ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.
ތޫނު އެއްޗަކުން ގަސްދުގައި މީހަކު މަރާލާފައިވާ ކަމުގެ ދައުވާ އުފުލާފައިވާ އަދުހަމް، ކުށަށް އިއުތިރާފު ވެފައިވާކަން މީގެ ކުރިން ފުލުހުން ހާމަކުރި އެވެ. އޭނާ ގާސިމަށް ހަމަލާ ދިން ކަމަށާއި ނަމަވެސް އެއީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ހާމަ ކޮށްފައިވެ އެވެ.
އަދުހަމް، ކުށަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އޭނާއާ ދެކޮޅަށް ދައުލަތުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ބައެއް ހެކި ސިއްރު ކުރުމަށް މިއަދު މި މައްސަލާގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އެދުނެވެ. ދައުލަތުން އެދުނީ ސިއްރު ހެކިންގެ މައުލޫމާތާއި ގާސިމްގެ ބައެއް ފޮޓޯތައް ހިމެނޭ ލިޔުންތައް ސިއްރު ކުރުމަށެވެ. އެކަމުގެ ވަގުތީ އަމުރު ޝަރީއަތުން ނެރެދިނެވެ.
ދައުލަތުން ވަނީ މި މައްސަލައަކީ އިއުތިރާފު އެއްބަސްވުމެއް އޮތް މައްސަލައަކަށް ވާތީ އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންގޮސްދިނުމަށް އެދިފަ އެވެ. އިއުތިރާފުވާ މައްސަލަތައް ކުރިއަށް ގެންދަނީ އަވަސް ނިޔާ މައްސަލަތަކެއްގެ ގޮތުގަ އެވެ. އިއްވާ އަދަބު ވެސް ލުއި ވެގެންދާނެ އެވެ.
ހުދު ގަމީހެއްގައި އަދުހަމް މިއަދު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އިންއިރު އޭނާއާއެކު ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލެއް ވެސް އިންނެވި އެވެ. މިއަދުގެ އަޑުއެހުމަކީ އަދުހަމް ލިބިގެންވާ ހައްގުތައް ބަޔާންކޮށްދީ ލިޔުންތައް ލިބިފައިވޭތޯ ބެލުމަށް ބޭއްވި އަޑުއެހުމެކެވެ. އަދުހަމްގެ ވަކީލް ވިދާޅުވީ އަދުހަމަށް ލިޔުންތައް ލިބިފައިވީ ނަމަވެސް ވަކީލަށް އަދި ލިޔުންތައް ނުލިބޭ ކަމަށެވެ. އެހެންކަމުން، ލިޔުންތައް އެއްކޮށް ލިބިފައިވާކަން މިވަގުތަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ މިއަދުގެ އަޑުއެހުމުގައި އިތުރަށް މައްސަލަ ކުރިއަށް ނުގެންގޮސް، މާދަމާ އަޑުއެހުމެއް ބޭއްވުމަށް ޝަރީއަތުން ނިންމި އެވެ. މިއަދުގެ އަޑުއެހުމަށް ގާސިމްގެ އާއިލާ ބައެއް މެންބަރުން އަޑުއެހުމަށް ވަދެ ތިއްބެވެ.
ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ގާސިމްގެ މަރުުގެ މައްސަލަ އާއި ގުޅިގެން އަދުހަމް ހައްޔަރު ކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ގާސިމް މަރުވެފައިވަނީ ފޭރުމުގެ ނިޔަތުގައި އޭނާއަށް ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށް އަދުހަމް ބުނެފައިވެ އެވެ. ގާސިމްގެ ކަރަށް ސީރިއަސް ޒަހަމްތަކެއް ލިބުނުއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ. މިއީ މިފަހުން ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ.