މިހާރު ފެތެރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން މީހުން ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ނިންމުން ނިންމެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މިއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.
ރާއްޖޭގެ އިތުރުން ސިންގަޕޫރުން ވެސް ވަނީ ޗައިނާއިން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ނެރެފައިވާ ކުއްލި ހާލަތުގައި ދަތުރުކުރުމުގެ މަނާ ކުރުންތައް ކޮންމެހެން އަޅަން ނުފެންނަ ކަމަށް ބުނެފައިވެ އެވެ.
މީގެކުރިން ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުތައް މެދުކަނޑާލާފަ އެވެ. އެއާ ގުޅިގެން މިހާރު ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން އަނބުރާ ގެންދިޔުމަށް ޗައިނާއިން ޗާޓަރު ފްލައިޓްތައް އަ އެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
ޗައިނާގެ ވޫހާންގައި ތިބި ހަތް ދިވެހިން މިއަދު ވަނީ އިންޑިއާއަށް ބަދަލުކޮށްފަ އެވެ. އެމީހުން ރާއްޖެ ގެންނާނީ އެ ގައުމުގައި ކަރަންޓީނުކޮށްފައި ބޭއްތިއްބުމަށްފަހު އެވެ. ކޮރޯނާ ވައިރަހަށް އެއް ދިވެއްސަކު ވަނީ ޝައްކު ކުރެވިފަ އެވެ. އޭނާ ހުރީ އެކަހެރިކޮށް ފުނަދޫގަ އެވެ. އަދި އޭނާގެ ޓެސްޓްތަކުގެ ރިޕޯޓް ނުލިބެ އެވެ.