އިގްތިސޯދު

ދަރަނި ކުޑަ ނުކުރެވި، ދަރަނި މައްޗަށް!

މި ސަރުކާރުގެ އިސްވެރިން، ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ވެވަޑައިގެންނެވި މައިގަނޑު ވައުދުތަކުގެ ތެރޭގައި ދަރަނި ކުޑަ ކުރުން ހިމެނެ އެވެ. އެހެންވެ، އެމްޑީޕީ ސަރުކާރުގެ "ނޫ އިގުތިސޯދު" ގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ދަރަނި ކުޑަކޮށް، ފުދުންތެރިކަން އިތުރު ކުރުން ހިމަނާފައިވެ އެވެ. ލޯނު މަދުކޮށްގެން މަޝްރޫއުތައް ހިންގާނެ ކަމަށް ކެމްޕޭން ތެރޭގައި ބުނަމުން ދިޔަ އެވެ. އެކަމަކު މިއަދާ ހަމައަށް ބަލައިލާއިރު ވެސް ފެންނަނީ ރާއްޖޭގެ ދަރަނި ހުއްޓުމެއްނެތި މަތިވަމުންދާ ތަނެވެ. މިހާރުވެސް އޮތް ސުވާލަކީ އޭރު ވެސް އޮތް ސުވާލެވެ. ރާއްޖޭގެ ދަރަނި ކުޑަ ކުރެވޭ ހެއްޔެވެ؟

"ދަރަނި ކުޑަ ކުރެވޭ ތަނެއް ނުފެނޭ. ގަބޫލެއް ނުކުރެވޭ ކުރިއަށް އޮތް ހައެއްކަ އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ ދަރަނީގެ ނިސްބަތް ކުޑަ ކުރެވިދާނެ ހެނެއް،" ކުރިން ފިނޭންސް މިނިސްޓްރީގެ އިސް މަގާމު ތަކެއް ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވި އެވެ.

ހަގީގަތަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ މި ފަހުގެ ތާރީހުގައި ދަރަނި އެންމެ މަތިވި ފަސް އަހަރެވެ. ރައީސް ޔާމީންގެ ވަނީ ލޯނު ނަންގަވައިގެން އެއާޕޯޓް ތަރައްގީ ކުރުމާއި ބޯހިޔާވަހި ކަމުގެ ބޮޑެތި މަޝްރޫއު ތަކެއް ހިންގަވާފަ އެވެ. އޭގެ ނަތީޖާއަކަށްވީ ދަރަނި މަތިވެގެން ދިއުމެވެ. އެ ފަހަށް މި ސަރުކާރުން ވެސް ވަނީ ހަމަ ލޯނު ނަގައިގެން މަޝްރޫއުތައް ހިންގަން ފަށާފަ އެވެ. މި ސަރުކާރު ވެސް އޮތީ ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމާ ދިމާލަށް އެނބުރިގެނެވެ. ހިލޭ އެހީ ބޮޑު ނަމަވެސް ލޯނު ނޫން ޗޮއިސްއެއް ނެތްކަން މި ސަރުކާރަށް ވެސް ދަނީ އެނގެމުންނެވެ.

ދަރަނި މަތިވުން: ކަންބޮޑުވުމެއް!

ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމުގެ ކަންބޮޑުވުން ބޭރުގެ މާލީ އިދާރާ ތަކަށް އަބަދު ވެސް ކުރެ އެވެ. ހާއްސަކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެފްއެމް) އާއި ވޯލްޑް ބޭންކްގެ ކޮންމެ އަހަރަކު ވެސް މިކަމާ ގުޅޭ ލަފާ އާއި ޝަކުވާއާއެކު ރާއްޖެ އާދެ އެވެ.

ރާއްޖޭގެ އިގްތިސޯދު ދިރާސާ ކުރުމަށްފަހު، އައިއެމްއެފުން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި މަތިވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި އިތުރުވަމުންދާ ބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން ދިވެހި އިގްތިސޯދަށް ނޭދެވޭ ލޮޅުން ތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.

ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަން ކުރުމުގައި ކުރިމަތި ވެދާނެ ދަތިތައް ކުޑަ ކުރުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް އައިއެމްފުން ވަނީ މިހާރުވެސް މި ސަރުކާރަށް ލަފާދީފަ އެވެ.

"އެތެރޭގެ ދަރަނިން ފައިނޭންސް ކުރުމަށް ކުރިމަތިވާ ހުރަސްތަކުގެ މައިގަނޑު ސަބަބަކީ ދައުލަތުން އިޝޫ ކުރެވޭ ސެކިއުރިޓީސްގެ ބޮޑު ބައެއް ކުރުމުއްދަތުގެ ސެކިއުރިޓީސްއަށް ބަރޯސާވެފައި ވުމެވެ. ބޭރުގެ ދަރަންޏަށް ބަލާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަންނަ އަހަރު ފެށޭނެ އެވެ،" އައިއެފުން މިދިޔަ އަހަރު ބުނެފައިވެ އެވެ.

ގާނޫނީ މިންގަނޑުން ނެއްޓިފައި

ދަރަނީގެ ނިސްބަތް ހުންނަން ޖެހޭ ވަކި މިންގަނޑެއް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި ބުނެފައިވެ އެވެ. އަދި އައިއެމްއެފުން ވެސް ލަފާ ދެނީ އެ މިންގަނޑަށް ވުދެ ދަރަނި މަތި ވިޔަ ނުދިނުމަށެވެ. އެގޮތުން ދަރަނީގެ ނިސްބަތް ހުންނަން ޖެހެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 60 ޕަސެންޓު ފަހަނަ އަޅައި މައްޗަށް ގޮސްފަ އެވެ.

މި ސަރުކާރުން ދައުލަތާ ހަވާލުވި ފަހުން، މިދިޔަ އަހަރު ވެސް ދަރަނި ވަނީ މަތިވެފަ އެވެ. މިދިޔަ އަހަރަށް ބަލާއިރު ރާއްޖޭގެ އެތެރެ އާއި ބޭރުގެ ދަރަންޏަށް އިތުރު ތިން ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 52 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި ސަރުކާރުން ވެސް ލޯނާ ދިމާއަށް

ބޭނުންވާ ތަރައްގީ ކުރެވޭނީ ދަރަނި ވެސް ނަގައިގެންނެވެ. އެއީ ލޯނުން ނެވެ. އެހެންވެ ކެމްޕޭންތަކުގައި ކުރިން ދަރަނީގެ ވާހަކަ ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް މި ސަރުކާރުން ވެސް ވަނީ ދަރަނި ނެގުމުގެ މަގު ހިޔާރުކޮށްފަ އެވެ. އެހެންކަމުން މަޝްރޫއު ތަކަށް ފައިނޭންސް ހަމަ ޖެހެމުންދާ ވަރަކަށް ދަރަނި އިތުރު ވަމުން ދާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ޖަހާފައިވެ އެވެ. މިވެސް ދަރަންޏެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ހަރަދުތައް މެނޭޖު ކުރުމަށް މިދިޔަ އަހަރު 4.3 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފަ އެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ އޯޕެކް ފަންޑުން ވެސް ބޮޑު ލޯނެއް ނަގާފަ އެވެ. ފެނާއި ނަރުދަމާ އަދި ބަނދަރުގެ މަޝްރޫއު ތަކެއް ހިންގަން އޯޕެކު ފަންޑުން 4.6 އިންޓްރެސްޓް ރޭޓުގައި ނަގާފައި ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެނެވެ. ފަސް އަހަރުގެ ގްރޭސް ޕީރިއަޑާއެކު ލޯނު ދައްކަން 20 އަހަރު ލިބޭނެ އެވެ.

ދަރަނިތައް އަދާ ކުރެވޭނެ ތަ؟

ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟ ބޭރުގެ މާލީ އިދާރާ ތަކުން އަބަދު އިންޒާރު ދެމުން ދާއިރު އެކަމަށް ބީރު ކަންފަތެއް ދިނުމުގެ ނުރަނގަޅު ރާއްޖެއަށް ފެނިދާނެ ހެއްޔެވެ؟

އޯޕެކް ފަންޑާއެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު 7.5 ޕަސެންޓުން ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ ކުރެވެ އެވެ. އެހެންކަމުން މިހާރުން މިހާރަށް ރާއްޖެއަށް ދަރަނީގެ ނުރައްކަލެއް ނެތެވެ. ލޯނުތައް ދެއްކުމުގެ ގާބިލްކަން ރާއްޖޭގައި އެބަހުއްޓެވެ. މިއީ ކުރިންވެސް ދެއްކި ވާހަކަ އެވެ. މިހާރު ވެސް މިދަނީ އެގޮތަށެވެ.