އިންޑިއާގެ އެއާލައިނެއްގެ މަތިންދާބޯޓެއް ހައިޖެކްކުރަން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން އިންޑިއާގެ އެއާޕޯޓްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހަނގުރާމަވެރިންގެ ބަޔަކު، ހައިޖެކް ކޮށްފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިންޑިއާގެ ނިއު ދިއްލީ އިން އަފްޣާނިސްތާނުގެ ކާބުލްއަށް ދަތުރުކުރާ އެއާ އިންޑިއާގެ މަތިންދާބޯޓެކެވެ.
މި ޖާސޫސީ މައުލޫމާތު ލިބިފައި މި ވަނީ މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއާއިންޑިއާ އަށް ވަނީ އެ އެއާލައިންގެ ބޯޓެއް ހައިޖެކްކޮށްފާނެ ކަމަށް ބުނެ މީހަކު ފޯނުކޮށް ބިރު ދައްކައިފަ އެވެ.
"ހުރިހާ އެއާޕޯޓްތަކެއްގައި ވެސް ވަނީ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައި،" ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާ ހަވާލާދީ ނިއުސް އެޖެންސީތަކުން ބުނެފައިވެ އެވެ.
އޮފިޝަލުން ވިދާޅުވެފައި ވަނީ ފަސިންޖަރުން ބޯޓަށް އެރުވުމުގެ ކުރިން ފާސްކުރުން ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ބައެއް ފްލައިޓްތަކުގައި ހަތިޔާރާ އެކު އެއާ މާޝަލް އިން އަރުވަން ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހިންދުސްތާން ޓައިމްސްގައި އެއާ އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ފަސިންޖަރުން ދެފަހަރަށް ފާސްކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަސިންޖަރުން ބޯޓަށް އަރާ އިށީނުމަށް ފަހު އެ މީހެއްގެ ހޭންޑް ބެގޭޖާ އެކުގައި ވެސް މިހާރު ފާސްކުރަން ވަނީ ނިންމައިފަ އެވެ.
މި ފިޔަވަޅުތައް އަޅާފައި މި ވަނީ އިންޑިއާ އިން ޕާކިސްތާނަށް ވަދެވެން އޮންނަ ހަމަ އެކަނި ދިމާލުގައި މީހަކު އަމިއްލަ އަށް މަރުވެގެން ހަމަލާދީ 50 މީހަކު މަރާލާފައި ވަނިކޮށެވެ. -- ބީބީސީ