އިގްތިސޯދެއް ހީނަރުވުމުގެ މައިގަނޑު ސަބަބަކީ ފައިސާ ދައުރު ނުކުރުމެވެ. ސިނާއަތްތަކުގެ ތެރޭގައި ވިޔަފާރީގެ ހަރަކާތްތައް މަދުވެ، ކުރާނެ މަސައްކަތެއް ނެތި އަތް އުރާލައިގެން ތިބެން ޖެހުމެވެ. ރާއްޖޭގެ އިގްތިސޯދަށް ބަލާއިރު ޓޫރިޒަމް ނަގާފައި އެންމެ ހަރަކާތްތެރިކޮށް މިދިޔަ ފަސް އަހަރު އޮތީ ކޮންސްޓްރަކްޝަން ސިނާއަތެވެ. ސަބަބަކީ ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް އިއުލާނުކޮށް އަމިއްލަ ކުންފުނި ތަކުން ވެސް އެ މަސައްކަތްތަކުގައި ބައިވެރިވުމެވެ.
މި ދާއިރާގެ ބޮޑެތި މަޝްރޫއު ތަކެއް ދިވެހި ބޮޑެތި ކުންފުނިތަކަށް ލިބުމާއެކު، ސަބް - ކޮންޓްރެކްޓްކޮށް ކުދި ކުންފުނިތަކަށް މަސައްކަތް ލިބުމެވެ. އެހެންވެ ކުންފުނިތަކުގެ ހަރަކާތްތެރިކަން ވެސް އިތުރު ވެގެން ގޮސް ތިޔާގިކަން އާއްމުވި އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކްއާޓަރުން ފެށިގެން ވަނީ މި މަސައްކަތްތައް ހުއްޓިފަ އެވެ. ސަބަބަކީ ސަރުކާރުން މަސައްކަތް ނުކުރުމެވެ. ރާއްޖޭގެ އިގްތިސޯދު "މަޑު ޖެހުނު" ސަބަބަކީ މި އެވެ. އެހެންވެ މި އަހަރު ވެގެން ގޮސްފައިވަނީ ހީނަރު އަހަރެއްގެ ގޮތުގަ އެވެ. މި އަހަރު އިގްތިސޯދީ ހަރަކާތް މަދުވި ސަބަބަކީ ކޮބައި ހެއްޔެވެ؟ މަސައްކަތް ނުހިނގީ ކީއްވެގެން ހެއްޔެވެ؟ ކުރިއަށް އޮތް އުންމީދަކީ ކޮބައި ހެއްޔެވެ؟
ފުރަތަމަ ކަމަކީ މި އަހަރު އިގްތިސޯދީ ހަރަކާތްތައް މަދުވި ސަބަބެވެ. އެއް ސަބަބަކީ އާ ސަރުކާރު ވެރިކަމުގެ ހުންގާނުގައި ހިފަން ޖެހުނީ މިދިޔަ އަހަރުގެ ފަހުކޮޅު ނުވަތަ ހަތަރު ވަނަ ކްއާޓަރުގައި ކަމަށްވުމެވެ. އަދި މި އަހަރު ކޮމްޕެއާ ކުރަން ޖެހެނީ އިންތިހާބީ އަހަރަކަށް ކަމަށްވުމެވެ.
ކޮންމެ ސަރުކާރެއް އޮތަސް އިންތިހާބީ އަހަރާ ކޮމްޕެއާ ކުރާނަމަ އިގްތިސޯދީ ހަރަކާތްތަކާއި ފައިސާ ދައުރުވުން މަދުވާނެ އެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ފައިސާ ދައުރުވުން ބޮޑު ތަނުން އިތުރުވެ އެވެ. ސަރުކާރުން ނެރޭ މަޝްރޫއުތައް ވެސް އިތުރުވެ އެވެ. އިގްތިސޯދަށް ޕަމްޕު ކުރާ ފައިސާ ވެސް ގިނަވެ އެވެ. އަދި އެ ފައިސާ ވިހައި އެއިން އިތުރުވާ އަދަދު ވެސް އިތުރު ވެގެންދެ އެވެ. ނަތީޖާއަކީ ސަރުކާރު ހަވާލުވެ، މަޝްރޫއުތައް ޑިޒައިން ކުރަން ނަގާ ވަގުތުގައި އަންނަ ގެޕާއެކުައި އިގްތިސޯދަށް އަންނަ މަޑުޖެހުން ފެނުމެވެ.
މަރުކަޒީ ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ގައުމީ އުފެއްދުންތެރިކަން ދަށްވެ، އިގްތިސޯދީ ދުވެލި މަޑުޖެހިފައިވާ ކަމަށް ދައްކާފައި އެ ވަނީ އެހެންވެ އެވެ. އެ ކޮމްޕެރިޒަން އަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކްއާޓަގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 3.1 ޕަސެންޓަށް ދަށްވެފަ އެވެ. މި އަދަދު އެގޮތުގައި ދެއްކި މައިގަނޑު ސަބަބަކީ މި އެވެ.
ނަމަވެސް، ސަރުކާރުން އާ މަޝްރޫއު ތަކެއް އިއުލާނު ކުރުމާއެކު، ކުރިއަށް އޮތް ކްއާޓަރުތަކުގައި އިގްތިސޯދު ކުރިއަރާނެ ކަމަށް މާހިރުން ވަނީ ލަފާކުރައްވަ އެވެ.
ސަރުކާރުން މިހާރު ވަނީ މުޅިން އަލަށް 129 މަޝްރޫއެއް ހިންގަން ކުންފުނި ތަކަށް ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތަކުގެ އަގު 3.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި އަދަދަކީ ސަރުކާރެއްގެ ފުރަތަމަ އަހަރު ދުވަހަށް ބަލާނަމަ ރެކޯޑެކެވެ. ނިމިދިޔަ ދެ ސަރުކާރުގެ ފުރަތަމަ އަހަރަށް ބަލާއިރު ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އަހަރު ހަވާލުކުރީ 70 މަޝްރޫއެވެ.
އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ އަހަރު ހަވާލު ކުރެވުނީ 57 މަޝްރޫއެވެ. މިހާރު ހަވާލުކުރާ މަޝްރޫއު ތަކަށް ބަލާއިރު އިގްތިސޯދަށް ލިބޭނެ މަންފާ ބޮޑުވާނެ އިތުރު ސިގްނަލްއެއް ވެސް ފެނެ އެވެ. ސަބަބަކީ ގިނަ މަޝްރޫއުތައް ހުރީ ދިވެހި ކުންފުނިތަކާ ޖޮއިންޓް ވެންޗާ ހަދައިގެން އެވޯޑް ކޮށްފައި ކަމަށްވުމެވެ. އެހެންވުމުން މަޝްރޫއު ތަކުން ދިވެހިންނަށް ކުރާ ސީދާ ނަފާ އިތުރުވާނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި ބޮޑެތި ގިނަ ޕީއެސްއައިޕީގެ މަޝްރޫއުތައް ހުރީ މި ގޮތަށެވެ. މިއީ ވެސް ކުރި އަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމުގެ ނިޝާނެކެވެ. ދިވެހި ކުންފުނިތަކަށް ފައިސާ ލިބުން އިތުރުވުމަކީ ދިވެހި މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ އެއް ސަބަބެވެ.
"މި ހުރިހާ މަސައްކަތްތަކެއްގެ މޮބައިލޭޝަން މަސައްކަތްތައް ފެށުމުން ފެނިގެންދާނެ އިގްތިސޯދު ވެސް ކުރިއަރައިގެންދާ ތަން. ވިޔަފާރިތައް ވެސް ކުރިއަރައިގެންދާ ތަން. އެހެންވެ ސްޕީޑު ވެސް ރަނގަޅު ޕީއެސްއައިޕީ މަޝްރޫއުތަކުގެ،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ކޮން މަޝްރޫއެއް: ފެށޭނީ ކޮން އިރަކުން؟
ސަތޭކަ ނަވާވީސް މަޝްރޫއު ހަވާލު ކޮށްފައިވާއިރު މީގެ ތެރޭގައި ގިނައީ ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫއު ތަކެވެ. ގިނައީ ބަނދަރު ހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއު ތަކެވެ. އެންމެ ފަހުން ވަނީ 11 ރަށެއްްގެ ބިން ހިއްކުމުގެ އީއައިއޭ ހަދަން ތިން ކުންފުންޏަކަށް ދީފަ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ 36 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފަ އެވެ. މި މަސައްކަތްތަކުގެ ބޮޑު ބައި ދީފައިވަނީ ދިވެހިންނަށެވެ. އެހެންވެ މި ކުންފުނިތަކުގެ ވަސީލަތްތައް ރަށްރަށަށް ގެންގޮސް މަސައްކަތް ފަށައިގަތުމާއެކު ފެނިގެންދާނީ ފައިސާ ދައުރުވުން އިތުރުވާ ތަނެވެ.
މި ހުރިހާ މަސައްކަތްތައް ފެށުނީމަ ފެނިގެންދާނެ އިގްތިސޯދު ވެސް ކުރިއަރައިގެންދާ ތަން. ވިޔަފާރިތައް ވެސް ކުރިއަރައިގެންދާ ތަން.އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު
އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށަން އާއްމު ގޮތެއްގައި ތިން މަހާއި ހަަތަރު މަސް ވަރުނަގާނެ އެވެ. މަސައްކަތް ފެށުމާއެކު މަންޒަރު މުޅިން ބަދަލު ވެގެންދާނެ އެވެ.
"މި ފަދަ ބޮޑެތި މަސައްކަތްތައް ކުރާއިރު ރަށްރަށުގައި އިގްތިސޯދީ ގިނަ ހަރަކާތް ތަކެއް ހިންގައި ގަންނާނެ. ރަށުގެ އާއްމު ވިޔަފާރި އާއި ކެ ފޭ/ ރެސްޓޯރެންޓުތަކުގެ ސޭލްސް ރަނގަޅު ވާނެ. ކޮޓަރި ކުއްޔަށް ދޭ ގޭގެ އަށް ލިބޭ އާމްދަނީ އިތުރު ވާނެ. މީގެ މަޝްރޫއުއެއްގެ މަސައްކަތް ކުރަން ދާނެ އެންމެ މަދުވެގެން 100 އެއްހާ މީހުން. އެހެންވީމަ މިއީ ކުދި ރަށްރަށަށްވެސް ލިބޭނެ ބޮޑު ކުރިއެރުމެއް،" ބޭފުޅަކު ވިދާޅުވި އެވެ.
އަލަށް ހަވާލުކުރި މަޝްރޫއުތައް
- ފެނާއި ނަރުދަމާ: 70 މަޝްރޫއު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ)
- ތައުލީމީ ދާއިރާ: 25 ރަށުގައި، 26 މަޝްރޫއު (210 މިލިއަން ރުފިޔާ)
- ހައުސިން: ތިން ޕްރޮޖެކްޓް (151 މިލިއަން ރުފިޔާ)
- ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން: 36 ރަށުގައި، (އެއް ބިލިއަން ރުފިޔާ)
- މަގު ހެދުން، އަށް މަޝްރޫއު (161 މިލިއަން ރުފިޔާ)
ޓޫރިޒަމް ވަރުގަދަވުން: އިތުރު އުންމީދެއް
ރާއްޖޭގެ އިގްތިސޯދަށް ފައިސާ ނެރޭ މައި ސިނާއަތު ދުޅަހެޔޮކޮށް އޮތުމަކީ ވެސް ކުރި އަށް އޮތް އަހަރުތަކުގައި އިގްތިސޯދު ކުރިއަރާނެ ކަމުގެ ނިޝާނެކެވެ. މި އަހަރުގެ ބާކީ ހަތަރު މަސް އޮތް އިރު ޓޫރިޒަމް އެރައިވަލްސް ވަނީ 1.2 މިލިއަން އަށް އަރާފަ އެވެ. އުންމީދު ކުރަނީ މިދިޔަ 10 އަހަރުގެ ރެކޯޑު ނޮވެމްބަރު މަހު މުގުރާލައި 1.5 މިލިއަން މީހުން ގެނައުމެވެ. އެހެންވެ މިއީ ވެސް ކުރިއަށް އޮތް އަހަރު އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވާނެ ކަމުގެ ފުރިހަމަ ނިޝާނެެވެ.
