ހައިކޯޓްގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުކޫލީ މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ބުނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލު ވުމުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ތަހުގީގު ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރާއި، ފެމިލީ ކޯޓްގެ ގާޒީ އަބްދުﷲ އަދީބުގެ މައްސަލަ އެ ކޮމެޓީން ތަހުގީގު ކުރާނެ އެވެ.
ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ޝުޖާއުގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތް މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ގޮތަށް ހައި ކޯޓުގައި ތާވަލުކޮށްފައިވަނިކޮށެވެ.
ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ އޯގަސްޓް 15، 2018 ގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން ކުރި ތަހުގީގަށްފަހު މިހާރު އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ. މިއީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މައްސަލަ މިގޮތަށް ތަހުގީގުކުރެވި މަޖިލީސް މެދުވެރިކޮށް ވަކިކުރެވުނު ފުރަތަމަ ފަހަރެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓްގައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.
މީގެ ކުރިން ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއްވެސް ބަލަން ފަށާ، އޭނާ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލަ ޖޭއެސްސީން ބަލާ، ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައިވަނިކޮށް ހައިލަމް ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ.