ވިޔަފާރި

ބުކިންތައް ކެންސަލް ނުކޮށް އެހެން ތާރީހަކަށް ފަސްކޮށްދެނީ

މި ދުވަސްވަރު ރާއްޖެ އަންނަން ބުކިން ހައްދާ ޓޫރިސްޓުންގެ ބުކިންތައް ކެންސަލް ނުކޮށް، އެހެން ތާރީހަކަށް ފަސްކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބުކިންތައް ކެންސަލް ނުކޮށް އެހެން ތާރީހު ތަކަށް ބަދަލު ކޮށްދޭން އިންޑަސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ދުވަސްވަރު ބުކިން ހެއްދި ފަރާތް ތަކަށް އެއާލައިންތަކާއި ރިސޯޓު ތަކުން ވެސް އިތުރަށް ޗާޖު ނުކޮށް އެހެން ޑޭޓް ތަކަށް މިދަނީ ބަދަލު ކޮށްދެމުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަރައި ގަންނަން މަސައްކަތް ކުރާއިރު މިއީ މުހިންމު ކަމަކަށް ވެގެންދާނެ،" އަލީ ވިދާޅުވި އެވެ

ބުކިންތައް ކެންސަލް ނުކޮށް، އެހެން ތާރީހަކަށް ފަސްކޮށްދޭން އެއާލައިންތަކާއި ޓޫރިޒަމް ސެކްޓާގެ ފަރާތްތަކުން މަޝްވަރާ ކުރަމުންދާ ކަމަށް ބައެއް ކުންފުނިތަކުން ވެސް ވަނީ ބުނެފަ އެވެ. މިގޮތަށް ފަސްކޮށް ދިނުމުން ބުކިން ކެންސަލް ނުވެ، ފަހުގެ ތާރީހެއްގައި އެ މީހަކު ރާއްޖެ އަންނަން ފުރުސަތު ލިބިގެންދާނެ އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަންނަ ޗައިނާ ފްލައިޓްތައް ކެންސަލްކޮށް، އެ ގައުމުން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަކަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާތަނަށް 13،000 އަށް ވުރެ ބުކިން ވަނީ ކެންސަލްވެފަ އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ހަތް މަސް ދުވަހުގެ މުއްދަތަށް މިހާރުދާ ގޮތަށް ބުކިންތައް ކެންސަލް ވަމުންދާނަމަ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ ގެއްލުމެއް ޓޫރިޒަމަށް ލިބޭނެ އެވެ.