ޖޭއެސްސީ

އިތުރު ވާހަކަ ދެއްކުން މިވަގުތު ރަނގަޅެއް ނޫން: ފާއިޒް

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާ ދެއްވުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށް އޭނާގެ ނަން އިހްތިޔާރު ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުުހައްމަދު ސޯލިހަށް، ފާއިޒް ޝުކުރު އަދާކުރައްވައިފި އެވެ.

ފާއިޒް މިހެން ވިދާޅުވީ ޖޭއެސްސީގެ އެ ނިންމުން އާންމުކޮށްފައިވަނިކޮށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފާއިޒް ވިދާޅުވީ އޭނާގެ ނަން ހިޔާރު ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިތުރު ވާހަކަ ދެއްކުން މިވަގުތު ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަން ހިޔާރު ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން. އިތުރު ވާހަކަ ދެއްކުން މިވަގުތު ރަނގަޅެއް ނޫން." ވަކިވަކިން ކުރައްވާފައިވާ ދެ ޕޯސްޓެއްގައި ފާއިޒް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލްވުމުގައެވެ. ކޮމިޝަންގެ އިއްޔެގެ ބައްދަލްވުމުގެ މައުލޫމާތު މީޑިއާއަށް އާންމުކުރީ މިއަދުއެވެ.

އަހުމަދު ފާއިޒް ހުސައިން، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަން ކުރެއްވިއިރު އަމަލު ކުރެއްވި ގޮތާއި ގުޅޭގޮތުން ދިރާސާ ރިޕޯޓެއް ވަނީ އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމުގައި ފާއިޒް ހުންނެވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާއި ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެ އެ ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ފާއިޒްވެސް ބައިވެރިވެވަޑައިގެންފައިވާ ބަޔާންކޮށްފައިވާތީ އެކަން ބަލައިގަތުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އަލުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ވަނީ ނިންމާފައެވެ.

ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ފޮނުއްވާފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ނަމަވެސް އެމަހުގެ 24 ވަނަ ދުވަހު ފާއިޒް އާއި ގުޅޭ ޝަކުވާތަކެއް ޖޭއެސްސީއަށް ވަނީ ހުށައަޅާފައެވެ. ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒުއާ ގުޅޭ ޝަކުވާގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލަ ހިމެނެ އެވެ.

މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މައްޗަށް އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލައެއް ބަލައި ހުކުމް އިއްވި މައްސަލަ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ވެސް ސްމޯޓޯކޮށް މައްސަލައެއް ހިންގި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.

މިކަންކަން ފާހަގަކޮށް ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ނިންމުންތައް ސުޕްރީމް ކޯޓުން ނިންމިއިރު ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފާއިޒު ކަމަށެވެ. އެހެންކަމުން އެކަންކަން ބަލަން ޖެހޭނެ ކަމަށެވެ.

ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ކަންކަމަކީ ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން ވަކި ކުރުމުގައި ވެސް ބަލާފައިވާ އަސާސެއް ކަމުން އަލުން ފާއިޒު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގައި ޖޭއެސްސީއިން އެކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

ފާއިޒްއާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލާގައިވާ ކަންކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެ ފަނޑިޔާރުން ވެސް އެ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާތީ އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ އެއީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.