ހަބަރު

ގާސިމްގެ ގާތިލަށް ދައުވާ ކުރަން ކޯޓަށް

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަދުހަމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރާ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގައި ކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެ ވަގުތެއްގައި ކަމަށް ވެސް ބުންޏެވެ.

ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގާސިމް މަރާލި ކަމަށް އޭނާ އެއްބަސްވެފައިވައިރު ގާސިމަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.