ރިޕޯޓް

މިދިޔަ މަހު ޗައިނާ މާކެޓު ދަށަށް! މިވީ ކިހިނެއް؟

Aug 31, 2015

ރާއްޖޭގެ ޓޫރިޒަމް ބަރޯސާވެފައިވަނީ ޗައިނާ މާކެޓަށެވެ. ހާއްސަކޮށް ރަޝިޔާގެ އިގްތިސޯދަށް އަސަރުކޮށް، އެ މާކެޓު "ހީނަރު" ވިތަން ފޫބައްދައި ދިނީ ޗައިނާ ޓޫރިސްޓުންނެވެ. ނަމަވެސް އެންމެ ފަހުން ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު ޗައިނާ މާކެޓުވަނީ ހަތަރު ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ޗައިނާ ޓޫރިސްޓުން މަދުވެގެން ދިއުމުގެ އެއް ސަބަބެއް ޗައިނާގެ އިކޮނޮމީ އަށް ކުރިމަތިވަމުންދާ މައްސަލަތައް،" މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާއިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވަނީ 43،260 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 41،527 މީހުންނެވެ. މިއީ ގާތްގަނޑަށް ހަތަރު ޕަސެންޓުގެ ދަށްވުމެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ބަލާއިރު ވަނީ ކުޑަ ކުރިއެރުމެއް ލިބިފަ އެވެ. މިދިޔަ އަހަރު ޗައިނާ އިން 214،518 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރު މިހާތަނަށް އައިސްފައިވަނީ 219،641 ޓޫރިސްޓުންނެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު 2.4 ޕަސެންޓުގެ ކުރިއެރުމެކެވެ. ނަމަވެސް މިއީ ވޭތުވެދިޔަ ދެ އަހަރު ޗައިނާ މާކެޓު ކުރިއަރަމުން ދިޔަ އަދަދާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު މިދިޔަ މަހު ދަށަށް ދިޔަނަވެސް އަވަށްޓެރި ބައެއް ގައުމުތަކުގެ ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ މުޅިން ތަފާތު މަންޒަރެވެ. އަވަށްޓެރި ސްރީލަންކާއަށް ބަލާއިރު އެ ގައުމަށް ޗައިނާ އިން ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ސްރީލަންކާއަށް މިދިޔަ މަހު 25،120 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ސްރީލަންކާ އަށް ޗައިނާ އިން 119،705 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 77.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަވަށްޓެރި ގައުމުތަކަށް ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުވެ ރާއްޖޭގެ މާކެޓު ދަށަށް ދަނީ ކީއްވެގެން ހެއްޔެވެ؟

ރާއްޖެ އަށް ޓޫރިސްޓުން ގެންނަ އެއް ޓްރެވަލް އެޖެންސީ ކަމަށްވާ، ލެޓްސްގޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒު ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުން މަދުވެގެން ދިޔަ އެއް ސަބަބަކީ ރާއްޖެއަށް ޗައިނާ ޓޫރިސްޓުން ގެންނަ ސިޓީތައް މަދުވުމުން ކަމަށެވެ. އަނެއް ސަބަބަކީ ރާއްޖެ އަށް ޒިޔާރަތްކުރާ ޗައިނާ ރިޕީޓާސް މަދުވެގެން ދިއުމެވެ.

"ޗައިނީސް މީހުންނަކީ ދަތުރުކުރުމުގައި އެހެން ކަހަލަ ގޮތްތަކެއް ގެންގުޅޭ ބައެއް. އެ މީހުން ގައުމަކަށް ދާނީ ހަމައެކަނި ދިއުމުގެ ބޭނުމުގައި. މާގިނަ ކަންތައްތަކެއް ކުރާކަށް ނޫން. އެހެންވެ އެ މީހުން ވަރަށް އަވަހަށް ގައުމު ބަދަލު ކުރޭ. މިއީ ވެސް ސަބަބެއް ޗައިނީސް މަދުވުމުގެ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވުމާ ޗައިނާގެ އިކޮނޮމީ އަށް ދިމާވެފައިވާ މައްސަލަތަކާ މާބޮޑު ގުޅުމެއް ނެތް ކަމަށެވެ.

