ހަބަރު

ރާއްޖޭގެ ކަނޑު ފަޅުތަކާ ގުޅޭ ދިރާސާތަކެއް ފަށައިފި

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާ ގުޅޭ ދިރާސާތަކެއް އިއްޔެ ފަށައިފި އެވެ.

ސިލްސިލާ ކޮށް ކުރިއަށްގެންދާ މި ދިރާސާތައް އިއްޔެ ފެށީ ހުޅުމާލެ އިންނެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް 26 ދުވަސް ވަންދެން ކުރިއަށް ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. ދަތުރު ފައްޓަވައިދެއްވުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ "ކާޕޭ ޑިއެމް" ބޯޓަށް ވަޑައިގެން ދަތުރުގެ ބައިވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެފައި ވަނީ، ނިމިދިޔަ އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދިވެހި ސަރުކާރާއި އެ ކޯލިޝަން އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިގްތިސާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ އެ ސިޔާސަތަށް ބޭނުންވާ މެރިން ސްޕޭޝަލް ޕްލޭންއެއް އެކުލަވާލާނެ އެވެ.

އެ ސްޕޭޝަލް ޕްލޭން ވާނީ ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި ތަރައްގީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިއްޔެ ފެށި ދަތުރުގައި ސައިންވެރިންނާއި، ރާއްޖޭގައި ތިމާވެށްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ބައިވެ އެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ސާވޭތަކެއް ކުރެވިގެންދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މީގެ އިތުރުން، މި ކޯލިޝަންގެ ދަށުން އިތުރު ދަތުރުތައް ރާވާ ރާއްޖޭގެ އުތުރާއި ދެކުނުން، ފުން ކަނޑުތަކާއި ތިލަ ފަރުފަޅުތަކުން މުހިންމު މައުލޫމާތުތަކެއް ނެގުމަށް މި އަހަރުގެ އެކި ދުވަސްވަރުގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ. އެގޮތުން ނެގޭ މައުލޫމާތުތަކުގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލެވި ރާއްޖޭގައި ނޫ އިގްތިސާދެއް ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.