ރިޕޯޓް

ބޮޑު ހޮސްޕިޓަލް ބޮޑު ބަދަލަކާ ދިމާއަށް، އުންމީދު ވެސް ބޮޑު!

Aug 30, 2015

"ސިއްހީ ދާއިރާ އޭ" ބުނުމުން ބޮލަށް އަންނަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗެވެ. ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އެވެ. މި ޝަކުވާތައް ކުރާތާ ލައްކަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެކަން ބަދަލު ކުރަން ސަރުކާރުން މި ވަނީ މަސައްކަތް ފަށާފަ އެވެ. އެގޮތުން ހޮސްޕިޓަލްގެ ހިންގުމުގެ ފެންވަރު ރަނގަޅު ރަނގަޅުކޮށް މުޅި ހޮސްޕިޓަލް ދަނީ މަރާމާތު ކުރަމުންނެވެ. މި މަސައްކަތާއެކު ސަރުކާރުގެ މައި ހޮސްޕިޓަލާ މެދު ކުރެވޭ އުންމީދު މިވަނީ އާވެފަ އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އިމާރާތުގެ މަސައްކަތް ނިމޭއިރު ހޮސްޕިޓަލުން ދޭ ހިދުމަތާއި އިމާރާތައް ވެސް ބޮޑު ބަދަލެއް އިރާދަކުރެއްވިއްޔާ ގެނައުން،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލަށް މިހާރުގެ ހާލަތު ސިފަކުރާނަމަ ބުނެވޭނީ އެތަން އޮތީ "މުސްކުޅިވެފަ" ކަމަށެވެ. ހޮސްޕިޓަލްވަނީ 20 އަހަރު ފަހަތައް ސޮއްސާލާފަ އެވެ. އެކަން އެނގޭނީ ހޮސްޕިޓަލުގެ މުހިންމު ތަންތަން ބަލާއިލުމުންނެވެ. އެ ފުރުސަތު ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ އަވަސްގެ ނޫސްވެރިނަށް ދީފަ އެވެ. އެތަން ބަލާލުމުން ނޫސްވެރިންނަށް ވެސް ލިބުނީ ހަމަ ހައިރާން ކަމެކެވެ.

ހައިރާން ނުވާނެ ސަބަބެއް ނެތެވެ!ހަމަ ހަގީގަތުގައި ވެސް މައި ހޮސްޕިޓަލް އޮތީ ވަރަށް ހާލުގަ އެވެ. ހޮސްޕިޓަލްގެ ކޮޓަރިތަކުގެ ފާހާނާ ވަނީ ވީރާނާވެފަ އެވެ. ސީލިންގު ވެސް އޮތީ ބާވެ "ފުނޑިފަ" އެވެ. ހޮސްޕިޓަލްގެ މުޅި ފުރާޅު ވަނީ ފޫވެއްޓިފަ އެވެ. ސީލިންގުން ފެން ލީކުވެ އެވެ. މި ވަރުން އަދި ނިމުނީއަކީ ނޫނެވެ. ހޮސްޕިޓަލްގެ މަތީގައިވާ މައި ކޮންކްރީޓް ޝީޓު ވެސް އޮތީ ރެނދުލާފަ އެވެ. އެ ތަނުން ވެސް ފެން ލީކުވެ އެވެ. މިހުރިހާ ކަމަކާއެކު، އައިޖީއެމްއެޗްގެ މިހާރުގެ މެނޭޖުމަންޓުން އަބަދު ތިބެން ޖެހެނީ "ކުއްލި ހާލަތްތަކުގަ" އެވެ. ނަމަވެސް މި ހާލަތުގައި އޮތް ހޮސްޕިޓަލް އަލުން ކޮޅަށް ޖަހަން އާ މެނޭޖުމަންޓުން މިވަނީ އަތުކުރި އޮޅާލާފަ އެވެ.

"މި މަސައްކަތުގެ ބޮޑުކަން އެނގޭނީ އައިސް ބަލައިލުމުން. ދުރުގަ ތިބެ ވާހަކަ ދެއްކިދާނެ. ހިދުމަތް ކުރިއަށްދާ ހޮސްޕިޓަލެއްގައި ތިބޭ މީހުންނަށް ދަތިނުވެ، މި ވަރުގެ މަސައްކަތެއް ކުރުމަކީ ބޮޑު ޗެލެންޖެއް. އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިޔާ މި މަސައްކަތް ވަރަށް ފުރިހަމަކަމާއެކު ކޮށް ނިންނާލާނަން،" ކުރިން ސިފައިންގެ އާއި ފުލުހުންގެ އިސްމަގާމު ތަކެއް ފުރުއްވާފައިވާ، އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ރިޝްވާން ވިދާޅުވި އެވެ.

