ހަބަރު

އުމުރުން ދުވަސްވީ މީހުންނަށް މަރުކަޒެއް އަޅައިދޭން ކުވެއިތުގެ ޝައުގުވެރިކަން

ނައިބު ރައީސް ފައިސަލް ނަސީމް ކުވެއިތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕުގެ ފަރާތުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް މަރުކަޒެއް ގާއިމް ކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އަލްޖެރީ ހޯލްޑިންގް ގްރޫޕަކީ، ކުވެއިތުގައި ތައުލީމީ ދާއިރާ ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގެ ދައުވަތަކަށް ނައިބު ރައީސް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ފައުންޑޭޝަންގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސާ ތަލާލް ޚަލިފާ އަލް ޖެރީގެ އިތުރުން ކުވެއިތުގެ ބައެއް ޖަމިއްޔާ ތަކުގެ އިސް ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި އަލްޖެރީ ހޯލްޑިންގް ގްރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސްކޫލްތަކަށް 40,000 ފޮތް ހަދިޔާކުރައްވާފަ އެވެ. މީގެ އިތުރުން އެ ގްރޫޕްގެ ފަރާތުން ވަނީ އިސްލާމިކް މިނިސްޓްރީއަށް 10,000 މުސްހަފް ހަދިޔާކޮށްފަ އެވެ. އަދި ދުވަސްވީ މީހުންނަށް މަރުކަޒެއް ގާއިމް ކުރަން ޝައުގުވެރިކަން ފާޅުކުރި އެވެ.

ކުވެއިތުގެ ޖަމިއްޔާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމާއި ގުރުއާނާއި އަރަބި ކިޔަވައިދޭ މުދައްރިސުން ހޯދުމާއި، ދީނީ އެއްބައިވަންތަކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެކި ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

ނައިބު ރައީސް ވަނީ އަލްޖެރީ ގްރޫޕުން ކުވެއިތުގައި ހިންގާ އަޖިއަލް ބައިލިންގުއަލް ސްކޫލަށާއި، އެމެރިކަން ޖާމަން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފަ އެވެ.

މިޒިޔާރަތުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރް އަޙްމަދު ޒާހިރު ވަނީ ކުވެއިތުގެ ބައިތުލް ޒަކާތުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.