ހަބަރު

މާފުށިން ފަތުރުވެރިޔާ ހައްޔަރު ކުރީ ރަނގަޅަކަށް ނޫން: ކޮމިޝަނާ

މާފުށީގައި ނިވާކަން ކުޑަ ގޮތެއްގައި ހުރި އަންހެނެއް ހައްޔަރު ކުރަން މަސައްކަތް ކުރީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިޔާ އަށާއި އާއްމުންގެ ކިބައިން މާފަށް އެދޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށި މަގުމަތީގައި ފަތުރުވެރިއަކު ނިވާކަން ކުޑަ ހާލުގައި ހުއްޓާ ފުލުހުން ހައްޔަރު ކުރާ ވީޑިއޯ އެއް މިއަދު ވަނީ ސޯޝަލް މިޑިއާގައި ފެތުރިފަ އެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން މިއަދު ބުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ކޮށް ހުރި ފަތުރުވެރި އެއް އުޅެމުންދާ ކަމުގެ ޝަކުވާ މިއަދު ލިބިގެން ފުލުހުން ވަނީ އޭނާ ހުއްޓުވާފައި ކަމަށެވެ.

އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށާއި މިރޭ 19:00 ހާއިރު ވަނީ ފުލުހުން އޭނާ ދޫކޮށްލާފައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހެއް ނެތުމުން އެއަށްވުރެ ރަނގަޅަށް އެ އަމަލު ކުރެވޭނެ ކަމަށް ފުލުހުން ދެކޭ ކަމަށެވެ. ފަތުރުވެރިޔާ ހައްޔަރު ކޮށްފައިވަނީ ދެ ފިރިހެން ފުލުހުންނެވެ.

"އެހެންކަމުން، މި ހާދިސާ ހިނގި ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން" ފުލުހުން ބުންޏެވެ.