އެސްއެމްއީ ބޭންކް: ކުދި ވިޔަފާރިތަކުގެ އުންމީދު
ސަރުކާރުން ދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން މުހިންމު މަސައްކަތް ތަކެއް ކުރަމުންނެވެ. އިގްތިސާދެއް ކުރިއަރައިގެން ދާނީ ކުޑަކޮށް ތިބި ވިޔަފާރިތައް މެދު ފަންތި އަށް އަދި މެދު ފަންތީގެ ވިޔަފާރިތައް ބޮޑެތި ކުރެވިގެންނެވެ. މި ކަމަށް މިހާތަނަށް މަދުވެފައިވަނީ ރަނގަޅު ޕްލޭނަކާއި ފައިސާ ލިބޭނެ ގޮތެކެވެ. މި ކަމަށް ސަރުކާރުން މި ވަނީ ރަނގަޅު ގޮތް ތަކެއް ހަމަޖައްސައިދީފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ލޯނު ދޫކުރަން އުފެއްދި، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ނަމުގައި ހާއްސަ ވުޒާރާއެއް ހަދާފަ އެވެ. ބޭންކްއެއްގެ ސްޓޭޓަސް އަދި ރަސްމީކޮށް ނުލިބުނު ނަމަވެސް ލޯނު ދޫކުރަން ވަނީ ފަށާފަ އެވެ. މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯނު ވަނީ ދީފަ އެވެ. މީގެ ބޮޑު ބައި ދޫކޮށްފައިވަނީ ގެސްޓްހައުސް ވިޔަފާރި އަށާއި ދަނޑުވެރިކަމަށެވެ. އެހެންވެ، މިއީ ސީދާ ރައްޔިތުންގެ ޖީބަށް ލިބޭނެ ކުރިއެރުމެވެ. އަދި ކުރިއަށް އޮތް ތަނުގައި އެސްޑީއެފްސީ އިން ދޫކުރާ ލޯނުގެ އަދަދު އިތުރު ކުރާނެ ކަމަށް ސަރުކާރުން ބުނުމަކީ ބޮޑު ހިތްހަމަ ޖެހުމެކެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެސްއެމްއީ ލޯނަށް ގިނަ ބަޔަކު އެދެމުންދާތީ، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިތުރު ފަރާތް ތަކެއް ލޯނު ދޫކުރަން ވިސްނާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު އުއްމީދު ކުރަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އަހަރަކު 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުން ކަމަށެވެ.
ބޯހިޔާވަހިކަމާއި ބިޔަ މަޝްރޫއު ތަކެއް އުންމީދު
ގައުމެއްގެ އިގްތިސާދީ ތަނބުތައް ހިފަހައްޓަން ވަކި ލެވަލްއެއްގެ ބިޔަ މަޝްރޫއުތައް އަބަދު ވެސް ހިންގަން ބޭނުންވެ އެވެ. މިދިޔަ ފަސް އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރައިގެން ދިޔަ މައިގަނޑު ސަބަބެއް ކަމަށް މާހިރުން ގަބޫލު ކުރަނީ ބޮޑެތި މަޝްރޫއުތައް ހިނގަ ހިނގާ އޮތުމެވެ. އެނބޫދޫ ފަޅާއި ބްރިޖު މަޝްރޫއު އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފަދަ މަޝްރޫއުތަކުގެ ސަަބަބުން އިގްތިސާދީ ދުޅަ ހެޔޮކަން އިތުރުވި އެވެ. މި ފަދަ މަޝްރޫއެއް މިއިން ދުވަހަކު ފެށިދާނެ ހެއްޔެވެ ؟
ސަރުކާރުގެ މިހާރުގެ މަސައްކަތުގެ ސްޕީޑުން ދައްކަނީ މި ފަދަ މަޝްރޫއުތައް ފެށުމަށް ތައްޔާރު ވަމުންދާ ތަކެވެ. މީގެ ނިޝާނަކީ މާލެ ވިޔަފާރި ބަނދަރު މަޝްރޫއު ފަށަން ބޭނުންވާ އެންމެ މުހިންމު ބައިގެ މަސައްކަތް ހަވާލު ކުރުމެވެ. ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކަށް، 1.6 މިލިއަން ޑޮލަރަށް ވަނީ ހަވާލުކޮށްފަ އެވެ.
މި މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުންމީދު ކުރެވެ އެވެ. މިއާއެކު މާލެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތެރިކަން އިތުރު ވެގެންދާނެ އެވެ. ނަތީޖާއަކަށްވާނީ މީގެ ނަފާ ރައްޔިތުންނަށް ލިބެން ފެށުމެވެ. މީގެ އިތުރުން ބޯހިޔާވަހި ކަމުގެ ބޮޑެތި މަޝްރޫއުތަކެއް މި އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ ވެސް ކުރިއަށް އޮތް އަހަރުތަކުގައި އިގްތިސާދު ކުރިއަރާނެކަމުގެ ނިޝާނެކެވެ. އެންމެ ބޮޑު އުފަލަކީ މި އެވެ.
މިހުރިހާ ކަމަކާއެކު ހީނަރު އަހަރަކަށްފަހު ކުރިއަށް އޮތީ ތިޔާގި ހަތަރު އަހަރު ކަމަށް ބުނެވިދާނެ އެވެ. މިއީ އުންމީދެެވެ. ނަމަވެސް ތިޔާގި އަހަރުތަކުގެ ފުރިހަމަ ނިޝާންތައް ފެންނަން ފަށަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.