ވިޔަފާރި

ސަރުކާރުގެ ހަރަދުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ގައުމަށް ފޮނުވާދީފި

ޗައިނާގައި ޓްރާންސިޓް ކޮށްފައި ރާއްޖެ އައި ގިނަ އަދަދެއްގެ ޓޫރިސްޓުން ސަރުކާރުގެ ހަރަދުގައި އެ މީހުންގެ ގައުމަށް ފޮނުވާ ދީފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާގައި ޓްރާންސިޓް ކޮށްފައި އައި 16 ޓޫރިސްޓަކު ސަރުކާރުގެ ހަރަދުގައި އަނބުރާ ގައުމަށް ފޮނުވާ ދީފައިވާ ކަމަށާއި، މީގެ އިތުރުން އެހެން ޓޫރިސްޓުންވެސް ފޮނުވާ ދެމުންދާ ކަމަށެވެ.

"ސަރުކާރުން މިދަނީ އޭޒްއަ ޑެސްޓިނޭޝަން، މިފަދަ ކްރައިސިސް އެއްގައި ވެސް ރަނގަޅު ހޮސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން. މިހާތަނަށް ވާނީ އާޖެންޓީގެ އަށް ފަތުރުވެރިންނާއި ޗައިނާގެ 16 ފަތުރުވެރިން ސަރުކާރުގެ ހަރަދުގައި އެމީހުންގެ ހުރިހާ ކަމެއް ހޮސްޓް ކޮށްދީފަ. ވާހަކައަކީ އެއާޕޯޓުގައި ސްޓޭންޑް ވެފައި ބޭޑް އެކްސްޕީރިއަންސެއް ކުރަން ނުޖެހޭ ވަރަށް،" އަލީ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ކޮރޯނާ ވައިރަސް ފެތުރޭތީ، ޗައިނާ އިން ޑައިރެކްޓް ފްލައިޓް އައުން ހުއްޓާލުމުގެ އިތުރުން، އެ ގައުމުގައި މަޑުކޮށްފައި އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ހަމަޖައްސާފަ އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ ދުނިޔޭގެ އެއާލައިންތަކުގެ ޕޮލިސީ ތަކަށް ވެސް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށާ، މިގޮތުން 11 ޓޫރިސްޓެއް މިހާތަނަށް ނުފުރި އެބަތިބި ކަމަށެވެ.

"މި 11 ފަތުރުވެރިން ވެސް މިރޭ 10:00 ގައި ފުރައިގެން ދާނެ. އެހެންވީމަ ފާހަގަ ކޮށްލަން ރާއްޖޭގެ އެއާޕޯޓުގައި އެއްވެސް ޓޫރިސްޓަކު މަޑު ކުރަން ނުޖެހި، އެ މީހުންނަށް މިކަމުން ތަސައްލީ ލިބޭ ގޮތަށް ސަރުކާރުން މި ގެންދަނީ އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" އަލީ ވިދާޅުވި އެވެ.

ބުކިންތައް ކެންސަލް ނުކޮށް އެހެން ތާރީހަކަށް!

މިނިސްޓަރު އަލީ އިތުރަށް ވިދާޅުވީ މިދުވަސްވަރު ބުކިން ހައްދާފައިވާ ފަރާތްތަކުގެ ބުކިންތައް ކެންސަލް ނުކޮށް އެހެން ތާރީހުތަކަށް ބަދަލު ކޮށްދޭން ވެސް ފަށާފައިވާ ކަމަށެވެ.

"ސަރުކާރުން މިދަނީ ދުވަހުން ދުވަހަށް ސްޓޭކް ހޯލްޑަރުންނާ ބައްދަލު ކުރަމުން. މި ދުވަސްވަރު ބުކިން ހެއްދި ފަރާތްތަކަށް އެއާލައިންތަކާއި ރިސޯޓުތަކުންވެސް އިތުރަށް ޗާޖު ނުކޮށް އެހެން ޑޭޓް ތަކަށް މިދަނީ ބަދަލު ކޮށްދެމުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަރައި ގަންނަން މަސައްކަތް ކުރާއިރު މިއީ މުހިންމު ކަމަކަށް ވެގެންދާނެ،" އަލީ ވިދާޅުވި އެވެ.

ހަނީމޫން ކަޕުލްއެއްގެ އުންމީދު ހަގީގަތަކަށް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖޭގައި ހަނީމޫން ހައްދަން އައި ދެ ޓޫރިސްޓުނަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާ ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ދިމާވި މެކްސިކޯއާ ހިސާބުން ހަނީމޫން އަށް އައި ކަޕުލްއެއް. އެމީހުންނަށް ދެތިން ދުވަސް މިވަނީ ސާކިއުލާއާ [ޗައިނާގައި ޓްރާންސިޓް ކޮށްފައި އަންނަ މީހުންނަށް އެތެރެނުވޭ] ގުޅިގެން. އެފަދަ ފަތުރުވެރިން އަޅުގަނޑުމެންވާނީ އާއުޓްބައުންޓް ކޮށްފަ. އެ ފަދަ ފަރާތްތަކުން އުމުރު ދުވަހު ރާއްޖެ އަންނަން ކުރި އުންމީދު ވާނީ ހަގީގަތަކަށް ހަދައިދީފަ. އަޅުގަނޑުމެން ވާނީ ފަހުން ރާއްޖެ އާދެވޭ ގޮތަށް ހޮލިޑޭ އޮފާ ކޮށްދީފަ،" އަލީ ވިދާޅުވި އެވެ.