ހަބަރު

15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ މެދު އުތުރުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ، ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅެއްގެ ރަށެެއްގައި މިދިޔަ އަހަރުން ފެށިގެން އެކި ދުވަސް މަތިން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި އެ ކަމެއް ހިނގާ ރަށާއި ކުދިންގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ދާދި ފަހުން ފެންމަތިވެ، ގައުމުގެ މަސްރަހު ހޫނުވެގެން ގޮސްފައިވެ އެވެ. އެ މައްސަލައަށް ފަހުގައި މީގެ އިތުރު މައްސަލަތައް އަންނަނީ ތިލަވަމުންނެވެ.