަށް ރާއްޖޭގައި މި ހިދުމަތް ފެއްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ.
އަނގައަށް ޖެހޭ ކެންސަރާއި އެކި ކަހަލަ އެކްސިޑެންޓުތަކުގައި މޫނާއި ދަތްދޮޅިއަށް ލިބޭ ގެއްލުންތައް ރަނގަޅު ކޮށްދީ، ފަރުވާ ދިނުމަށް ދިވެހި ސާޖަނެއް ހުންނެވުމުން ދިވެހިންނަށް ތަފާތެއް ފެންނާނެ އެވެ. ދިވެހިންނަށް ހިތްހަމަ ޖެހުމެއް ވެސް އޮންނާނެ އެވެ.
ފަތުހުﷲ މެޑިކަލް ދާއިރާގައި އުޅުއްވާތާ އަހަރުތަކެއް ވެއްޖެ އެވެ. ރަޝިއާގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ރ. އުނގޫފާރާއި ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރެއްވުމަށްފަހު އޭބާ ބަދަލުވެ ވަޑައިގެންނެވީ ދިވެހިން ތަރައްގީ ކޮށްފައިވާ އައިޖީއެމްއެޗަށެވެ. އެ ހޮސްޕިޓަލުގައި ހަތަރު އަހަރު މަސައްކަތް ކުރުމަށްފަހު 2016 އަނެއްކާ ވެސް ކިޔަވާ ވިދާޅުވާން ބޭރަށް ވަޑައިގެންނެވީ އެވެ. އެނބުރި ރާއްޖެ ވަޑައިގެންނެވީ އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަން އެއްގެ ގޮތުގަ އެވެ.
މީގެ ކުރިން ޑެންޓިސްޓަކަށް މަސައްކަތް ކުރެއްވުމުން ޑެންޓިސްޓްރީގައި ސްޕެޝަލައިޒް ވެވެން ހުންނަ އެކި ދާއިރާތަކުގެ ތެރެއިން ފަތުހުﷲ އަށް އެންމެ ކަމުދިޔައީ ސާޖިކަލްގެ މަސައްކަތެވެ. މިހާރު އޭނާ ހުންނެވީ އެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަށް ވަޑައިގަތުމަށް ފަހު ދިވެހިންނަށް ހިދުމަތް ކުރެއްވުމުގަ އެވެ.
"ސާޖަރީ ތައް ހެދުމުގެ އިންޓްރެސްޓް ހުރުމުގެ ސަބަބުން އަޅުގަނޑު ހަތަރު އަހަރު މަސައްކަތް ކޮށްފައި އެކްސްޕީރިއަންސް އާ އެކީގަ އެބައިން އިތުރަށް ކުރއަށްދާން ވެގެން އޯރަލް މެގްޒިލޯ ފޭޝަލް ސާޖަންއަކަށް ވާން ނިންމީ. 2019 ވަނަ އަހަރު ފަހުކޮޅު ކިޔެވުމަށްފަހު އެނބުރި މާލެ އައިސް ހޮސްޕިޓަލާ ގުޅުނީ،" ފަތުހުﷲ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ގިނައިން މިފަދަ ސާޖަނުން ކައިރިއަށް ދަނީ ޓްރޯމާ ކޭސްތަކުގަ އެވެ. އެކްސިޑެންޓްތައްވެ އެކި ކަހަލަ ބޮޑެތި އަނިޔާތައް ލިބުމުގެ ސަބަބުން އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަން އަކަށް ރިފާ ކުރަން ބަލާއިރު އެފަދަ ސާޖަނުން ރާއްޖޭގައި މަދުވުމުގެ ސަބަބުން އަބަދުވެސް ހާސް ކަމާއި ދަތިތައް ދިމާވެ އެވެ. އަދި ބޭރަށް ދާން ލަފާ ދިނުމުން ކޮންމެ މީހަކަށް ފަސޭހައިން ބޭރަށް އެފަދަ ފަރުވާއަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.
"އަޅުގަނޑު މިކޮޅުގައި ކުރިން ޑެންޓިސްޓަކަށް މަސައްކަތް ކުރި އިރު ވެސް އާދޭ އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަނުންނަށް ރިފާ ކުރަން ޖެހޭ ކޭސަސް. އެހެން ސާޖަން އެއް ކައިރީ ވޯކް ކުރަން ނުހުންނަ ކަމުގަ ވަންޏާ ވަރަށް ބޮޑެތި ދަތިތައް ދިމާވޭ." ފަތުހުﷲ ވިދާޅުވި އެވެ. "ގިނަ ފަހަރަށް ބޭރަށް ދާން ރިފާ ކުރަން ޖެހޭނީ. އެގޮތަށް ވަރަށް އާދައިގެ ކޭސްތައް ވެސް އެބަހުރި ސާޖަން އަކަށް ރިފާ ކުރަން ޖެހޭ އެކަމަކު ރާއްޖޭގައި މީގެ ސާޖަނުން މަދު ވުމުގެ ސަބަބުން އުނދަގޫތައް ދިމާވި. މި ދާއިރާގެ ސާޖަން އެއް ހުރުމަކީ ވަރަށް ބޮޑު ފަސޭހަ އަކަށްވާނެ... މިފަދަ ކޭސްތައް ދަނީ ރާއްޖޭގައި ގިނަވަމުން"
ލިބެން ހުރި ފެސިލިޓީސް ތަކާއާއެކުގައި އަދި އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ފަރުވާ އެއް ފޯރުކޮށް ދެވޭނެޑރ. ފަތުހުﷲ ސައީދު | އޯރަލް އެންޑް މެގްޒިލޯ ފޭޝަލް ސާޖަން
ފަތުހުﷲ ހުންނެވީ އެ ދާރާއިން ދިވެހިންނަށް ދެވެން އޮތް ހުރިހާ އެހީއެއް ވެ ދެއްވާށެވެ. މީގެ ކުރިން ސާޖަނުން ނެތުމުން ބަލި މީހާ ގާތުގައި ރާއްޖެއްިން ބޭރަށް ދާން އެދެން ޖެހުނު ނަމަވެސް ދެން ރާއްޖޭގައި އެ ފަރުވާ ފަތުހުﷲ ދެއްވޭނެ އެވެ.
"އަޅުގަނޑުގެ މަގުސަދަކީ ސާޖަރީތަކަށް ފަސޭހަ މަގުތަކެއް ހޯދައިދީ އަވަހަށް އެ ހިދުމަތް ލިބި އެ ފަަރުވާ ހޯދައިދިނުން. އައިޖީއެމްއެޗަށް އަންނަ ޕޭޝަންޓުންނަށް ޔަގީންކަން އަރުވަން ބޭނުން މިތާނގައި ލިބެން މި ހުރި ފެސިލިޓީސް ތަކާއާއެކުގައި އަދި އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ފަރުވާ އެއް ފޯރުކޮށް ދެވޭނެ ކަން"