އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ގާއިމު ކުރާ ޕޮލިސް އެކަޑަމީގެ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލު ކުރެވޭ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީއަށް އެމްޑީޕީން ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެ ސިޓީގެ ހިތަދޫގައި މިއަދު ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަރުކަޒަކީ ހަމައެކަނި ޕޮލިސް އެކަޑަމީއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ތަން ބޮޑު އިންސްޓިއުޝަނަކަށް ވާނެ ކަމަށެވެ.
މީގެ ކުރިން އެ ތަނަށް "ޕޮލިސް އެކަޑަމީ" އާއި "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަމުން މުހާތަބު ކުރި ނަމަވެސް މިހާރު އެ ތަނުގެ ނަމަކަށް ހަމަޖެހިފައި ވަނީ "އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓެރެޓަޖިކް ސްޓަޑީޒް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތަނުގެ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު އިންނަވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެތަން ހިންގުމުގައި ސިޓީ ކައުންސިލަށް އޭގެ ބޯޑުގައި މީހަކު އިންނަ ގޮތަށް ކަންތައްތައް ގެންދިޔުމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ. އަދި އެއީ އެ ތަން ބޮޑު އިންސްޓިޓިއުޝަނަކަށް ބަދަލު ކުރުމަށާއި ހަމައެކަނި ޕޮލިސް ޓްރެއިނިންއަށް ތަނެއް އެއީއެއް،" ނަޝީދު ވިދާޅުވި އެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ޕޮލިސް ޓްރެއިނިން މަރުކަޒެއްގެ މަޝްރޫއު އިއުލާން ކުރީ އޭޕްރީލް 6، 2014 ގަ އެވެ. އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑް އިން ކުރިއަށް ގެންދާ އެ މަޝްރޫއަކީ ޖުމުލަ 18 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑް ފަދަ ގިނަ ވަސީލްތަތަކާ އެކު ގާއިމު ކުރާ އެ މަރުކަޒު މި އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަށް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.