"ހިއެއް ނުވޭ ޗައިނާ އިކޮނޮމީ އަށް ދިމާވެފައިވާ މައްސަލައިގެ އަސަރު ރާއްޖެއަށް އަދި ކުރާނެ ހެނެއް. އެކަމަކު ގިނަ ދުވަސްވާނަމަ އޭގެ އަސަރު ވެސް ކުރާނެ،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ މާކެޓު ޗައިނާ އިން އަތުލިކަން އަވައްޓެރި ގައުމުތަކަށް ރޭކާލީ ވޭތުވެދިޔަ 3-2 އަހަރުގެ ތެރޭގައި އެވެ. މިކަން އެނގުނު ހިސާބުން ރާއްޖެއާ ވާދަވެރި މާކެޓު ތަކުން ވަނީ ގިނަ ފިޔަވަޅު އަޅާފަ އެވެ. ހާއްސަކޮށް އަވަށްޓެރި ސްރީލަންކާ އިން ވަނީ މި ކަމަށް އަވަސް ފިޔަވަޅުތަކެއް ނަގާފަ އެވެ. އަދި މީގެ އިތުރުން ސީޝެލްސް އާއި މޮރިޝަސް ފަދަ ގައުމުތަކުން ގިނަ މަސައްކަތް ތަކެއް ކުރި އެވެ. މިގޮތުން އެ ގައުމުތަކުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނަށް ދޭ "ޕަސެންޓް" ބޮޑު ކުރުމާއި ފްލައިޓްތައް އިތުރު ކުރުން ހިމެނެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މަޓާޓޯގެ ރައީސް އަބަދުﷲ ގިޔާސް ވިދާޅުވީ ރާއްޖެ އަށް ޗައިނާ އިން ބާއްވާ ފްލައިޓްތައް މަދުވުމަކީ ވެސް ޗައިނާ މާކެޓު ދަށްވުމުގެ ސަބަބެއް ކަމަށެވެ.

"ކުރިއާ އަޅާ ބަލާއިރު މިހާރު ޗައިނާ އިން ރާއްޖެ އަށް އަންނަ ފްލައިޓްތައް މަދު. މިހެންވުމުގެ ސަބަބުން ޗައިނާ ޓޫރިސްޓުން މަދުވެގެން ދޭ،" އިނަ މޯލްޑިވްސް ހޮލިޑޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އަނެއް މައްސަލައަކީ ޗައިނާ މާކެޓު ފުޅާ ކުރުމަށް ރާއްޖޭން އެހާ ގިނަ މަސައްކަތްތައް ކުރެވިފައި ނެތުން ކަމަށެވެ.

"ސްރީލަންކާ ފަދަ ގައުމުތަކުން ވަރަށް ބައިވަރު މަސައްކަތް ކޮށްފި. އެމީހުން ޓުއާ އޮޕަރޭޓަރުން ނަށް ދޭ ޕަސެންޓް ވެސް ރަނގަޅުކޮށްފި. އެހެންވެ ރާއްޖެ އަށް ވުރެ ގިނައިން އެމީހުން ޓޫރިސްޓުން މި ފޮނުވަނީ ލަންކާ އަށް. ރާއްޖޭން މިދެވެނީ ދެ ޕަސެންޓް ވަރު. އެކަމަކު އެމީހުން އެބަދޭ 10 ވަރަކަށް ޕަސެންޓް. މިވެސް ސަބަބެއް ޗައިނާ ޓޫރިސްޓުން މަދުވުމުގެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާގެ އިކޮނޮމީ އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ވެސް ޓޫރިސްޓުން އަންނަ އަދަދަށް އަސަރު ކުރާނެ ކަމަށެވެ.

"މަތީ ފަންތީގެ ޓޫރިސްޓުން އަންނަ ވަރު ޗައިނާގެ އިކޮނޮމީ އަށް ދިމާވެފައިވާ މައްސަލަތަކުގެ އަސަރުކުރޭ،" ގިޔާސް ވިދާޅުވި އެވެ.

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުން މަދުވި އަނެއް ސަބަބަކީ މި ދުވަސް ވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ "އޮފް ސީޒަނަށް" ވުމެވެ.

ޗައިނާ މާކެޓު ދަށަށް ދިއުމަކީ ރާއްޖޭގެ ޓޫރިޒަމަށް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން ރާއްޖޭން މިވަނީ ޗައިނާ މާކެޓު ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ. ކޮންމެ ސަބަބަކާ ހުރެވެސް މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.