ހަބަރު

މުލަކުން މަރުވިމީހާގެ ސިކުނޑީގެ އުނިކަމެއް ހުރި

މ. މުލަކުގެ ވަޑާން ގެއެއްގެ ތެރޭ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ރޭގަނޑު އެ ތަނުގައި މަސައްކަތް ކުރަން ދާ މީހެއް ނޫން ކަމަށް މުލަކު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު އާދަމް ވިދާޅުވެއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނު އެރަށު ލިލީމާގޭ، އުމުރުން 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާއަކީ ވަޑިއެކެވެ.

މުހައްމަދު އާދަމް ވިދާޅުވީ މަރުވި ވަޑިއަކީ އެރަށުގެ އިޖުތިމާއީ ހުރިހާ ކަމެއްގައި ހިލޭ ސާބަހަށް ވެސް މަސައްކަތް ކޮށްދެމުން އައި މީހެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަޑާންގެއަކީ އޭނާ މަސައްކަތް ކުރަންދާ ވަޑާންގެއެއް ކަމަށެވެ.

މުހައްމަދު ވިދާޅުވީ މަރުވި މީހާއަކީ ވަރަށް ފަހުން ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ސިކުނޑީގެ އުނިކަމެއް ދިމާވެފައިވާ މީހެއް ކަމަށާއި އާއިލާއިން އޭނާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރޭގަނޑު ދަންވަރި އެއްވެސް ވަރަކަށް އޭނާ ބޭރަށް ގޮސް ނޫޅޭ ކަމަށެވެ.

"މިފަހުން އޭނާގެ ސިކުނޑި މައްސަލަ އެއް ކުރިމަތި. އެކަމަކު ދުވަހަކު ވެސް އޭނަ ނުދާނެ މިގޮތަށް ދަންވަރު ނުކުމެގެން. އަދި އަމިއްލައަށް ގެއްލުންދޭނެ ފަދަ ކަމެއް ވެސް ނުކުރޭ." އޭނާ ވިދާޅުވި އެވެ. "އޭނާގެ މަރުގެ ހަބަރު އަޅުގަނޑަށް ދިނީ ވަޑާންގޭގެ ވެރިމީހާގެ ދަރިފުޅު. އޭނާ ބުނީ ފަތިސް ނަމާދަށް ދާން ހޭލި އިރު ކަރަންޓް ކީސް ޖައްސާފައި ހުރި އަޑު އިވޭތީ ވަޑާންގެއަށް ވަން އިރު މުހައްމަދު އަބްދުއްރަހްމާނު އޮތީ އެ ކީހާއި ގާތްގަނޑަކަށް ހައެއްކަ ފޫޓު ދުރުގައޭ މުޅި ތަނުގަ އޮތީ ލެއޭ،" އޭނާ ވިދާޅުވި އެވެ.

މަރުވި މީހާގެ ކޮނޑުން ފެށިގެން ބަނޑާ ހަމަޔަށް ވަރަށް ބޮޑަށް ކަފައިގެން ގޮސް ހުއްޓެވެ.