ހަބަރު

ޝާހު އެމްޑަބްލިއުއެސްސީއަށް، އާޒިމް އެމްޓީސީސީއަށް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޝާހު، އެމްޑަބްލިއުއެސްސީ އަށް އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް އެމްޓީސީސީ އަށް މިއަދު ބަދަލުކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން ބުނީ އެ ދެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން ބަދަލު ކުރީ ހިންގުން ރަނގަޅު ކުރުމަށް ކަމަށެވެ. އެކަމަކު މި ބަދަލާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މި ދެ ބޭފުޅުންނަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރުންނެވެ. ފެން ކުންފުނީގެ އެމްޑީ އަކަށް އާޒިމް އައްޔަން ކޮށްފައިވަނީ 29 ނޮވެމްބަރު 2018 ގަ އެވެ. އެމްޓީސީސީ އަށް ޝާހު ހަމަޖެއްސީ 12 ޑިސެމްބަރު 2018 ގަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސާފައި ނުވަނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ. ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އަކީ އެންމެ ބޮޑު އާމްދަނީ އެއް ހޯދާ ކުންފުންޏެވެ. މި ކުންފުންޏަށް އެމްޑީ އެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިދިޔަ މަހު ފަހުކޮޅު ސަރުކާރުން ބުނެފައިވަނީ އެ ކުންފުނީގައި އެމްޑީއެއް ނެތި ހިންގާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮންނެވެ.