ވިޔަފާރި

މިދިޔަ އަހަރު ގްރީން ފަންޑަށް 915 މިލިއަން ރުފިޔާ

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކުރާ "ގްރީން ފަންޑަށް" މިދިޔަ އަހަރު 915 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން އެ ފަންޑަށް 915 މިލިއަން ރުފިޔާ ލިބުނެވެ. އަދި އޭގެ ތެރެއިން 374 މިލިއަން ރުފިޔާ ވަނީ ހޭދަވެސް ކޮށްފަ އެވެ. ފަންޑުގައި ބާކީ ހުރީ 542 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން އެ ފަންޑަށް މިދިޔަ އަހަރު އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައި ވަނީ މާޗް މަހުގެ ތެރޭގަ އެވެ. އެ މަހު ގްރީން ފަންޑަށް 89 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ފަންޑަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެކަނި ވެސް 69 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ.