ހަބަރު

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައަޅައިފި

ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ހަ ދާއިރާ އާއި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ ގުރުއަތުން ހޮވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުޅުދުއްފުށީގައި މިރޭ ރަސްމިއްޔާތެއް ބާއްވާ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފަ އެވެ. އެގޮތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވީ މެދު އުތުރު ދާއިރާ އާއި މެދު ދެކުނު ދާއިރާ އެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ

  • ކުޅުދުއްފުށި އުތުރު ދާއިރާ: އާބާދީ - 1678 މީހުން
  • ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ: އާބާދީ - 1665 މީހުން
  • ކުޅުދުއްފުށި މެދު އުތުރު ދާއިރާ: އާބާދީ - 1752 މީހުން
  • ކުޅުދުއްފުށި މެދު ދެކުނު ދާއިރާ: އާބާދީ - 1732 މީހުން
  • ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ: އާބާދީ - 1736 މީހުން
  • ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ: އާބާދީ - 1647

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި، އަންހެނުންނަށް ހާއްސަ ގޮނޑިތައް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

ކުޅުދުއްފުށި ސިޓީގެ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުން ފަސްވީ އެ ރަށައް ސިޓީއެއްގެ ދަރަޖަ ދިނުން ސަރުކާރުން ފަސް ކުރުމާއި ގުޅިގެންނެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ގާނޫނުގައިވަނީ 10،000 މީހުންގެ އާބާދީ އެއް ނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ ކަމަށެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ އެވެ. މިހާރު އެ ސިޓީގެ އާބާދީ އަކީ 10،210 ކަމަށް މިރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.