މަރާމާތުގެ ބޮޑު ބައި ހަރަދުކުރަނީ އިންޑިޔާ ސަރުކާރުންނެވެ. ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ މި މަސައްކަތުގެ ދަށުން ހޮސްޕިޓަލްގެ މުހިންމު ތަންނަ ފިނިކުރަން "ސެންޓަލް އޭސީ ސިސްޓަމެއް" ހަރުކުރާނެ އެވެ. އަދި މި މަސައްކަތުގެ ދަށުން ހޮސްޕިޓަލުގެ މުޅި ފުރާޅު ނަގައި ޓިނު ބަދަލުކުރާނެ އެވެ. މީގެ އިތުރުން މުޅި ހޮސްޕިޓަލްގެ ސީލިންގް ބަދަލު ކުރާނެ އެވެ. އަދި ބާވެ، ފޫވެއްޓިފައިވާ ކޮންކްރީޓް ޝީޓް ވެސް އަލުން ތަޅާލައި، ޝީޓް އަޅާނެ އެވެ. މި މަސައްކަތުގެ ދަށުން މުޅި ޝީޓް ވެސް ބަދަލުކުރާނެ އެވެ. އަދި ބާވެފައިވާ ފާހާނާތައް ރަނގަޅު ކުރުމާއި ކޮޓަރިތައް ރީތިކޮށް، އާ ވަސީލަތްތައް ގާއިމް ކުރާނެ އެވެ.

އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން މައިގަނޑު ހަތަރު މަޝްރޫއެއް ކުރިއަށްގެންދަ އެވެ. ސަރުކާރުގެ މަޝްރޫއުތައް މައިގަނޑު ގޮތެއްގައި ބައްޓަން ކޮށްފައިވަނީ އުމްރާނީ ތަރައްގީ އާއި ބޭނުންވާ އާލާތްތައް ހޯދުމަށެވެ. މި މަޝްރޫއު އަށް ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.

ލިފްޓްތައް ބަދަލު ކުރުން: 7.7 މިލިއަން ރުފިޔާ

ޑޮކްޓަރުންގެ އެކޮމޮޑޭޝަން ރަނގަޅު ކުރުން: 7.7 މިލިއަން ރުފިޔާ

އިމަޖެންސީ ރޫމާއި ވެއިޓިން އޭރިޔާ މަރާމާތު ކުރުން: 20.8 މިލިއަން ރުފިޔާ

އައިސީޔޫގެ ފެންވަރު ރަނގަޅުކޮށް ބޮޑު ކުރުން: 32.5 މިލިއަން ރުފިޔާ

އާ ސްކޭން މެޝިނެއް ބެހެއްޓުން: 1.1 މިލިއަން ރުފިޔާ

އެމްއާރުއައި ހިދުމަތަށް އިމާރާތެއް ހެދުން: ހަތަރު މިލިއަން ރުފިޔާ

ޑެޕިއުޓީ ސީއީއޯ ރިޝްވާން ވިދާޅުވީ މަރާމާތުގެ މަސައްކަތް ނިމޭއިރު، އޮން ކޯލްގައި ތިބޭ ޑޮކްޓަރުން މަޑުކުރަން ހާއްސަ ކޮޓަރިތަކެއް ހުންނާނެ ކަމަށެވެ.

"އޮން ކޯލްގައި ތިބޭ ޑޮކްޓަރުން މިހާރު ތިބެން ޖެހެނީ ވޯޑްގައި. އެކަމަކު މަރާމާތުގެ ނިމޭއިރު އޮން ކޯލް ޑޮކްޓަރުން ނަށް ކޮޓަރިތަކެެއް ހުންނާނެ. ހޮސްޕިޓަލްގެ އުތުރުން އޮތް ބައިގައި ހުރި 24 ކޮޓަރި މަރާމާތު ނިމޭއިރު ސްޕެޝަލިސްޓުންގެ އެކޮމޮޑޭޝަން އާއި މެޑިކަލް އޮފިސަރުންނަށް ވެސް ހާއްސަ ކޮޓަރިތައް ހުންނާނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމާއި އައިސީޔޫގެ މަރާމާތު ނިމޭއިރު، އެ ސަރަހައްދުން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. އެގޮތުން ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ އައިސީޔޫގައި "ޑައިލެސިސް" ޔުނިޓުތަކެއް ގާއިމް ކުރުން ކަމަށް، ރިޝްވާން ވިދާޅުވި އެވެ.

