ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ކުރި މުޒާހަރާގެ ތެރޭ ހަމަނުޖެހުންތައް ހިނގި ވަގުތު މީހެއްގެ ގައިގައި ފުލުހަކު ޖެހި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ 108 ނަމްބަރު ފްލެޓު ކައިރީ ހިނގައި ދިޔަ ކަންކަމުގެ ތެރޭގައި މެދު އުމުރުފުރައިގެ އަންހެނެއް ގައިގައި ފުލުހަކު ޖެހި ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ޓީމެއް އެ އަންހެން މީހާ އާއި އޭނާގެ އާއިލާއާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހުޅުމާލޭގެ ފްލެޓެއް ކައިރިއަށް މިދިއަ ހުކުރު ދުވަހު ގިނަ ބަޔަކު އެއްވީ ގއ. ކަނޑުހުޅުދޫގައި އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިހުމާލުވި ބައްޕަ އެ ފްލެޓުގައި ދިރިއުޅޭ ކަމުގެ މައުލޫމާތު ލިބިގެނެވެ. އެ ތަނަށް މީހުން އެއްވެ އޭނާ ނެރެން މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި 17 ފުލުހަކަށް ވެސް އަނިޔާވެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން 27 މީހުން އެ ރޭ ހައްޔަރު ކުރިއިރު މިހާރު ބަންދުގައި ތިބީ 19 މީހެކެވެ.