ހަބަރު

އެމްޑީޕީ ޕްރައިމަރީ އަށް ފޯމު ހުށަހެޅުން މިރޭ 9 އަކަށް

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ދިން ވަގުތު އެ ޕާޓީން އިތުރުކޮށްފި އެވެ.

އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީގެ ފޯމު ހުށަހެޅުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު މިރޭ 9:00 އާ ހަމައަށް އިތުރު ކޮށްފައިވާ އެމްޑީޕީން ވަނީ ބުނެފައެވެ. މީގެ ކުރިން ފޯމްލުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކަށް ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 6:00 އަށެވެ.

އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާ މެންބަރުންނަށެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ބަދަލު ގެނައުމުން މި އަހަރު އިންތިހާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.