ގައުމީ ސިއްހީ ފަރުވާގެ ނިޒާމުން އާސަންދަ ސްކީމުން، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރި ހޭދަ 200 ޕަސެންޓަށްވުރެ މަތިވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރެފައިވާ އާސަންދަ ކުންފުނީގެ މާލީ ހިސާބުތަކުގައިވާ ގޮތުން ބޭސް ފަރުވާގެ ސްކީމުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭސް ފަރުވާ ކުރުމަށް 288 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަދަދަކީ ދެވަނަ ކުއާޓަރުގައި މި ސްކީމުން ހޭދަ ކުރި 62 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 365 ޕަސެންޓުގެ އިތުރު ވުމެކެވެ.
މި މުއްދަތުގައި ރާއްޖޭން ބޭރުން ބޭސް ފަރުވާކުރި މީހުންނަށް 76 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ދެވަނަ ކުއާޓަރުގައި ހޭދަކުރި 21 މިލިއަން ރުފިޔާއާ އަޅާބަލާއިރު 249 ޕަސެންޓް އިތުރު އަދަދެކެވެ.
ގައުމީ ބޭސް ފަރުވާގެ ނިޒާމުން މި މުއްދަތުގައި ވައިގެ މަގުން ބަލި މީހުން އުފުލި އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ތިން ވަނަ ކުއާޓަރުގައި ވައިގެ މަގުން ބަލި މީހުން އުފުލަން 15 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ ދެވަނަ ކުއާޓަރުގައި ބަލި މީހުން އުފުލަން ހޭދަކުރި 13 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ކަނޑުގެ މަގުން ސީއެމްބިއުލާންސުގައި ބަލި މީހުން އުފުލަން މި މުއްދަތުގައި 5.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަދަދަކީ ދެވަނަ ކުއާޓަރުގައި ހޭދަކޮށްފައިވާ 850,464ރ. އާ އަޅާ ބަލާއިރު 526 ޕަސެންޓު އިތުރު ވުމެކެވެ.
އާސަންދައިގެ ހޭދަ ކުރުކޮށް
- ޖުމްލަ ހޭދަ 288 މިލިއަން ރުފިޔާ (365 ޕަސެންޓް އިތުރު)
- ބޭރުގައި ބޭސް ފަރުވާ އަށް ކުރި ހޭދަ 76 މިލިއަން ރުފިޔާ (249 ޕަސެންޓް އިތުރު)
- ވައިގެ މަގުން ބަލި މީހުން އުފުލަން ކުރި ހޭދަ 15 މިލިއަން ރުފިޔާ (17 ޕަސެންޓް އިތުރު)
- ކަނޑު މަގުން ބަލި މީހުން އުފުލަން ކުރި ހޭދަ 5.3 މިލިއަން ރުފިޔާ (526 ޕަސެންޓް އިތުރު)
- އެހެނިހެން ހޭދަ 169 މިލިއަން ރުފިޔާ (825 ޕަސެންޓް އިތުރުވުމެއް)
އާސަންދަ ސްކީމުން އެހެނިހެން ގޮތް ގޮތުން ބޭސް ފަރުވާއަށް ކުރި ހޭދަވެސް ވަނީ ބޮޑުތަން އިތުރު ވެފަ އެވެ. ތިން ވަނަ ކުއާޓަރުގައި އެހެނިހެން ގޮތް ގޮތުން ކުރި ހޭދަ 169 މިލިއަން ރުފިޔާ އަށް އަރާއިރު މި އަދަދަކީ ދެވަނަ ކުއާޓަރުގައި ބޭސް ފަރުވާ އަށް ހޭދަ ކޮށްފައިވާ 18 މިލިއަން ރުފިޔާއާ ހޭދައާ އަޅާ 825 ޕަސެންޓުގެ އިތުރުވުމެކެވެ.
އާސަންދައަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަޖެޓު ވަނީ ހުސްވެފަ އެވެ.