" ވެއިޓިން އޭރިއާއާއެކު، އިމަޖެންސީ ރޫމް ރަނގަޅު ކުރާއިރު ވަރަށް ބޮޑު ޗޭންޖެއް އެތަނުން ވެސް އަންނާނެ. އައިސީޔޫގައި މިހާރު މި ހުންނަނީ އަށް ބެޑް. އެކަމަކު މަރާމާތު ނިމޭއިރު އައިސީޔޫ އަށް އިތުރު 20 އެނދު އިތުރު ވާނެ. މި ތަން ވެސް އޭސީކޮށް ވެއިޓިން އޭރިއާ އެއް އޮންނާނެ. މީގެ އިތުރުން ސްޓެޕްޑައުން އިތުރު ހަ ބެޑް ވެސް ހުންނާނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިމަޖެންސީ ރޫމް ބޮޑު ކުރުމާއެކު، އާލާތްތައް ވެސް އިތުރުވެގެންދާނެ ކަމަށެވެ.

"އޭރުން އިމަޖެންސީ ތެރޭގައި އިތުރު އޮޕަރޭޝަން ތިއޭޓަރެއް ހެދޭނެ. އިތުރު އެކްސްރޭ ނަގާނެ ތަނެއް ހެދޭނެ. އޭރުން މިހާރު ގޮތަށް އާއްމުކޮށް ޖެނެރަލް ޕަބްލިކުން އައިސް އެކްސްރޭ ނަގަން އިމަޖެންސީ ރޫމް ތެރެއަށް ވަންނާކަށް ނުޖެހޭނެ. މިހާރު އިމަޖެންސީއަށް ގެންނަ މީހާ އަލުން އައްޓަކަށް ލައިގެން އޮޕަރޭޝަން ތިއޭޓަރަށް ގެންދަން މި ޖެހެނީ. އެކަމަކު އެތަން ނިމޭއިރު، އިމަޖެންސީގައި އެ ހިދުމަތް ދެވޭނެ. އެއީ ވަރަށް ބޮޑު ލުޔަކަށް ވާނެ،" ރިޝްވާން ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެ ތަނުގައި އެމްއާރުއައި ނެގުމުގެ ހިދުމަތް ރަނގަޅު ކުރުމަށް ދިވެހި ސިފައިން ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. އެމްއާރުއައި މެޝިންތައް ބެހެއްޓުމާއި އިމާރާތް ހެދުމުގެ މަސައްކަތް ދިވެހި ވަނީ ފަށާފަ އެވެ.

ރިޝްވާން ވިދާޅުވީ މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް ސްކޭނިންގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން "ސްކޭން" މެޝިންތަކެއް ބަހައްޓަން ވެސް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ލެބޯޓްރީގެ ހިދުމަތަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ލެބޯޓްރީ ނިމޭއިރު އޮންނާނެ އެތަނުގައި ފުދޭވަރެއްގެ ބޮޑު އޭރިޔާއެއް. އޭރުން މިހާރުގެ ގޮތަށް ލެބޯޓްރީ އަށް އަންނަ މީހުން އައިސް ކޮރިޑޯ ތެރޭގައި ބޮނޑިވާކަށް ނުޖެހޭނެ. މިހާރު ހަތަނުން ލޭ ނަގަނީ. ނަމަވެސް މުޅިތަން ނިމޭއިރު، ލޭ ނަގާ ނުވަތަން ހުންނާނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލާއެކު ލެބޯޓްރީގެ ހިދުމަތް އަވަސް ވެގެންދާނެ ކަމަށެވެ.

"މިހާރު ލެބޯޓްރީ މޮޑިފައިކޮށްފައި ހަދާ ގޮތުން އެތެރޭގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވި ބަދަލެއް އަންނާނެ. ޓެސްޓްތައް ހަދައިގެން ޕަބްލިކަށް ރިޒަލްޓް ދިއުމާ ދޭތެރޭ ނަގާ ވަގުތު ވެސް އަވަސް ވާނެ،" ރިޝްވާން ވިދާޅުވި އެވެ.

މީގެ އިތުރުން އައިޖީއެޗުން ދަނީ ލެބޯޓްރީގެ ނަތީޖާ ދޫކުރާނެ މެޝިންތަކެއް ހޮސްޕިޓަލުގައި ބެހެއްޓުމަށް ވެސް ނިންމާފަ އެވެ. މި މެޝިންތައް ބެހެއްޓުމުން އެ މެޝިން މެދުވެރިކޮށް ލެބޯޓްރީން ދޫކުރާ ނަތީޖާ ނެގޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

ކޮންމެއަކަށް ސަރުކާރު މި ވަނީ އައިޖީއެމްއެޗް ބަދަލު ކުރަން މަސައްކަތް ފަށާފަ އެވެ. މި މަސައްކަތް އަންނަ އަހަރު އެއްކޮށް އަންނަ އަހަރުގެ މެދެންހާ އިރު ނިންމާލާނެ އެވެ. މި މަސައްކަތާއެކު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ދިއުމުގެ އުންމީދެއް އެބައޮތެވެ.