އިމްރާން އަބްދުﷲ

މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށެއް ނޫން: މިނިސްޓަރު އިމްރާން

ކ. މާފުށީގައި ބިކިނީގައި އުޅެނިކޮށް އަންހެން ޓޫރިސްޓަކު ހައްޔަރު ކުރި ގޮތާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ސަލާމަތީ ނަޒަރަކުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ ވަރަށް ގޯސް ކަމަށް ދެންނެވެން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު މާފުށި މަގުމަތީގައި ފަތުވެރިޔާ ނިވާކަން ކުޑަ ހާލުގައި ހުއްޓާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި ފަތުރުވެރިއެއް އުޅެމުންދާ ކަމުގެ ޝަކުވާ އިއްޔެ ލިބިގެން ފުލުހުން އޭނާ ހިފަހައްޓާފައިވާ ކަމަށެވެ. އެ ފަތުރުވެރިޔާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން އެ އަންހެން ފަތުރުވެރިޔާ ހައްޔަރުކުރާ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެއާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް ފުލުހުންނަށް އަމާޒުވި އެވެ. ގިނަ ބަޔަކު ފާޑުކިޔާފައި ވަނީ، އެއްވެސް އަންހެން ފުލުހެއް ނެތި، މުޅިން ވެސް ފިރިހެން ފުލުހުން ވެގެން އެ އަންހެން މީހާ ހިފަހައްޓައި ހައްޔަރުކޮށްގެން ގެންދިއުމުންނެވެ.

އެ އަންހެން މީހާ ފުލުހުން ހައްޔަރު ކުރުމުގެ ކުރިން ކަން ހިނގި ގޮތް ފެންނަ އެހެން ވީޑިއޯއެއް ވެސް ފަހުން އާންމުވި އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިކިނީގައި ފަތުރުވެރިޔާ އުޅޭތީ އެ ގޮތަށް ނޫޅެވޭނެ ކަމަށް ފުލުހުން އޭނާއަށް ނަސޭހަތްތެރިވާން މަސައްކަތް ކުރެ އެވެ. ނަމަވެސް އެ ފަތުރުވެރިޔާ އެ ކަމަށް ދެކޮޅު ހަދައި ގަދަކަން ދައްކަން މަސައްކަތް ކުރާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އެކަމަކު އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލާމަތީ ނަޒަރުން ބަލާނަމަ ފުލުހުން އަމަލު ކޮށްފައި ވަނީ ވަރަށް ގޯސް ކަމަށް ދެންނެވޭކަށް ނެތް، އެހެންވިޔަސް އަޅުގަނޑުމެންނަކީ ޓޫރިސްޓުންނަށް ސެކިއުރިޓީ ކަށަވަރު ކޮށްދޭން ތިބި ބަޔަކަށް ވާތީވެ، ދެރަވަން މިހެން މި ގޮތަށް މި ކަންކަން ވެގެން ދިއުމުން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، މީގެ ކުރިން ފުލުހުންގެ މުއައްސަސާގެ ތެރެއިން ވަރަށް ގިނަ ގޯސްތައް ހިނގާފައި އެބަހުރި ކަމަށެވެ. އެ ގޮތުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން ބޮޑެތި އަނިޔާތަކާއި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވިޔަސް އިއްޔެ އެ ހިނގި އާދައިގެ ކަމަކާ ގުޅިގެން ކަންކަން އެއަށްވުރެ ވެސް ރަނގަޅު ކުރަން ފުލުހުންގެ ތެރެއިން އުޅުމުން އެއީ ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާފުށީގައި ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ވަރަށް ގޯސް ކަމަށް ކަމަށް ދެންނެވެން ނެތް ކަމަށް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވިއިރު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުން އަމަލު ކުރީ ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ފުލުހުން އަމަލު ކުރާ ގޮތާ ގުޅިގެން މައާފަށް އެދިވަޑައިގެން ޓްވީޓެއް ކުރައްވާފަ އެވެ.