ރޭޕް

ރޭޕްގެ ތުހުމަތުވާ ސިފައިންގެ މީހުނެއް ނޭނގުނު!

ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލަ، އެމްއެންޑީއެފާއި އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާ ކަމަށާ އަދި އެ މައުލޫމާތު މެންބަރު ރޮޒައިނާއަށް ވެސް ވިދާޅުވެ ދެއްވިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

ސިފައިންގެ ދެ މީހަކު 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ރޭ ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުޅޭގޮތުން ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އެ މުއައްސަސާއާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ވާހަކަ ދެއްކެވި މެންބަރު ރޮޒައިނާ ވެސް އަދި އެކަމާ ގުޅިގެން ފުލުހުންނާ ގުޅުމުން، 15 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި ކަން ނުވަތަ އެކަން ކުރި މީހަކު ނުވަތަ ބަޔަކު ބުނެ ނުދެވުނު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މުއައްސަސާއިން ކުރިއަށް އޮތް ތާނވެސް އަމަލު ކުރަމުން ގެންދާނީ އެގޮތަށް ކަމަށެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަންބޮޑުވާ ކަމެއް ކަމަށާ ލާއިންސާނީ އެ އަނިޔާވެރި އަމަލު ހިނގި ފަރާތްތަކަށް ހައްގު އަދަބު ލިބުމީ އެ މުއައްސަސާގެެ ވެސް އެންމެ ބޮޑު އެދުން ކަމަށް ބުނެފައި ވެއެވެ.

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް އޭނާގެ ބައްޕައާއި ދެ ކާފަ ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން ރޭ ބޭއްވި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި 15 އަހަރުގެ ކުއްޖަކު ރޭޕްކޮށްގެން ސިފައިންގެ ދެ މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާއިރު އެ މައްސަލާގައި އިންސާފު ނުލިބޭ ކަމަށާއި އެ މީހުން ތިބީ ސިފައިންގެ މުއައްސަސާގައި ޔުނީފޯމް އެޅި ވަޒީފާތަކުގައި ކަމަށެވެ.